ބްރެޒިލްގެ ގައުމީ ޓީމުން ފުރުސަތު ނުލިބި ގާތްގަނޑަކަށް ތިން އަހަރު ހޭދަކުރުމަށްފަހު، ވޯލްޑް ކަޕްގައި ރޭ ސްކޮޓްލެންޑާ ދެކޮޅަށް ކުޅުނު މެޗަކީ ކެރިއަރުގައި ޚާއްސަ މެޗެއް ކަމަށާއި މެޗަށްފަހު އެކަނި އިނދެ ރޮވުނު ކަމަށް ނޭމާ ޖޫނިއާ ބުނެފިއެވެ.
އަނިޔާގެ ދިގު މުއްދަތަކަށްފަހު ކުޅުމުގެ ތެރެއަށް އައިސް، ރޭ ސްކޮޓްލެންޑް ބަލިކުރި މެޗަށްފަހު މީޑިއާގައި ވާހަކަދައްކަމުން ނޭމާ ބުނީ މިއީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި އައި އެންމެ އަސަރުގަދަ އަދި އެންމެ ޚާއްސަ އެއް ދުވަސް ކަމަށެވެ.
ރޭ ކުޅުނު މެޗުގެ 76 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ނޭމާ ވަނީ ގާތްގަނޑަކަށް 15 މިނެޓު ކުޅެ، އޭނާގެ ކެރިއަރުގެ 4 ވަނަ ވޯލްޑް ކަޕް މުބާރާތުގައި ކުޅުމުގެ ތާރީޚީ ޝަރަފް ހޯދާފައެވެ.
މެޗުން ބްރެޒިލް 3-0 އިން ސްކޮޓްލެންޑް ބަލިކޮށް ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

ފީފާ ވޯލްޑް ކަޕް 2026 ގައި ސްކޮޓްލެންޑާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުގައި ނޭމާ--
މެޗަށްފަހު ނޭމާ ބުނީ ބްރެޒިލް ޓީމާ ދުރުގައި ތިން އަހަރު ހޭދަކުރުމަށްފަހު، އަލުން ފުރުސަތު ލިބުމުން އޭނާ ހުރީ ވަރަށް އުފާވެފައި ކަމަށެވެ. މި ހިސާބަށް އައުމަށާއި، މި ދުވަހަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރިކަން ފާހަގަކުރަމުން އޭނާ ބުނީ މިއީ ވަރަށް މޮޅު ކުޅުންތެރިންތަކެއް ހިމެނޭ މޮޅު ޓީމެއް ކަމަށާއި، ކޮންމެ މެޗަކުން ޓީމު އަންނަނީ ކުރިއަރަމުން ކަމަށެވެ.
ބްރެޒިލްގެ އަސްލު އަމާޒާ އަދި ކުޑަކޮށް ދުރުގައި ތިބިކަން ފާހަގަކޮށް ނޭމާ ބުނީ ކުރިއަށްއޮތް ހޯމަ ދުވަހު ބްރެޒިލްއަށް އިތުރު މެޗެއް އޮތްއިރު، މިހާރު ޓީމު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށެވެ.
މިއީ އޭނާގެ ކެރިއަރުގެ އެންމެ ޚާއްސަ އެއް ދުވަސް ކަމަށް ސިފަކުރަމުން ނޭމާ ބުނީ ބްރެޒިލް ގައުމީ ޓީމަށް ކުޅުމަކީ ކޮންމެ ކުއްޖެއްގެވެސް ހުވަފެނެއް ކަމަށެވެ. އަދި އެ ފުރުސަތު އަލުން ލިބުމުން ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށް ނޭމާ ބުންޏެވެ.
ގައުމީ ޓީމާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމުން ޓީމު މަތިން ވަރަށް ހަނދާންވި ކަމަށާއި، ސްކޮޓްލެންޑް މެޗަށްފަހު އެކަނި އިނދެ ލޮލުން ކަރުނައަޅައި ރޮވުނު ކަމަށެވެ.
ރޮވުނީ ހުރިހާ އިހުސާސްތަކެއް އަލުން ތަޖުރިބާކޮށްލަން ލިބުމުން ވީ އުފަލަކުން ކަމަށްބުނެ ނޭމާ ވަނީ އޭނާއަށް ސަޕޯޓުކުރި ހުރިހާ ބްރެޒިލް ސަޕޯޓަރުންނަށާއި، ހާއްސަކޮށް އޭނާގެ އާއިލާއާއި ރައްޓެހިންނަށް ޝުކުރު އަދާކޮށްފައެވެ.

ސްކޮޓްލެންޑު މެޗަށްފަހު ނޭމާ ދަނޑުމަތީގައި ރޮނީ--
އޮކްޓޯބަރު 2023 ގައި އުރުގުއާއީއާ ދެކޮޅަށް ކުޅުނު ކޮލިފައިން މެޗެއްގައި ނޭމާގެ ކަކުލުގެ އޭސީއެލް ލިގަމެންޓަށް ގެއްލުން ލިބުމުގެ ސަބަބުން، އޭނާ ގާތްގަނޑަކަށް ދެ އަހަރަށްވުރެ ގިނަ ދުވަހު ފުޓްބޯޅައާ ދުރުގައި ހުންނަން ޖެހުނެވެ.
މީގެ ސަބަބުން ބްރެޒިލްގެ ކޮލިފައިންގެ ގިނަ މެޗުތަކެއް އޭނާއަށް ގެއްލުނުއިރު، މިފަހަރުގެ މުބާރާތް ފެށުނުއިރުވެސް ނޭމާ ހުރީ އަނިޔާއެއްގައެވެ.
ބްރެޒިލް ޓީމު ހެއިޓީއާ ދެކޮޅަށް ކުޅެން ފިލަޑެލްފިއާއަށް ދިޔައިރުވެސް، ނޭމާ މަޑުކުރީ ނިއު ޖާޒީގެ ޓްރެއިނިން ސެންޓަރުގައި ޚާއްސަ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފުރިހަމަކުރުމަށެވެ. އެ ބުރަ މަސައްކަތަށްފަހު އޭނާ ބޯޅައާއެކު ޕްރެކްޓިސް ފެށީ ހުސްވި ހަފުތާ ބަންދުގައެވެ.
އުމުރުން މިހާރު 34 އަހަރުގެ ނޭމާ ވަނީ ދާދިފަހުން ފީފާގެ ސޯޝަލް މީޑިއާ ޕޯސްޓަކަށް ކޮމެންޓް ކުރަމުން، މިއީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕް ނުވަތަ "ލާސްޓް ޑާންސް" ކަމަށް ބުނެފައެވެ.
ޖުމްލަ 79 ލަނޑާއެކު ބްރެޒިލްގެ ގައުމީ ޓީމުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު އޮތް ނޭމާގެ ހަމައެކަނި އަދި އެންމެ ބޮޑު އަމާޒަކީ، އޭނާގެ ކެރިއަރު ނިންމާލުމުގެ ކުރިން ބްރެޒިލްއަށް މިފަހަރުގެ ވޯލްޑް ކަޕްގެ ރަންތަށި ކާމިޔާބުކޮށްދިނުމެވެ.