ދިވެހިރާއްޖޭގައި ލޮލުގެ ފަރުވާގެ ޚިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ އައިކެއަރ އާއި، އޮޕްޓިކަލް ސައިންސްގެ ދާއިރާގައި ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ޒައިސް" ގުޅިގެން، ރާއްޖޭގެ އެކްސްކްލޫސިވް "ޒައިސް ވިޜަން އެކްސްޕާޓް" އަކަށް އައިކެއަރ ހަމަޖެހިއްޖެއެވެ.
މިއީ ރާއްޖޭގެ ރައްޔިތުންނަށް ދުނިޔޭގެ ފެންވަރުގެ ލޮލުގެ ފަރުވާ އާއި ޒަމާނީ ލެންސް ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް އައިކެއަރއިން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުނެއެވެ. މި ޕާޓްނާޝިޕްގެ ދަށުން، ކޮންމެ ކަސްޓަމަރެއްގެ ބޭނުންތަކަށް ޚާއްޞަކޮށް ފަރުމާކުރެވިފައިވާ، ދުނިޔޭގެ ފެންވަރުގެ ޕާސަނަލައިޒްޑް ޚިދުމަތްތައް ދިވެހިންނަށް ލިބިގެންދާނެއެވެ.

ރާއްޖޭގެ ފުރަތަމަ "ޒައިސް" އެކްސްޕާޓަކަށް އައިކެއަރ ވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުالله
މި ޕާޓްނަރޝިޕް ރަސްމީކޮށް އިޢުލާންކޮށްފައިވަނީ ރޭ މާލޭގައި ހުންނަ އައިކެއަރގެ މައި ހޮސްޕިޓަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ހަފްލާގައި ޞިއްޙީ ދާއިރާގެ ބޭފުޅުންނާއި، ވިޔަފާރިވެރިން އަދި މީޑިއާގެ ފަރާތްތަކަށް ވަނީ އައު ޓެކްނޮލޮޖީގެ މަސައްކަތްތައް ދައްކާލާފައެވެ.
މި ރަސްމިއްޔާތުގައި، މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ، ގީލާ ޢަލީ ވަނީ އައިކެއަރގައި ގާއިމުކޮށްފައިވާ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއާއެކު ތައްޔާރުކޮށްފައިވާ "ޒައިސް ވިޒުފިޓް" ޑިޖިޓަލް މެޝިން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ. މިއީ ތްރީޑީ ސްކޭން ބޭނުންކޮށްގެން، އައިނު އިޚްތިޔާރުކުރުމުގައި އެންމެ ފުރިހަމަ މިންތަކާއި ލޮލަށް އެންމެ އަރާމު ގޮތްތައް ދެނެގަތުމަށް އެހީތެރިވެދޭ ޒަމާނީ ވަސީލަތެކެވެ.
މީގެ އިތުރުން، ޑިޖިޓަލް ދިރިއުޅުމުގެ އާދަކާދަތަކަށް ބަލައި، ލޮލަށް ލިބޭ ވަރުބަލިކަން ކުޑަކޮށްދޭ ފެންވަރު ރަނގަޅު ޒައިސް ލެންސްތައްވެސް މިހާރު އައިކެއަރ މެދުވެރިކޮށް ލިބޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
މިކަމާ ގުޅޭގޮތުން އައިކެއަރގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޒާހިރު ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ލިބެން ހުންނަ އެންމެ މަތީ ފެންވަރުގެ ޓެކްނޮލޮޖީ ދިވެހިންނަށް ފޯރުކޮށްދިނުމަކީ އައިކެއަރގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި ޒައިސްގެ އާ އީޖާދުތަކާއެކު ތަފާތު ޚިދުމަތެއް މި ޕާރޓްނާޝިޕާއެކު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، ޒައިސް އިންޑިއާގެ ހެޑް އޮފް ވިޜަން ކެއަރ، ރޯހަން ޕައުލް ވިދާޅުވީ، ރާއްޖޭގެ ޞިއްޙީ ދާއިރާގެ އިތުބާރު ހޯދާފައިވާ އައިކެއަރ އާއެކު މިފަދަ މަސައްކަތެއް ފެށުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ ލޮލުގެ ފަރުވާގެ މިންގަނޑުތައް އައު އުސްމިންތަކަކަށް ގެންދިއުމަށް އެހީތެރިވެދޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ވޭތުވެދިޔަ ވިހި އަހަރަށްވުރެ ގިނަ ދުވަހު ރާއްޖޭގައި ލޮލުގެ ފަރުވާ ދިނުމުގައި އެންމެ ކުރީ ސަފުގައި އޮތް އައިކެއަރ އާއި ޒައިސްގެ މައިގަނޑު އަމާޒަކީ، ރާއްޖޭގެ ރައްޔިތުންގެ ލޮލުގެ ދުޅަހެޔޮކަން އިތުރުކޮށް، ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.