ހދ. ހިރިމަރަދޫއިން ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން ނަންނޯޓުކުރުމުގެ ފުރުޞަތު ހަނިމާދޫ ކައުންސިލުން ހުޅުވާލައިފިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ނިމުނު މޭ މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވައިފައެވެ. އެއަށްފަހު ހިރިމަރަދޫ ރައްޔިތުން ވަނީ ހަނިމާދޫ ކައުންސިލްގެ ދަށަށް ބަދަލުކޮށްފައެވެ.
ހަނިމާދޫ ކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ރައްޔިތުންނަށް ހޯރަފުށީ ކައުންސިލުން ރަސްމީކޮށް އެ ދައުވަތު ދީފައިވާކަމަށެވެ.
އެހެންކަމުން ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ނަންނޯޓުކުރުމަށް ހަނިމާދޫ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.
އެހެންކަމުން ޝައުގުވެރިވާ ފަރާތްތަކުން ހަނިމާދޫ އަވަށު އޮފީސް ނުވަތަ ކުރީގެ ހިރިމަރަދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ އީމެއިލް ނުވަތަ އެ ކައުންސިލްގެ ނަންބަރު 4002064 އަށް ގުޅައި ނަންނޯޓުކުރުމަށް ހަނިމާދޫ ކައުންސިލުން ވަނީ އެދިފައެވެ.
ހިރިމަރަދޫ ރައްޔިތުން ކ. ތުލުސްދުއަށް ބަދަލުކޮށްދޭން އެ ރަށު ކައުންސިލުން ސަރުކާރުގައި އެދިފައިވަނިކޮށް އެ ރަށުގެ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމީ ނިމުނު 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ އެއްވަނަ ދުވަހުގައެވެ.
އެއަށްފަހު އެ ރަށުން ހަނިމާދޫއަށް ބަދަލުވާން ބޭނުންވާ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ދޮޅު އަހަރުތެރޭ ގާއިމުކޮށް ތަޅުދަނޑި ހަވާލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެރުއްވިއެވެ. އަދި އެރަށުގައި މީހުން ދިރިއުޅޭހާ ހިނދަކު ސަރުކާރުން ދޭންޖެހޭ އަސާސީ ޚިދުމަތްތައް ޤާއިމުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އެއަށްފަހު 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ރައީސް ވަނީ އެ ރަށު މީހުން ހަނިމާދުއަށް ބަދަލުކުރުމަށް ޤަރާރު ނެރެފައެވެ.