މިއަދުގެ ތާރީޚު (26.06.26) ރީތިވެ، 50 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން މިއަދު ބުނެފިއެވެ.
ރީތި ތާރީޚުތަކާ ގުޅުވައި، ކައިވެނި ކުރުމަކީ ދިވެހީންގެ މެދުގައި މަގުބޫލު ކަމެކެވެ. އެފަދަ ދުވަސްތަކުގައި ގިނަ އަދަދަކަށް ކައިވެނިތައް ކުރެއެވެ.
ފެމިލީ ކޯޓުން މިއަދު ބުނި ގޮތުގައި، ޖުމުލަ 50 ކައިވެނި އެ ކޯޓުން މިއަދު ކޮށްދޭނެއެވެ. އޭގެތެރެއިން، ގިނަ ކައިވެނިތައް ކުރަނީ ކޯޓުން ބޭރުގައެވެ. މިގޮތުން، ކޯޓުން ބޭރުގައި ފެމިލީ ކޯޓުން މިއަދު 39 ކައިވެނި ކޮށްދޭއިރު، 11 ކައިވެންޏެއް ކުރަނީ ކޯޓުގައެވެ.
އެ ކޯޓުން ކުރިން ބުނި ގޮތުގައި، ރީތި ތާރީޚުތަކާ ދިމާކޮށް އާންމުކޮށް 50އާއި 80އާ ދެމެދުގެ އަދަދަކަށް ކައިވެނިތައް ކުރާ ކަމަށެވެ.
އާންމުކޮށް ރީތި ތާރީޚުތަކުގައި ގިނަ މީހުން ކައިވެނިކުރަން ހުށަހެޅުމުން، ފެމިލީ ކޯޓުގެ ބޭރުގައި ޓެންޓު ޖަހައި، މީހުންނަށް އިށީނދެވޭ ގޮތަށް ގޮނޑިބަރި ޖަހާފައި ވެސް ހުރެއެވެ.
ރީތި ތާރީޚުތަކާ ދިމާކޮށް، ކައިވެނި ކުރުމަކީ މިހާރު ދިވެހީންގެ މެދުގައި މަގުބޫލު ކަމެކެވެ. އެފަދަ ދުވަސްތަކުގައި ގިނަ އަދަދަކަށް ކައިވެނި ކޮށްދީފައި ވެސް އެބަ ހުއްޓެވެ.
އެގޮތުން، 22.02.22 ފެމެލީ ކޯޓުގައި ރަޖިސްޓްރީކޮށްގެން 85 ކައިވެނި ކޮށްދީފައިވެއެވެ.
މީގެއިތުރުން، 2021 ވަނަ އަހަރު ޑިސެމްބަރު މަހު އައި ރީތި ތާރީޚެއް ކަމަށްވާ 21.12.21ގައި ފެމިލީ ކޯޓުން ވަނީ 57 ކައިވެނި ކޮށްދީފައެވެ. އެއީ އެ އަހަރު އެންމެ ގިނަ ކައިވެނި ކުރި ދުވަހެވެ.