ހދ. ނޮޅިވަރަމުގައި މަސްތުވާތަކެތި ގެންގުޅުނު މީހަކު ހިފެހެއްޓުމުން، އޭނާ ފުލުހުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ސާބިތުވުމުން ޖަލަށްލާން ހުކުމްކޮށްފިއެވެ.
މިއީ މިދިޔަ މާރިޗު މަހު ހިނގި ހާދިސާއަކާ ގުޅޭ މައްސަލައެކެވެ. މި ހާދިސާގައި ނޮޅިވަރަން ޕެޓްރޯލް ކުރަން އުޅުނު ދެ ފުލުހަކަށް، އެ ރަށު ގުލްބަކާގޭ، އަހްމަދު ޟިރާން ރިޝްވަތު ހުށަހެޅި ކަމަށް ކުރެވުނު ތުހުމަތާ ގުޅިގެން ދައުލަތުންވަނީ އެ މީހާގެ މައްޗަށް ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާކޮށްފައެވެ.
މި މައްސަލަ ނޮޅިވަރަން މެޖިސްޓްރޭޓް ކޯޓުން ނިންމި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، ނޮޅިވަރަމަށް، މާރިޗު މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ އިރާކޮޅު އައި ލޯންޗަކުން އަހްމަދު ޟިރާން ފައިބައި، އުޅުނު ގޮތުން ފުލުހުންނަށް އޭނާއާ މެދު ޝައްކު އުފެދުނެވެ. އެހެންވެ، ބެލި ބެލުމުން އޭނާ ގެންގުޅުނު އެއްޗެއް އެއްލާލިތަން ފުލުހުންނަށް ފެނުނެވެ.
އެ ތަކެއްޗަކީ މަސްތުވާތަކެތި ކަމާއި، އެއީ އޭނާ ގެންގުޅުނު އެއްޗެއް ކަމަށް ބުނެ، އެ ތަކެތި މޫދަށް އެއްލައިލައިދީފިނަމަ ބަދަލުގައި ފައިސާ ދޭން ހުށަހެޅި ކަމަށް ހުކުމުގައިވެއެވެ. ދައުލަތުން، އެ މީހާގެ މައްޗަށް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ އުފުލީ އެހެންވެއެވެ.
މި މައްސަލައިގެ ޝަރިއަތުގައި ދައުވާ ލިބުނު ޟިރާންވަނީ ކުށަށް އިއުތިރާފުވެ، އެންމެ ކުޑަ އަދަބެއް ދިނުމަށް އެދޭ ކަމަށް ބުނެފައެވެ. ކުށަށް އިއުތިރާފުވުމުން، މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.
މި މައްސަލައިގައި ޟިރާންގެ މައްޗަށް އިއްވީ، ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމުން، މައްސަލައާ ގުޅިގެން ތަހުގީގު މަރުހަލާގައި އޭނާ ބަންދުކޮށްފައި ހުރި 15 ދުވަސް އުނިކުރުމުން، ދެން އޭނާ ތަންފީޒު ކުރަން ޖެހޭ ޖަލު އަދަބަކީ، ދެ އަހަރާއި ހަތަރު މަހާއި ނުވަ ދުވަހުގެ ޖަލު ހުކުމެވެ. މި ހުކުމް އިއްވާފައިވަނީ މި ހަފުތާގެ ހޯމަ ދުވަހެވެ.