ޗައިނާގެ އިރުމަތީ ސިޓީއެއް ކަމަށްވާ ނަންޖިންގްގެ ކުރީގެ އިސް އޮފިޝަލަކު ރިޝްވަތު ބަލައިގަތް މައްސަލައެއްގައި މަރުގެ ހުކުމް އިއްވައިފިއެވެ.
ޗަންގްޒޯ އިންޓަމިޑިއަޓް ޕީޕަލްސް ކޯޓުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ 1993 ން 2023 އަށް ސަރުކާރުގެ އެކި މަގާމުތަކުގައި ހުރެ ޖުމްލަ 2.2 ބިލިއަން ޔުއާން (324 މިލިއަން ޑޮލަރު) އަށްވުރެ ގިނަ ފައިސާ އާއި މުދާ އޭނާ ގަވާއިދާ ހިލާފަށް ބަލައިގަތްފައިވާ ކަމަށެވެ.
ޖިއާންގްސޫ ޕްރޮވިންސްގެ ކޯޓުން ބުނެފައި ވަނީ ރިޝްވަތު ޔަންގް އަށް ދީފައި ވަނީ "ޕްރޮޖެކްޓްތައް ހިންގުމާއި ވިޔަފާރި ހިންގުމާއި ބިން ދިނުމާއި ވޯކިން ކެޕިޓަލް" ގެ އެހީތެރިކަމުގެ ބަދަލުގައި ކަމަށެވެ.
އަދި ފާއިތުވި އަހަރުތަކުގައި ހިނގި އެންމެ ބޮޑު އެއް ކޮރަޕްޝަންގެ މައްސަލައިގައި ޚިޔާނާތާއި ރިޝްވަތު ހުށަހެޅުމާއި އާންމު ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑަރިންގެ ކުށް ވެސް ޔަންގްގެ މައްޗަށް ސާބިތުވެފައިވެއެވެ.
އެ މައްސަލައިގައި އާންމު އަޑުއެހުންތައް މާޗް އަދި އޭޕްރީލް މަހުގެ ދެ ދުވަހު ބާއްވާފައިވާއިރު، 30 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ކޯޓުން ބުނެއެވެ.
ކޯޓުން ބުނީ ޔަންގްގެ އަމިއްލަ މުދާ ހިފެހެއްޓޭނެ ކަމަށާއި ރިޝްވަތުގެ ގޮތުގައި އޭނާއަށް ލިބުނު ފުރިހަމަ ފައިސާ ހޯދުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރާނެ ކަމަށެވެ.
ޔަންގް ތަހުގީގު ކުރީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދިގު މުއްދަތަކަށް ކުރިއަށް ގެންދިޔަ އެންޓިކޮރަޕްޝަން ކެމްޕޭންގެ ތެރެއިން ކަމަށާއި އެ ކެމްޕޭން ބައެއް ގޮތްގޮތުން ބޭނުންކޮށްފައި ވަނީ ޝީގެ ސިޔާސީ ވާދަވެރިން ވަކިކުރުމަށް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
އޭނާ އަކީ ޗައިނާގައި ފާއިތުވި އަހަރުތަކުގައި ކޮރަޕްޝަންގެ ކުށުގައި މަރުގެ ހުކުމް އިއްވި އެންމެ ފަހުގެ އޮފިޝަލެވެ.
ދެހާސް އެކާވީސް ވަނަ އަހަރު ދައުލަތުގެ ކުންފުންޏެއްގެ ޕާޓީ ސެކްރެޓަރީއެއް ކަމަށްވާ ލައި ޝިއާއޯމިންގެ މައްޗަށްވެސް މަރުގެ ހުކުމް އިއްވައި މަރުގެ އަދަބު ދީފައި ވަނީ ރިޝްވަތު ބަލައިގަތުމާއި ޚިޔާނާތާއި ބިގަމީގެ ކުށްތަކުގެ މައްޗަށެވެ.
ދެހާސް ސައްވީސް ވަނަ އަހަރު މޮންގޯލިއާގެ ލޯކަލް އޮފިޝަލެއް ކަމަށްވާ ލީ ޖިއަންޕިންގްއަށްވެސް ވަނީ ޚިޔާާނާތާއި ރިޝްވަތުގެ ކުށް ސާބިތުވުމުން މަރުގެ އަދަބު ދީފައެވެ.