ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް 2026 ގެ ކުއާޓާ ފައިނަލުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ސްޓެލްކޯ ރެކްރިއޭޝަން ކްލަބް، ޔުނައިޓެޑް ބީއެމްއެލް އަދި ޓީމު އެމްއޭސީއެލް ޖާގަ ހޯދައިފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންޑޯސްކޮށްގެން ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި އަހަރުގެ މުބާރާތުގައި ޖުމްލަ 17 ޓީމަކުން ވާދަކުރެއެވެ.
މި ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭ، ބީ އަދި ސީ އިން ކޮންމެ ގްރޫޕެއްގައި 4 ޓީމު އަދި ގްރޫޕް ޑީގައި 5 ޓީމު ހިމެނެއެވެ.
ރޭ ކުޅުނު ގްރޫޕް އޭގެ ފޯރިގަދަ މެޗުގައި އެމްޕީއެލް އިން ވަނީ 7-3 ގެ ނަތީޖާއަކުން ޕޮލިސް ކްލަބް ބަލިކޮށް ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި ގްރޫޕުގައި ހިމެނޭ ސްޓެލްކޯ އިން ކުއާޓާގެ ޖާގަ ހޯދީ 8-5 އިން ކްލަބް ޓީޓީއެސް ބަލިކޮށްގެންނެވެ.

ކްލަބް މޯލްޑިވްސް ކަޕް 2026 ގައި އެމްޕީއެލް ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ
މި ނަތީޖާތަކާއެކު ގްރޫޕް އޭގެ އެއްވަނަ އެމްޕީއެލް އަދި ދެވަނަ ސްޓެލްކޯއަށް ލިބުނީ ކުޅުނު މެޗުތަކުން 7 ޕޮއިންޓް ހޯދައިގެންނެވެ.
އެމްޕީއެލްއަށް ގްރޫޕްގެ އެއްވަނަ ލިބުނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ތިންވަނައިގައި ނިންމި ޓީޓީއެސްއަށް 3 ޕޮއިންޓް ލިބުނުއިރު، ތާވަލުގެ ފުލުގައި އޮތް ޕޮލިސް ކްލަބަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ގްރޫޕް ބީގައި ބީއެމްއެލް އިން ކުއާޓާގެ ޖާގައެއް ކަށަވަރުކުރީ ޓީމު ފެނަކަ އަތުން 8-3 އިން މޮޅުވެގެންނެވެ. މިއާއެކު، މި ގްރޫޕުގެ އަނެއް މެޗުގައި ކަސްޓަމްސް ރެކްރިއޭޝަން ކްލަބުން 5-4 އިން އެމްއޭސީއެލް ބަލިކުރި ނަމަވެސް، ލަނޑުގެ ތަފާތުން ކުރިލިބިގެން ކުއާޓާއަށް ދިޔައީ އެމްއޭސީއެލްއެވެ.

ކްލަބް މޯލްޑިވްސް ކަޕް 2026 ގައި ޔުނައިޓެޑް ބީއެމްއެލް ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ
ގްރޫޕް ބީގެ ކުޅުން ނިމުނުއިރު އެއްވަނަ ބީއެމްއެލް ހޯދިއިރު ދެވަނަ ލިބުނީ އެމްއޭސީއެލަށެވެ. އަދި ތިންވަނައަށް ދިޔައީ ކަސްޓަމްސްއެވެ. މި ތިން ޓީމަށްވެސް ލިބުނީ 6 ޕޮއިންޓެވެ. ކަސްޓަމްސް މުބާރާތުން ކެޓީ ލަނޑުގެ ތަފާތުންނެވެ. މީގެއިތުރުން، ފެނަކައަށް މުޅި މުބާރާތުގައިވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މިރޭ ކުޅުމަށް ހަމަޖެހިފައިވާ ގްރޫޕް ސްޓޭޖުގެ ފަހު މެޗުކެވެ. އެގޮތުން 20:15 ގައި ކުޅޭނީ ދެ މެޗެވެ. އެއީ އެސްޓީއޯ އާރްސީ އާއި އެފްއެސްއެމް ބައްދަލުކުރާ މެޗުގެ އިތުރުން ކްލަބް އެމްޓީސީސީ އާއި ޑީއެސްސީ ވާދަކުރާ މެޗެވެ.
މީގެއިތުރުން، މިރޭ 22:30 ގައި ކުޅުމަށް ހަމަޖެހިފައިވަނީ އާރްއާރްސީ އާއި ކްލަބް އިމިގްރޭޝަން ބައްދަލުކުރާ މެޗާއި ކްލަބް ވެމްކޯ އިން ކްލަބް އެޗްޑީސީއާ ދެކޮޅަށް ނުކުންނަ މެޗެވެ.