ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ޚަރަދުވާ، ތިލަމާލެ ބްރިޖުގެ މަސައްކަތުގެ 75 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފިއެވެ.
ތިލަމާލެ ބުރިޖަކީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭނެ ބޮޑު ބްރިޖެކެވެ. ޖުމްލަ ހަތް ކިލޯމީޓަރެއްހައި ދިގުމިނަށް ދެމިގެން ދާނެ މި ބްރިޖުގައި، ކޮޅަކަށް ދެ ލޭނު އޮންނާނެއެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނީ، މި ވަގުތު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ބްރިޖް ޑެކަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި، އެ ތަކެތި އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށެވެ.
މީގެ އިތުރުން، ބްރިޖް ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ތެރެއިން 90.4 ޕަސެންޓް ސެގްމަންޓް މިހާރު ވަނީ ކާސްޓްކޮށް ނިމިފައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އޭގެ ތެރެއިން، 72.9 ޕަސެންޓް ސެގްމަންޓް ވަނީ އިންސްޓޯލްކޮށް ނިންމާފައި ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ބްރިޖާ ގުޅިގެން ޖަހަން ޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްކަން މިނިސްޓްރީން ހާމަކުރިއެވެ.
މިދިޔަ ޖަނަވަރީ މަހު "ސަން"އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓް މެނޭޖަރު އެސްއެމް ވިސްވަމުރްތީ ވިދާޅުވީ، ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ކޮލިޓީއާ މެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި، ކުރަނީ އެންމެ މަތީ ފެންވަރުގެ މަސައްކަތް ކަމަށެވެ. އަދި އެ ބުރިޖުގައި މާލެއާއި ވިލިމާލެއާ ދެމެދު އޮންނަ ސެގްމަންޓުތައް އޮކްޓޯބަރުގެ ނިޔަލަށް ނިންމައިލެވޭނެކަމަށް އޭނާ އޭރު ލަފާކުރެެއްވިއެވެ.