ޒަމާނީ ދިރިއުޅުމުގެ މަސައްކަތާއި، އުނގެނުމާއި އިޖުތިމާއީ ގުޅުންތަކުގައި ޑިޖިޓަލް ވަސީލަތްތަކަށް ބަރޯސާވެފައިވާ މިންވަރު ބޮޑުވުމުގެ ސަބަބުން، ލޮލަށް ބާރުބޮޑުވުމަކީ މިހާރު ވަރަށް އާންމުވެފައިވާ މައްސަލައެކެވެ. މީގެ ސަބަބުން ލޮލަށް އުނދަގޫވުމާއި ފެނުމަށް ބުރޫއެރުން ފަދަ ކަންކަން ދިމާވެއެވެ.
މީގެ އަލާމާތްތަކުގެ ތެރޭގައި ލޯ ހިކުމާއި، ބޮލުގައި ރިއްސުމާއި، ފެނުން ފުސްވުމުގެ އިތުރުން ކަރުގައި ރިއްސުން ފަދަ ކަންކަން ހިމެނެއެވެ. ނަސީބަކުން، ދުވަހުން ދުވަހަށް ކުރާ ކުދިކުދި ކަންކަމަށް ސަމާލުކަން ދީގެން މި މައްސަލައިން ސަލާމަތްވެވިދާނެ ކަމަށް ލޮލުގެ ޚާއްސަ ޑޮކްޓަރުން ވިދާޅުވެއެވެ.
ލޮލުގެ ދުޅަހެޔޮކަމަށް އިސްކަންދީ، ސްކްރީން ބޭނުންކުރާއިރު ކުދިކުދި ބަދަލުތައް ގެނައުމަކީ ލޮލުގެ ފެނުން ރައްކާތެރިކޮށްދީ، ހިތްހަމަޖެހުމާ އެކު މަސައްކަތް ކުރުމަށް މަގުފަހިވާނެ ކަމެކެވެ.
ލޮލަށް ކުރާ ބާރުގެ ސަބަބުން އާންމު ދިރިއުޅުމަށް ބުރޫއަރައިގެން ނުވާނެއެވެ. ޑޮކްޓަރުން އިރުޝާދު ދެއްވަނީ މި މައްސަލަ ދިމާވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށެވެ. މީގެ ތެރޭގައި ގަވާއިދުން ބްރޭކް ނެގުމާއި، ސްކްރީންގެ އަލިގަދަ މިންވަރު ހަމަޖެއްސުމާއި، އިށީނދެގެން އިންނަ ގޮތް ރަނގަޅުކުރުން ހިމެނެއެވެ.

ލޮލުގެ ފެނުން ރައްކާތެރިކުރުމަށްޓަކައި ދުވަހުން ދުވަހަށް ކުރެވިދާނެ ސާދާ ކަންކަމުގެތެރޭ ގަވައިދުން ލޮލުގެ ކަސްރަތުކުރުން ހިމެނޭ--ފޮޓޯ/އެމްއެސްއެން
މީގެ އިތުރުން ލޮލަށް ކުރާ ކަސްރަތުތަކާއި، މަސައްކަތްކުރާ މާހައުލުގެ އަލި ހުންނަ ގޮތް ރަނގަޅުކުރުމަކީ ވެސް ލޮލަށް ކުރާ ބާރު ކުޑަކޮށްދޭނެ ކަންކަމެވެ. 'ދަ ޑެއިލީ ޖާގްރަން'އަށް ދެއްވި ބަސްދީގަތުމެއްގައި، ވިއާން ރެޓިނާ ސެންޓަރުގެ އޮފްތަލްމޮލޮޖިސްޓް އަދި އައި ސާޖަން ޑރ. ނީރަޖް ސަންދޫޖާ ވަނީ ލޮލުގެ ފެނުން ރައްކާތެރިކުރުމަށްޓަކައި ދުވަހުން ދުވަހަށް ކުރެވިދާނެ ސާދާ ކަންތައްތަކެއް ހިއްސާކުރައްވާފައެވެ.
20-20-20 އުސޫލަށް އަމަލުކުރުން:
ލޮލުގެ ވަރުބަލިކަން ކުޑަކުރުމަށްޓަކައި ކުރެވިދާނެ އެންމެ ފައިދާހުރި އެއް ކަމަކީ '20-20-20' އުސޫލެވެ. މިއީ ކޮންމެ 20 މިނެޓަކުން، 20 ފޫޓު ދުރުގައި ހުރި އެއްޗަކަށް މަދުވެގެން 20 ސިކުންތު ވަންދެން ބަލައިލުމެވެ. ޑރ. ނީރަޖް ސަންދޫޖާ ވިދާޅުވާ ގޮތުގައި، މިގޮތަށް މަޑުކޮށްލުމުން ސްކްރީނަށް ބަލަން ހުންނައިރު ލޮލުގެ މަސްތަކަށް ކުރާ ބާރު ކުޑަވެ، ލޯ ރިލެކްސް ކޮށްދެއެވެ.
ހަމައެހެންމެ، ގަސްތުގައި އެސްފިޔަ ޖެހުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާއިރު އެސްފިޔަޖަހާ މިންވަރު ދެބައިކުޅަ އެއްބައި މަދުވެއެވެ. މީގެ ސަބަބުން ލޯ ހިކި، އުނދަގޫތައް ދިމާވެއެވެ. އެހެންކަމުން 'އާޓިފިޝަލް ޓިއާސް' ބޭނުންކުރުމާއި، އެސްފިޔަ ޖެހުމަށް ހަނދާންކޮށްދޭ 'ރިމައިންޑަރެއް' ބެހެއްޓުމާއި، ދޭތެރެއަކުން ލޮލަށް ބްރޭކް ދިނުމަކީ ލޮލުގެ ތެތްކަން ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަންކަމެވެ.
މަސައްކަތްކުރާ ތަނުގެ ތަރުތީބު ރަނގަޅުކުރުން:
ސްކްރީން ބަހައްޓާ ގޮތަކީ ލޮލަށް ކުރާ ބާރާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. އެންމެ އެކަށީގެންވާ ގޮތަކީ ސްކްރީން ހުންނަ ދުރުމިން އަތުގެ ދިގުމިނެއްގައި ބެހެއްޓުމާއި، ލޮލުގެ ލެވެލްއަށްވުރެ ކުޑަކޮށް ތިރިކޮށް ބެހެއްޓުމެވެ. މީގެ ސަބަބުން ލޮލަށް ކުރާ ބާރާއި ކަރުގައި ރިއްސުން ކުޑަވެގެންދެއެވެ.
ޑރ. ނީރަޖް އިތުރަށް ވިދާޅުވި ގޮތުގައި، ސްކްރީންގެ އަލި ހުންނަ މިންވަރު ކޮޓަރީގެ އައްޔާ އެއްވަރަކަށް ބެހެއްޓުމާއި، އަކުރުތައް ބޮޑުކުރުމަކީ ލޮލަށް ފަސޭހަވާނެ ކަންކަމެވެ. ސްކްރީނުން އަލި ދައުރުވާނަމަ، އެންޓި-ގްލެއާ ފިލްޓަރެއް ބޭނުންކުރުމަށް ނުވަތަ ކުޑަދޮރު ފަދަ އަލިގަދަ ތަންތަނާ ދުރުގައި ސްކްރީން ބެހެއްޓުމަށް އޭނާ ލަފާދެއްވައެވެ.

ލޯ ހިކި، އުނދަގޫތައް ކުރިމަތިވާނަމަ ލޮލުގެ ހާއްސަ ޑޮކްޓަރެއްގެ ލަފާގެ މަތިން 'އާޓިފިޝަލް ޓިއާސް' ބޭނުންކުރެވިދާނެ--ފޮޓޯ/އެމްއެސްއެން
ޑިޖިޓަލް ބްލޫ ލައިޓުން ލިބޭ އުނދަގޫތައް ކުޑަކުރުން:
ސްކްރީންތަކުން އަންނަ 'ބްލޫ ލައިޓް' އަކީ ނުރައްކާތެރި އެއްޗަކަށް ނުވި ނަމަވެސް، އޭގެ ސަބަބުން ލޮލަށް އުނދަގޫވުމާއި ނިދުމަށް ދަތިވުން ފަދަ ކަންކަން ދިމާވެއެވެ. މީގެން ސަލާމަތްވުމަށް އަގުބޮޑު އައިނު ބޭނުންކުރާކަށް ނުޖެހެއެވެ. ޑރ. ނީރަޖް ވިދާޅުވާ ގޮތުގައި، ފޯނު ނުވަތަ ކޮމްޕިއުޓަރުގައި ހުންނަ 'ނައިޓް މޯޑް' ނުވަތަ 'ވާމް ކަލަ' ސެޓިންގްސް ބޭނުންކުރުމުން ލޮލަށް ލިބޭ ބާރު ކުޑަވާނެއެވެ.
ލޮލުގެ އާންމު ދުޅަހެޔޮކަމަށް ސަމާލުކަން ދިނުން:
ހަށިގަނޑުގެ އާންމު ދުޅަހެޔޮކަމަކީ ލޮލުގެ ފަސޭހަކަމާ ގުޅިފައިވާ ކަމެކެވެ. ގިނައިން ފެން ބުއިމާއި، ދޭތެރެއަކުން ހިނގާލުމާއި، އޭސީ ކޮޓަރި ފަދަ ތަންތަނުގައި ހިއުމިޑިފަޔަރެއް ބޭނުންކުރުމަކީ ލޯ ހިކުމުން ސަލާމަތްކޮށްދޭނެ ކަންކަމެވެ. އައިނު އަޅާ ބޭފުޅެއްނަމަ، އައިނުގެ ނަމްބަރު ބަރާބަރުތޯ ޔަގީންކުރުމާއި، ކޮމްޕިއުޓަރު ބޭނުންކުރަން ޚާއްސަ ލެންސެއް ބޭނުންކުރުމާ ބެހޭގޮތުން ޑޮކްޓަރާ މަޝްވަރާ ކުރެވިދާނެއެވެ.
ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން ލޮލަށް ކުރާ ބާރަކީ މި ޒަމާނުގެ އާންމު ބައްޔަކަށް ވެފައިވީ ނަމަވެސް، ހޭލުންތެރިކަމާއެކު މިފަދަ ކުދިކުދި އާދަތަކަށް ސަމާލުކަން ދީފިނަމަ، ލޮލުގެ ފެނުން ރައްކާތެރިކޮށް، ދުޅަހެޔޮ ގޮތެއްގައި މަސައްކަތްތައް ކުރިއަށް ގެންދެވޭނެއެވެ.