ދިއްގަރުން އިތުރު 2 މީހުން ފާނަބަސަންދަށް ޕޮޒިޓިވްވެއްޖެ

މ. ދިއްގަރު ސިއްހީ މަރުކަޒު: އެ ރަށުގައި އަދިވެސް އަންނަނީ ފާނަބަސަންދު ފެތުރެމުން --- ފޮޓޯ/ މެޕިއޯ. ނެޓް

މ. ދިއްގަރުން ފާނަބަސަންދަށް އިތުރު ދެ މީހުން ޕޮޒިޓިވްވި ނަމަވެސް، ޖުމުލަ އަދަދު 17އަށް ދަށްވެއްޖެއެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި، ދިއްގަރުގައި ފާނަބަސަންދު ފެތުރެން ފެށީ މިދިޔަ ބޮޑު އީދު ބަންދަށް ފަހުގައެވެ. އޭރުއްސުރެ ދިއްގަރުގައި މި ބަލި ފެތުރެމުން އައި ނަމަވެސް، މި ކަމުގެ މައުލޫމާތުތައް އެ ރަށު ސިއްހީ މަރުކަޒުން ހާމަކުރަން ފެށީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެނެވެ.

އެގޮތުން، މިދިޔަ އާދިއްތަ ދުވަހު އެ ރަށު ހެލްތު ސެންޓަރުން ބުނި ގޮތުގައި، އެހާތަނަށް އެ ބައްޔަށް ޕޮޒިޓިވްވެފައި ތިބީ 20 މީހުންނެވެ.

https://sun.mv/223921

އެކަމަކު، އިއްޔެ އާންމުކުރި ތަފާސްހިސާބަށް ބަލާއިރު، ދިއްގަރުގައި ފާނަބަންދަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ޖުމުލަ އަދަދު ވަނީ 17އަށް ދަށްވެފައެވެ. އެގޮތުން، އެއް ދުވަހުން އިތުރު ދެ މީހަކު އެ ބައްޔަށް ޕޮޒިޓިވްވިއިރު، ފަސް މީހަކު ބަލިން ރަނގަޅުވެގެން ދިއްގަރު ސިއްހީ މަރުކަޒުން ވަނީ ދޫކޮށްލާފައެވެ.

ފާނަބަސަންދު ޖެހިފައިވާ ކުއްޖެއް: ދިއްގަރުގައި އަންނަނީ މި ބަލި ފެތުރެމުން --

ދިއްގަރުގައި ފާނަބަސަންދު ފެތުރެމުން އަންނައިރު، އެއީ ގައިންގަޔަށް އަރާ ބައްޔެކެވެ. މިގޮތުން، އެ ބަލި ޖެހެނީ، ފާނަބަސަންދު ޖެހިފައި ހުރި މީހަކު ކެއްސާއި ކިނބިހި އަޅާއިރު، ނޭވާލާ ނިޒާމުންނާއި ބިހި ނަގާފައި ހުރި މީހެއްގެ ގައިގައި ބީހުމުން ނުވަތަ އޭނާ ބޭނުންކޮށްފައިވާ ތުވާލި، އަންނައުނު ފަދަ ތަކެތި ބޭނުންކުރުމުގެ އިތުރަށް ގައިގައި ހުރި ބިހިތައް އެއްކޮށް ރަނގަޅުވަންދެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި، ހުން އައުމާއި ވަރުދެރަވުމާއި ނޭފަތުން ފެންއައުމާއި ހަމުގައި ބިހިތަކެއް ނެގުން ހިމެނެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނި ގޮތުގައި، ފާނަބަސަންދު ޖެހިފައިވާ މީހެއްގެ ގައިގައި ނަގާ ބިހިތައް ފެންފޮޅުތަކަކަށް ބަދަލުވާނެ ކަމަށެވެ. އެ ބިހިތަކަކީ ވަރަށް ހިރުވާ، ފަސޭހައިން ފަޅައިގެނދާ ބިހިތަކެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި، ދެތިން ދުވަސް ތެރޭގައި ހަށިގަނޑުގެ އެކި ތަންތާ ފެންބިހި ނަގާނެ ކަމަށް މައުލޫމާތުދިނެވެ.

comment ކޮމެންޓް