އައްޑޫ ސިޓީއާ 933 ކިލޯ މީޓަރު ދުރަށް މިއަދު ބިންހެލުމެއް އަތުވެއްޖެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ބުނި ގޮތުގައި، މި ބިންހެލުން އައީ ޗާގޯސްގެ ރަށްތަކުގެ ސަރަހައްދަށެވެ. އެއީ، އައްޑޫ ސިޓީއާ 933 ކިލޯ މީޓަރު ދުރު ކަމަށްވާއިރު، 5.4 މެގްނިޓިއުޑުގެ ބާރުމިނުގައި މި ބިންހެލުން އައީ ހަވީރު 06:01ގައި ކަމަށް މެޓުން މައުލޫމާތުދެއެވެ.
އެކަމަކު، މި ބިންހެލުމުގެ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.
މިއަދު ބިންހެލުމެއް އައިއިރު، ރާއްޖެއަށް އަސަރުކޮށްފާނެ ބިންހެލުމެއް އަންނަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ޕޯސްޓުތަކަކާ ގުޅިގެން މެޓުން މިދިޔަ އާދިއްތަ ދުވަހު މައުލޫމާތުތަކެއް ހިއްސާކުރިއެވެ.
އެ ދުވަހު މެޓުން ބުނީ، ދިގު މުއްދަތަކަށް ބަލާއިރު، ބިންހެލުންތައް އައުން ގާތް ސަރަހައްދުތައް ސައިންވެރިންނަށް ކަނޑައެޅިދާނެ ކަމަށެވެ. ނަމަވެސް ސައިންޓިފިކް ގޮތުން ބިންހެލުންތައް ދުރާލާ ދެނެގަނެވޭނެ ގޮތެއް މިހާތަނަށް ހޯދިފައިނުވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
އެ އިދާރާއިން ވަނީ، ބިންހެލުންތަކުގެ މައުލޫމާތުތައް މެދުނުކެނޑި ބަަލަމުން އަންނަ ކަމަށާއި، ރާއްޖެއަށް އަސަރުކޮށްފާނެ ބިންހެލުމެއް އަތުވެއްޖެނަމަ، ލަސްނުކޮށް އެ މައުލޫމާތެއް ހިއްސާކުރާނެކަން ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ރާއްޖެއާ ކައިރިއަށް ބިންހެލުންތައް އައުމުން މެޓުން އާންމުކޮށް އެ މައުލޫމާތު ހާމަކުރެއެވެ. އަދި، ރާއްޖެއަށް އެ ކަމުން އަސަރުކޮށްފާނެކަން ނުވަތަ ނޫންކަން ވެސް އެ އިދާރާއިން ކިޔައިދެއެވެ.