އިންޑިއާގެ ކެރެލާ: ފުޓްބޯޅައިގެ ފޯރިގަދަ ސަރަހައްދެއް ކަމަށްވާ އިންޑިއާގެ ކެރެލާ ސްޓޭޓްގެ ކޮޗިންގެ ކައްކަނާޑަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ އަކްޝޭއަށް، މި ފަހަރުގެ ވޯލްޑް ކަޕަކީ ހަމައެކަނި ފުޓްބޯޅަ މުބާރާތެއް ނޫނެވެ. މިއީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުން އޭނާ އެންމެ ސަޕޯޓުކުރާ ބްރެޒިލް ކެޓުމާ ގުޅިގެން ލިބުނު ހިތާމައިގައި ސްޓްރޯކެއް ޖެހި، ވޭތުވެދިޔަ ހަތަރު އަހަރު އެއްވެސް ހަރަކާތެއް ނެތި އެނދުމަތިވެފައި އޮތުމަށްފަހު، އޭނާގެ ހަޔާތަށް އަލުން އުންމީދެއް ގެނެސްދިން މުބާރާތެކެވެ.
އަމިއްލައަށްވެސް މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމުގެ ހުވަފެން ދެކެމުންއައި އަކްޝޭއަކީ ބްރެޒިލްގެ ރީނދޫ ޖާޒީއަށް އިންތިހާއަށް ލޯބިކުރި ޒުވާނެކެވެ. ނަމަވެސް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުން ބްރެޒިލް ކެޓި ރޭ އޭނާގެ ދިރިއުޅުން މުޅިން ބަދަލުވެގެންދިޔައެވެ.
އަކްޝޭގެ ބައްޕަ ޕުރުޝޯތަމަން އެ ހިތާމަވެރި ރޭ ހަނދާންކުރަމުން ބުނީ، ބްރެޒިލް ބަލިވި މެޗު ނިމުނުތާ ދެ ގަޑިއިރު ވީއިރުވެސް އަކްޝޭ ގެއަށް ނުދާ ކަމަށެވެ. އެހެންވެ އޭނާ ހޯދަމުން ދަނިކޮށް ފެނުނީ، މެޗު ބަލަން ބޮޑު ސްކްރީން ބަހައްޓާފައި ހުރި ސަރަހައްދުގައި އެއްވެސް ހަރަކާތެއް ނެތި ގާވެފައި އޮއްވައެވެ.
އަކްޝޭގެ ރައްޓެހިން ބުނި ގޮތުގައި، މެޗު ނިމުމާއެކު އޭނާ އެއްވެސް ބަހެއް ނުބުނެ ހިމޭނުން އިނީއެވެ. އެހެންކަމުން ރައްޓެހިން ހީކުރީ ބްރެޒިލް ބަލިވުމުން ލިބުނު ދެރައިގައި އެކަނިވެލަން ބޭނުންވީ ކަމަށެވެ. ނަމަވެސް، އެއީ ހިތާމައިގެ ސަބަބުން ސިކުނޑީގެ ލޭހޮޅިއެއް ބެދި، އޭނާއަށް ޖެހުނު ބޮޑު ސްޓްރޯކެއްކަން ފަހުން އެނގުނެވެ. ވޭތުވެދިޔަ ހަތަރު އަހަރު ދުވަހު އަކްޝޭ އޮތީ އެނދުން ނުގުޑިފައެވެ. އޭނާއަށް ބަދަލުކުރެވެނީ ހަމައެކަނި ލޮލުގެ ހަރަކާތްތަކެވެ. އޭނާގެ މަންމަ ޖަޔާ ބުނި ގޮތުގައި، ގޭގެއަށް މީހުން އައުމުން އަކްޝޭ ލޯ މަރާލައެވެ. އަދި އެމީހުން ދިއުމުން ނޫނީ ލޯ ނުހުޅުވައެވެ. އެހެންކަމުން، ވަށައިގެން ހިނގާ ކަންކަން އަކްޝޭއަށް ސާފުވާކަމެއް ނުވަތަ ނޫންކަމެއްވެސް އާއިލާއަކަށް ޔަގީނެއް ނުވެއެވެ.
ނަމަވެސް، މިދިޔަ ހަފުތާ ބަންދުގައި އަކްޝޭގެ ރައްޓެހިން އޭނާއަށް ޒިޔާރަތްކޮށް، ބްރެޒިލް މިއަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވި ވާހަކަ ބުނުމާއެކު، ހަތަރު އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އޭނާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ދިރުމެއް ފެނި ހިނިތުންވެލިއެވެ. މި އުންމީދީ ބަދަލާއެކު، އަކްޝޭއަށް އެހީތެރިވަމުންދާ ކަނީވު ޕެލިއޭޓިވް ކެއާގެ ރީޖަނަލް ސެކްރެޓަރީ ޕްރަދީޕް އެންކޭ ގަބޫލުކުރާ ގޮތުގައި ފުޓްބޯޅައަކީ އަކްޝޭގެ ބައްޔަށް އޮތް އެންމެ ބޮޑު ޝިފާއެވެ. އޭނާ ބަލިން ފަސޭހަކުރުމަށް އެހީތެރިވުމުގެ ގޮތުން ގޭގައި ހުރެގެން މެޗުތައް ބެލޭނެހެން ޓީވީއެއް ހަމަޖެއްސުމުގެ މަސައްކަތް އެ ޖަމްއިއްޔާއިން ދަނީ ކުރަމުންނެވެ.
މިހާރު ދުނިޔޭގެ ރޭންކިންގެ 6 ވަނައިގައި އޮތް ބްރެޒިލް، މުބާރާތުގެ ފުރަތަމަ މެޗުގައި މޮރޮކޯއާ ވާދަކޮށް 1-1 އިން އެއްވަރުވެފައިވާއިރު، ދެވަނަ މެޗުގައި ހެއިޓީ އަތުން ވަނީ 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ބްރެޒިލްއަކީ މުބާރާތް ކާމިޔާބުކުރާނެ ފޭވަރިޓެއްގެ ގޮތުގައި ގިނަ ބަޔަކު ނުދެކުނަސް، އަކްޝޭގެ އާއިލާއަށް ބްރެޒިލް މޮޅުވުން މުހިންމީ ހަމައެކަނި ފުޓްބޯޅަ މުބާރާތެއްގެ ތަށި ހޯދުމަކަށް ނޫނެވެ. އެއީ އެމީހުންގެ ދަރިފުޅުގެ ފުރާނައަށް ދިރުން ލިބި އަލުން ފައިމައްޗަށް ތެދުވުމުގެ އުންމީދާ ގުޅިފައިވާ ކަމަކަށް ވާތީއެވެ.