ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެއް ހޯދަން ޖޭއެސްސީން އިއުލާންކޮށްފިއެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ، ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި، އިދާރީ މުވައްޒަފުންގެ ވަޒީފާއާ ބެހޭ ކަންކަން އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓާ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފުގެ މަޝްވަރާގެ މަތިން ހިންގައި ބެލެހެއްޓުމުގެ އެންމެ އިސް ފަރާތެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް މީހަކު ހޯދަން ޖޭއެސްސީން އިއުލާން ކުރީ އެންމެ ފަހުން އެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ އެ މަގާމުން އިސްތިއުފާ ދެއްވުމުން، ތިން މަހެއްހާ ދުވަހު އެ މަގާމު ހުސްކޮށް އޮތުމަށް ފަހުއެވެ. އަމްޖަދު އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުއެވެ. އިސްތިއުފާ ދެއްވި ސަބަބެއް އަމްޖަދު ވިދާޅެއް ނުވެއެވެ.
އަމްޖަދުގެ ކުރިން އެ މަގާމުގައި ހުންނެވީ އައިޝަތު ރިޒްނާ އެވެ. އޭނާ ސެޕްޓެމްބަރު 2024 ގައި އިސްތިއުފާ ދެއްވީ ޑީޖޭއޭ ހިންގުމުގެ ގާނޫނީ އޮނިގަނޑާއި ސިޔާސަތުތަކާއި އުސޫލުތަކުގެ ތެރެއިން ޖޭއެސްސީއާ އެކު މަސައްކަތް ކުރެވޭނެ މާހަލެއް ނެތްކަމަށް ވިދާޅުވެ އެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ ޝަރުއީ ދާއިރާގެ އިދާރީ އެންމެ އިސްވެރިޔާއެވެ. އޭނާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކޯޓުތަކަށް އިދާރީ މުވައްޒަފުން އައްޔަންކުރުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، އިދާރީ ފިޔަވަޅު އެޅުމާއި، ވަކިކުރުން ހިމެނެއެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅާ އުސޫލަކުން ފަނޑިޔާރުންނަށާއި، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުންނަށާއި، ކޮމިޝަނުގެ މުވައްޒަފުންނަށާއި، ޝަރުއީ ދާއިރާއަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތަކާއި ތާޒާކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ފަނޑިޔާރުންގެ އިލްމީ ފެންވަރު މަތިކުރުމުގެ ގޮތުންނާއި ފަންނީ ހުނަރު އިތުރުކުރުމުގެ ގޮތުން ބާއްވަން ޖެހޭ ބައްދަލުވުންތަކާއި، ސެމިނާ އަދި ކޮންފަރެންސްތައް ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅާ އުސޫލާ އެއްގޮތަށް ބޭއްވުން ވެސް ހިމެނެއެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަކީ ފަސް އަހަރުގެ ދައުރެއް ކަނޑައަޅާފައިވާ މަގާމެކެވެ. އެ މަގާމުގެ އަސާސީ މުސާރައަކީ 30,000 ރުފިޔާއެވެ. އޭގެ އިތުރުން އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 27,235 ރުފިޔާ އަދި ފޯން އެލަވަންސަށް 2،000 ރުފިޔާ ލިބޭނެއެވެ.