ކަންގަނާގެ ފިލްމު 'ކުއީން 2' ގާނޫނީ މައްސަލަތަކެއްގެ ތެރެއަށް

ފިލްމު "ކުއީން"ގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އިންޑިއާގެ ބަތަލާ ކަންގަނާ ރަނާވަތުގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ކުއީން"ގެ ދެވަނަ ބައެއް އުފެއްދުމަށް ހުއްދަ ދީފައިނުވާނެ ކަމަށް ބުނެ، އެ ފިލްމުގެ ފުރަތަމަ ބައި އުފެއްދި ފެންޓަމް ސްޓޫޑިއޯސްއިން ޖިއޯސްޓާއާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލައިގައި ފެންޓަމް ސްޓޫޑިއޯސްއިން ވަނީ ފިލްމު ރިލީޒްކުރުން ހުއްޓުވުމުގެ އަމުރަކަށް އެދިފައެވެ. އެ ސްޓޫޑިއޯއިން ބޮމްބޭ ހައިކޯޓަށް ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ، "ކުއީން"ގެ ދެވަނަ ބައި އުފައްދަމުންދަނީ އެ ސްޓޫޑިއޯގެ ހުއްދައާ ނުލައި ކަމަށެވެ. އަދި ބަދަލުގެ ގޮތުގައި 250 ކްރޯޑް ރުޕީސް ހޯދުމަށްވެސް އެ ސްޓޫޑިއޯއިން ވަނީ ދައުވާކޮށްފައެވެ.

ފެންޓަމް ސްޓޫޑިއޯސްއިން ފިލްމާ ދެކޮޅަށް ދައުވާ އުފުލާފައި މިވަނީ، "ކުއީން 2"ގެ ޝޫޓިން ނިންމާލާފައިވާ ކަމަށް ބަތަލާ ކަންގަނާ ރަނާވަތު އިއުލާނުކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.

މި މައްސަލައާ ގުޅިގެން ޖިއޯސްޓާ އިންޑިއާ ޕްރައިވެޓް ލިމިޓެޑުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މި ފިލްމަކީ އަމިއްލަ މިނިވަން އުފެއްދުމެއް ކަމަށާއި، މިއީ ކުރީގެ ފިލްމު "ކުއީން"ގެ ސީކުއަލްއެއް ނޫން ކަމަށެވެ.

ފިލްމު "ކުއީން"ގެ މަންޒަރެއްގައި ބަތަލާ ކަންގަނާ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ޖިއޯސްޓާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަލަށް އުފެއްދި ފިލްމަކީ އަމިއްލަ، މުޅިން ތަފާތު ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް ކަމަށެވެ. އަދި ކުރީގެ އެއްވެސް މަސައްކަތަކާ މި ފިލްމުގެ ވާހަކަ، ކެރެކްޓާ ނުވަތަ އުފެއްދުންތެރިކަމުގެ ގޮތުން އެއްވެސް ގުޅުމެއް ނެތް ކަމަށާއި، މިއީ ކުރިން ނެރެފައިވާ އެއްވެސް ފިލްމެއްގެ ކުރީގެ ނުވަތަ ފަހުގެ ބައެއް ނޫން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ފެންޓަމް ސްޓޫޑިއޯސްއިން ބުނާ ގޮތުގައި "ކުއީން" ފިލްމު އުފެއްދިއިރު، އެ ފިލްމުގެ ދެވަނަ ބައެއް ނުވަތަ އެއާ ގުޅުންހުރި އިތުރު ފިލްމެއް އުފައްދާނަމަ ދެ ފަރާތުގެ މެދުގައި 50 އިންސައްތަ ހިއްސާ އޮންނާނެ ކަމަށް އެއްބަސްވެފައިވެއެވެ.

އަންވީތާ ދަތު ލިޔެފައިވާ 2014 ވަނަ އަހަރުގެ 'ކުއީން'އަށް އެ އަހަރުގެ އެންމެ މޮޅު ފީޗާ ފިލްމާއި އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ވަނީ ލިބިފައެވެ.

comment ކޮމެންޓް