ނަފުސާނީ ބައްޔަށް ނަމާދުން ލިބޭ ރޫޙާނީ ފައިދާ

މިއަދުގެ މުޖުތަމަޢުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނަފުސާނީ ބަލިމަޑުކަމާއި ނުތަނަވަސްކަމަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ނަމާދެވެ. ފަރުދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ނަމާދުން ލިބޭ ފައިދާތައް ގިނަގުނަވާއިރު، އޭގެ ތެރެއިން އެންމެ ޚާއްޞަ އެއް ކަމަކީ އިންސާނާގެ ސިކުނޑިއަށް ގެނެސްދޭ ރޫޙާނީ ހަމަޖެހުމެވެ. ކީރިތި ރަސޫލާ محمد صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތާއި ކީރިތި ޤުރުއާނުގެ އިރުޝާދުތަކުން އެނގޭ ގޮތުގައި، ބޮޑެތި ކަންބޮޑުވުންތަކާ ކުރިމަތިވާއިރު ނަމާދަށް އަވަސްވެގަތުމަކީ ނަފުސަށް އިންތިހާއަށް ހަމަޖެހުން ގެނެސްދޭނެ ކަމެކެވެ. ނަމާދުގެ ސަބަބުން މާޔޫސްކަމާއި ހިތާމަތަކުން ދުރުކޮށްދީ، ދިރިއުޅުމުގެ އުންމީދު އާލާކޮށްދެއެވެ.

  • ފަރުދީ އަދި އިޖުތިމާޢީ ގޮތުން ބެލިކަމުގައިވިޔަސް، ނަމާދުގެ ސަބަބުން ނަފުސާނީ ބަލިތަކަށް ވަރަށް ފުރިހަމަ ރޫޙާނީ ޝިފާއެއް ލިބިގެންދެއެވެ.
  • ހާސްކަމާއި ބޮޑެތި މުޞީބާތްތަކާ ކުރިމަތިވާ ހިނދު، ކެތްތެރިކަމާއެކު ނަމާދުން ވާގިއެދުމަށް الله ވަނީ މުއުމިނުންނަށް އަމުރުކުރައްވާފައެވެ.
  • ނަމާދަކީ ދުނިޔަވީ ނުރައްކާތަކާއި ބިރުވެރިކަމުން އިންސާނާ ސަލާމަތްކޮށްދޭ، އަދި ހިތަށް އުފާވެރިކަން ގެނެސްދޭ ވަރުގަދަ ކިއްލާއެކެވެ.
  • ހިތާމަތަކުގެ ވަގުތުގައި ނަމާދާ ދުރުވެއްޖެނަމަ، ދިރިއުޅުމުގެ މާޔޫސްކަން މަތިވެ، އަމިއްލަ ނަފުސު ހަލާކުގެ ތެރެއަށް ދިއުމުގެ ފުރުޞަތު ބޮޑުވެއެވެ.
  • ނަމާދުގެ ކޮންމެ ރަކުޢަތެއްގައި ކިޔަވާ ސޫރަތުލް ފާތިޙާގެ ސަބަބުން، ހުރިހާ ކަމެއްގައިވެސް މަދަދާއި ރައްކާތެރިކަން ލިބެނީ ހަމައެކަނި ޚާލިޤުވަންތަ ފަރާތުންކަން ކަށަވަރުވެގެންދެއެވެ.
  • ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި، އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ޤަވާޢިދުން ނަމާދުކުރުމަށް އިސްކަންދިނުން.
  • ކަންބޮޑުވާ ޙާލަތްތަކުގައި ސުންނަތާ އެއްގޮތަށް ނަމާދުގެ ޒަރީޢާއިން ރޫޙާނީ ހަމަޖެހުމާއި ތަސައްލީ ހޯދުމަށް މަސައްކަތްކުރުން.
  • ނަފުސާނީ ބަލިމަޑުކަމަށް ޒަމާނީ ފަރުވާ ހޯދާއިރުވެސް، އެންމެ މުހިންމު ރޫޙާނީ ފަރުވާއެއްގެ ގޮތުގައި ނަމާދު ބޭނުންކުރުން.

ނަމާދުން ލިބޭ ފައިދާތައް ވަރަށް ގިނައެވެ. އޭގެތެރޭގައި ފަރުދީގޮތުން ވަކިވަކި މީހުންނަށް ލިބޭ ފައިދާއާއި ޢާއިލާތަކަށް ލިބޭ ފައިދާއާއި އެކުލެވިފައި އޮންނަ މުޖުތަމަޢަށް ލިބޭ އިޖްތިމާޢީ ފައިދާއާއި ނަފުސާނީ ބައްޔަށް ލިބޭ ރޫޙާނީ ފައިދާތައް ހިމެނެއެވެ.

ރޫޙާނީ ގޮތުން އިންސާނާއަށް، ނަމާދުގެ ސަބަބުން ކުރާ އަސަރާއި އެ ކަމުން ލިބޭ ފައިދާތައް މީހަކަށް އެނގުމަކީ ނަމާދުކުރުމުގެ ޝައުޤު އެ މީހެއްގެ ކިބައިގައި އިތުރުވާނޭ ކަމެކެވެ.

ނަމާދަކީ ދުނިޔޭގެ ވަރަށް ގިނަ ހިތާމަތަކުން މީހާ ސަލާމަތްކޮށްދޭނޭ އެއްޗެކެވެ. ހަޔާތަށް އުފާވެރިކަމާއި ހަމަޖެހުން ގެނުވާ އެއްޗެކެވެ. ހިތަށް ހިތްގައިމުކަން ގެނުވާ އަޅުކަމެކެވެ. އެހެނީ ނަމާދަކީ މުއުމިނު އަޅާގެ މިޢްރާޖެވެ. ނުރައްކާތަކާއި ބިރުވެރިކަމުން އިންސާނާ ސަލާމަތްކޮށްދޭ އައްޑަނައެއް ކަމުގައި ނަމާދު ވެއެވެ. އަދި އެފަދައިން ނަމާދަކީ ހުރިހާ ނުރައްކަލަކުން މުއުމިނުން ސަލާމަތްކޮށްދޭ ކިއްލާ ވެސް މެއެވެ.

މިއަދުގެ ދުނިޔޭގައި ނަފުސާނީ ބަލިމަޑުކަން ފެތުރެމުން އަންނަނީ ވަރަށް ހަލުވި ދުވެއްޔެއްގައެވެ. އެއީ މީސްތަކުންގެ ހިތްތައް ނުތަނަވަސްކުރުވާ ބައްޔެކެވެ. ކަންބޮޑުވެ ހާސްކުރުވާ މުޞީބާތެކެވެ. ކަންބޮޑުވެ އުދާސްވާ ކަންކަން މެދުވެރިވުމުން މި އުންމަތުގެ ނަބިއްޔާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ނަމާދުކުރަން އަވަސްވެވަޑައިގަންނަވާ ކަމަށް حُذَيْفَةُ بْنُ الْيَمَانِ رَضِيَ الله عَنْهُ ވިދާޅުވިއެވެ. «كَانَ النَّبِيُّ صَلَّى الله عَلَيْهِ وَسَلَّمَ إِذَا حَزَبَهُ أَمْرٌ صَلَّى» (أبو داود: 1319) މާނައީ: "ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއަށް ބޮޑު ކަމެއް ކުރިމަތިވެ ވަޑައިގެންފިއްޔާ، އެކަލޭގެފާނު ނަމާދަށް އަވަސްވެވަޑައިގަންނަވައެވެ."

އެކަލޭގެފާނު އެ ދައްކަވަނީ ކީރިތި ޤުރުއާނުގެ އަޚުލާޤެވެ. އެއީ ﷲ އަމުރުކުރައްވައިފައި ވާ ގޮތެވެ. އީމާންވީ މީހުންނާ މުޚާޠަބުކުރައްވައި ﷲ سبحانه وتعالى ވަޙީކުރައްވައިފައި ވެއެވެ. ﴿وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ﴾‏ ‎(البقرة: ٤٥) މާނައީ: "ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިއެދޭށެވެ!" މިއީ އިންސާނާގެ ރޫޙަށް ލިބޭ ވަރަށް ބޮޑު ހަމަޖެހުމެކެވެ. އެއީ މީހާގެ ނަފުސާނީ ކޮންޓުރޯލު އެ ކަމަކާ ގުޅިފައި ވާ ރޫޙެވެ. ރޫޙުގެ ހަމަޖެހުން ނުލިބެންޏާ ނަފުސުގެ ހަމަޖެހުން ނާންނާނެވެ.

ނަފުސުގެ ހަމަޖެހުން ލިބެނީ ﷲގެ ހަޟުރަތުން ކަމަށް މުއުމިނުން ޤަބޫލުކުރެއެވެ. އެ ރައްކާތެރިކަން ދެއްވުން އެދި ނަމާދުގެ ކޮންމެ ރަކުޢަތެއްގައި ﷲގެ ޙަޟްރަތުން ވާތްގަށް އެދި ދެންނެވެއެވެ. އެއީ، ﴿إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ‎﴾ (سورة الفاتحة: ٥). މި އާޔަތް ކިޔެވައިގެންނެވެ. މި އާޔަތުގެ މާނައީ: "އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގި އެދެނީ، އިބަރަސްކަލާނގެ ޙަޟްރަތުންނެވެ."

މި ވާހަކަތަކުން މި އެނގެނީ، ނަފުސަށް ކުރިމަތިވާ ވަރަށް ގިނަ ނުރައްކާތަކާއި ބިރުވެރިކަމާއި، ހިތާމަތަކުން ތަސައްލީ ހޯދުމުގައި ނަމާދުގެ ދައުރު ވަރަށް ބޮޑުކަމެވެ. މި ކަންކަން ނޭނގޭ ނަމަ، ހިތާމަތަކާއި މުޞީބާތުގެ ވަގުތުތަކުގައި އަތުންފައިން ގޯސްހެދި، ދިރިއުޅުމުން އުންމީދު ކެނޑި، އަމިއްލަ ނަފުސު ހަލާކުގެ ތެރެއަށް އެއްލައިލެވޭ ހިސާބަށް ކަންތައްތައް ގޯސްވެގެން ހިނގައިދެއެވެ. އެ ހިސާބަށް މީހާ ދިޔަ ނުދީ ހިފަހައްޓާނޭ އެއްޗަކީ ނަމާދު ކަމާ މެދަކު ޝައްކެތްނެތެވެ. ނަމާދު ޤަވާޢިދުން ކުރާ މީހުން މިކަމަށް ހެކިވާނެއެވެ. އެނޫން މީހުންނަށް ނަސޭހަތްތެރިވަމެވެ! ނަމާދު ކުރަން އޮންނަ ރަނގަޅު ގޮތުގައި ނަމާދު ކުރަން އަވަސްވެގަންނާށެވެ! ތިބާގެ ހިތާމަވެރި ޙަޔާތަށް އޮތް އެންމެ އެކަށޭނަ ބައިވެރިޔަކީ ނަމާދެވެ!

comment ކޮމެންޓް