އެމްޑީޕީގެ ކަންބޮޑުވުން: ކޮމިޓީ އެލަވަންސަށް 20،000 ރުފިޔާ ލިބޭއިރު، ބައްދަލުވުމެއްގައި 15 މިނިޓު ވެސް ނުވޭ

އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާ ލިބޭއިރު، އެއާ އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރެވޭ ކަމަށާއި، ކޮމިޓީ ބައްދަލުވުމެއްގައި 15 މިނިޓު ވެސް ހޭދަ ނުވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީ މެންބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން މަޖިލީހުގެ މައިނޯރިޓީ ޕާޓީ، އެމްޑީޕީން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައި އެ ކަންބޮޑުވުންތައް ހިއްސާކުރައްވައިފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ މަޖިލީހުގައި އޮންނަނީ މައިގަނޑުކޮށް ކުރާ ދެ މަސައްކަތެއް ކަމަށެވެ. އެއީ މަޖިލީހުގެ ފްލޯގައި ކުރާ މަސައްކަތާއި ކޮމިޓީގައި ކުރާ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު ކުރާނެ މާ ބޮޑު ކަމެއް ތަޅުމުގައި ވެސް އަދި ކޮމިޓީގައި ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މެންބަރަކަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާ މަހަކު ލިބޭއިރު މިހާރު ކޮމިޓީ ބައްދަލުވުމެއްގައި 15 މިނިޓު ވެސް ހޭދަ ނުވެއެވެ. އަދި ގިނަ ފަހަރަށް ކޮމިޓީތައް އެޖެންޑާކުރުމަށް ފަހު ކުރަނީ ކެންސަލެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު ޝަމްހީދު ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް

"މިހާރު މަޖިލީހުގައި އޮތީ އެމެންޑްމަންޓެއް ކުންޏާ ބެހޭ ގޮތުން އައިސް އޮތް. އެ އިސްލާހަށް މިއަދު އެންމެ ބޭފުޅަކަށް ފުރުސަތު ލިބުނީ ބަހުސްކޮށްލަށް. އެއީ ކުރާނެ އިތުރުކަމެއް ނެތީމާ އަޅުގަނޑުމެން ޖެހޭނީ ހަމަ އެންމެ އެމެންޑްމަންޓެއް މި ހަފުތާގައި ތަޅުވަން،" ޝަމްހީދު ވިދާޅުވިއެވެ.

"...ދެން މިއޮތީ ކޮމިޓީގެ މަސައްކަތް. ކޮމިޓީގެ އެލަވަންސްގެ ގޮތުގައި އަޅުގަނޑުމެންނަށް އެބަ ލިބޭ 20،000 ރުފިޔާ. ކޮމިޓީއެއްގަ މިހާރު އެވްރެޖްކޮށް ހޭދައެއް ނުކުރަން އަޅުގަނޑުމެން 15 މިނެޓު [ވެސް]،" ޝަމްހީދު އިތުރަށް ވިދާޅުވިއެވެ.

ވަރަށް ޒިންމާދާރުކޮށް ކުރަންޖެހޭ މަސައްކަތްތައް ކޮމިޓީތަކުގައި ހުރިކަން ފާހަގަކުރައްވައި ޝަމްހީދު ވިދާޅުވީ އެމްޑީޕީން މާލިއްޔަތު ކޮމިޓީގައި ވެސް މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް މިއަދު ވެސް މާލިއްޔަތު ކޮމިޓީ އެޖެންޑާ ކުރުމަށްފަހު އެޖެންޑާ ކުރި ގަޑި ޖެހުނުއިރު އޮތީ ކެންސަލްވެފައެވެ.

"އެއްގޮތަކަށް ވެސް ސަރުކާރު ޖަވާބުދާރީކުރަން މަޖިލީހުން މި ކުރަންޖެހޭ މަސައްކަތެއް ނުކުރެވޭ،" ކަންބޮޑުވުން ފާޅުކުރައްވައި އެމްޑީޕީގެ މެންބަރުން ވިދާޅުވިއެވެ.

ހެނދުނު 09:00ގައި ފެށި މިއަދުގެ މަޖިލީހުގެ ޖަލްސާ ވެސް 11:30 ވަނިކޮށް ވަނީ ނިންމާލައިފައެވެ. އަދި އެޖެންޑާ ކުރި ދެ ކޮމިޓީގެ ތެރެއިން އެއް ކޮމިޓީ ކެންސަލްވިއެވެ.

މީގެ ކުރިން ވެސް މި މައްސަލަ ފެންމަތިވެއެވެ. އެޖެންޑާކުރާ ގިނަ ކޮމިޓީތައް ގަޑި ޖެހުމާއެކު ކެންސަލްކޮށް، ބައެއް ކޮމިޓީތައް ފަސް މިނެޓު ނުވަތަ 10 މިނެޓުން ނިންމާލާ މައްސަލައިގައި މީގެ ކުރިން ވެސް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އަދި ގަވައިދުން ޖަލްސާތައް ނުބާއްވާ މައްސަލަ ވެސް ބޮޑެވެ.

https://sun.mv/222982

ފާހަގަކުރެވޭ ގޮތުގައި ސަރުކާރުގެ ސުޕް މެޖޯރިޓީ އޮތް 20 ވަނަ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި ވެސް މަޖިލީހުގެ ޖަލްސާތައް ގަވައިދުން ބާއްވައިފައެއް ނުވެއެވެ. އަދި ކޮމިޓީ ބައްދަލުވުންތައް ވެސް ގަވައިދުން ބާއްވާފައެއް ނުވެއެވެ.

ސަރުކާރުގެ އަޣުލަބިއްޔަތުން ހިންގަމުން އަންނަ މަޖިލީހުގެ މެންބަރުންނަކީ ވަރަށް ބޮޑު މުސާރައެއްގެ އިތުރުން, ގިނަ އިނާޔަތްތަކެއް ދައުލަތުން ފޯރުކޮށްދޭ ބައެކެވެ. އަދި، މަޖިލީހުގެ އިދާރާ ހިންގުމަށް ވެސް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކޮންމެ އަހަރަކު ކުރެއެވެ. އެކަމަކު، އެ ލިބޭ މުސާރައާއި އިނާޔަތްތަކާ އެއްވަރަށް މެންބަރުން މަސައްކަތް ނުކުރާކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ.

comment ކޮމެންޓް