ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން 'އަމާން ދޯދި 16' އާ އިންވެގެންވާ ބިމުގައި 18 ބުރީގެ ކޮމާޝަލް އޮފީސް އިމާރާތެއް ބިނާކުރުމަށް ނިންމައިފިއެވެ.
އަމާން ދޯދި 16 އާ ޖެހިގެން ވަރަށް ބޮޑު ހުސްބިމެއް އޮވެއެވެ. އެ ބިން މިހާރު ބޭނުން ކުރަމުން އަންނަނީ އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ޕާކިންނަށެވެ. ފްލެޓްތަކުން ތޮއްޖެހިފައިވާ އެ ސަރަހައްދުގައި އިތުރު ޕާކިން ފުރުސަތެއް ނެތެވެ.
މި މަޝްރޫޢާ ގުޅޭ މަޢުލޫމާތު އެ ކޯޕަރޭޝަނުން ހާމަކޮށްފައިވަނީ މަހޯލި ޕޯޓަލް މެދުވެރިކޮށް އާއްމު ފަރާތަކުން ހުށަހެޅި ސުވާލަކަށް ޖަވާބު ދެމުންނެވެ.
އެފްޑީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ބިމަކީ ކޮމާޝަލް އޮފީސް އިމާރާތެއް ބިނާކުރުމަށްޓަކައި "ކަނޑޫފާ" އާ ޙަވާލުކޮށްފައިވާ ސަރަޙައްދެކެވެ. މި އިމާރާތް ފަރުމާކޮށްފައިވަނީ ޖުމްލަ 18 ފަންގިފިލާ ހިމެނޭ ގޮތަށެވެ.
މި މަޝްރޫޢުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި، އެ ސަރަޙައްދުގައި ހުރި އަމާން ޓަވަރުތަކުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ޕާކިންގްގެ ދަތިކަން ޙައްލުކޮށްދިނުން ހިމެނޭ ކަމަށް އެފްޑީސީން ބުންޏެވެ.
މީގެ އިތުރުން، އިމާރާތް ނިމުމުން އާންމު އަސާސީ ޚިދުމަތްތަކާއި އެކި ބާވަތުގެ ވިޔަފާރިތަކަށް ބޭނުންވާނެ ޖާގަ އެ ސަރަޙައްދުން ލިބިގެންދާނެ ކަމަށް އެފްޑީސީން ބުނެއެވެ.
މީގެ އިތުރުން، މި އާ އިމާރާތަކީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މައި އިދާރާ ނުވަތަ ހެޑް އޮފީސް ވެސް ގާއިމުކުރުމަށް ހަމަޖެހިފައިވާ ތަން ކަމަށް އެފްޑީސީން ބުންޏެވެ. މި މަޝްރޫޢުގެ ސަބަބުން އެ ސަރަޙައްދުގެ ދިރިއުޅުމަށާއި ވިޔަފާރިތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވެސް މީގެ ކުރިން ވިދާޅުވެފައިވަނީ ހުޅުމާލެ އަމާން ދޯދި ޓަވަރު 16 އާ ޖެހިގެން އޮތް ހުސް ބިމުގައި އަޅަނީ ޕާކިން ބިލްޑިންއެއް ކަމަށާއި, އެތަން ތަރައްގީކުރެވެންދެން އެތަނުގައި ޕާކުކުރާ އުޅަނދުތަކަށް ފަސޭހައިން ޕާކުކުރެވޭނެ ޖާގަ ހަމަޖައްސައިދޭނެ ކަމަށެވެ.