އދ. ހަންޏާމީދޫގައި ބަގީއެއް ފުރޮޅާލައި ހިނގި ހާދިސާއެއްގައި ކުޑަކުއްޖަކު މަރުވެއްޖެއެވެ.
ހަންޏާމީދޫގެ ކައުންސިލަރު އާމިނަތު ރަމްޒާ 'ސަން'އަށް މިއަދު ވިދާޅުވީ، ހަންޏާމީދޫގައި ބަގީއެއް ފުރޮޅާލައި ކުޑަކުއްޖަކު މަރުވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
މި ހާދިސާގައި މަރުވީ, އދ ހަންޏާމީދު / ޑެއިޒީވިލާ އަލީ އަނަސް ބިން މުޙައްމަދު އަރީޝްއެވެ. އެއީ 13 އަހަރުގެ ކުއްޖެކެވެ.
ހާދިސާ ހިނގައިދިޔަ ގޮތުގެ ތަފްސީލު ހިއްސާކުރައްވަމުން ހަންޏާމީދޫ ކައުންސިލުގެ ނައިބު ރައީސް މުޙައްމަދު ޔާސިރު 'ސަން' އަށް ވިދާޅުވީ، ހާދިސާ ހިނގީ އެ ކުއްޖާ ބަގީއަކަށް އަރައި ހިފާލި ވަގުތު ބަނދަރުމަތިން ގޮސް މޫދަށް ވެއްޓިގެން ކަމަށެވެ.
"ދެން ވެއްޓުނު ގަޑީގައި ދޯންޏެއްގެ ފަހަތު ބައިގައި ބޯ ޖެހުނީ، މަންޒަރު ބަލަން ތިބި މީހުން [މޫދަށް] ފުންމައިލައިގެން ގޮސް ނެގީ، ނެގިއިރު އަނގައިންނާއި ނޭފަތުން ލޭ ފޭބި،" ޔާސިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ކުއްޖާ މަރުވީ ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.
އިއްޔެ މަރުވި ކުއްޖާގެ މައްޗަށް ކަށުނަމާދުކޮށް، ރޭގެ ވަގުތެއްގައި ވަނީ ވަޅުލައިފައެވެ.