ރަނގަޅު ކުޅުމެއް ނުދެއްކުނު ރޮނާލްޑޯއަށް ކުރިމަތިވާ ފާޑުކިޔުންތަކަށް ކޯޗު މާޓީނޭޒްގެ ވަރުގަދަ ރައްދެއް

ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކޯޗު މާޓިނޭޒް... ފޮޓޯ/ ޗެނަލްޓީވީ

ޕޯޗުގަލް އަދި ޑީއާރު ކޮންގޯ ބައްދަލުކުރި ވޯލްޑް ކަޕްގެ ފުރަތަމަ މެޗު 1-1 އިން އެއްވަރުވެފައިވާއިރު، ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުޅުމަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މި މެޗުގައި ޕޯޗުގަލްއިން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ރޮނާލްޑޯއަށް އެންމެ 25 ފަހަރު ބޯޅައިގައި ޖައްސާލެވުނުއިރު ގޯލާ އަމާޒުކޮށް އެއްވެސް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. މިއީ މުޅި މެޗު ކުޅުނު ކުޅުންތެރިންގެ ތެރެއިން އެންމެ މަދު އަދަދެވެ. މި ފާޑުކިޔުންތަކަށް ރައްދުދެމުން ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓީނޭޒް ބުނީ، ކޮންގޯގެ ވަރުގަދަ ޑިފެންސާ ދެކޮޅަށް ރޮނާލްޑޯގެ ތަޖުރިބާ މުހިންމު ކަމަށެވެ. އަދި ލަނޑެއް ޖަހަން ބޭނުންވެފައިވާ ދަނޑިވަޅެއްގައި ދުނިޔޭގެ އެންމެ މޮޅު ލަނޑުޖަހާ ކުޅުންތެރިޔާ ބަދަލުކުރުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން ރޮނާލްޑޯގެ ސަބަބުން އިދިކޮޅު ޑިފެންޑަރުންގެ ސަމާލުކަން އޭނާއަށް ހުއްޓި، އެހެން ކުޅުންތެރިންނަށް ފުރުސަތު ތަނަވަސްވާކަންވެސް ކޯޗު ބަޔާންކުރިއެވެ.

  • ޕޯޗުގަލް އަދި ޑީއާރު ކޮންގޯ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
  • މުޅި މެޗުގައި ރޮނާލްޑޯއަށް ބޯޅައިގައި ޖައްސާލެވުނީ އެންމެ 25 ފަހަރުއެވެ.
  • ރޮނާލްޑޯގެ ތަޖުރިބާއާއި ހަރަކާތްތެރިވުން ޕެނަލްޓީ އޭރިއާގައި މުހިންމުކަމަށް ކޯޗު ފާހަގަކުރިއެވެ.
  • ރޮނާލްޑޯއަށް ޑިފެންޑަރުންގެ ސަމާލުކަން ހުއްޓުމުން އެހެން ކުޅުންތެރިންނަށް ފުރުސަތު ލިބޭކަން ކޯޗު ފާހަގަކުރިއެވެ.
  • ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް ދެން ނުކުންނާނީ އުޒްބެކިސްތާން އަދި ކޮލަމްބިއާއާ ދެކޮޅަށެވެ.

މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި ރޭ ޑީއާރު ކޮންގޯއާ ދެކޮޅަށް ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗު 1-1 އިން އެއްވަރުވިއިރު، އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން ފެނުނު ދަށް ކުޅުމާ ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ކޯޗު ރޮބާޓޯ މާޓީނޭޒް ދިފާއީ ރައްދެއް ދީފިއެވެ.

މެޗުގެ ހަވަނަ މިނެޓުގައި ޔޮއާއޯ ނެވޭސް ޖަހައިދިން ގޯލުން ޕޯޗުގަލް ކުރި ހޯދި ނަމަވެސް، ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ޔޮއާން ވިސާ ވަނީ ލަނޑެއް ޖަހައި ކޮންގޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މުޅި މެޗުގައި ޕޯޗުގަލްއިން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ރޮނާލްޑޯގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. ދެވަނަ ހާފުގައި ލިބުނު ދެ ފުރުސަތެއް އޭނާ އަތުން ބޭކާރުވެފައިވާއިރު، މުޅި މެޗުގައި ވެސް ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް އޭނާއަށް ފޮނުވާލެވިފައެއް ނުވެއެވެ.

އެ މެޗުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރޮނާލްޑޯއަށް މުޅި މެޗުގައި ބޯޅައިގައި ޖައްސާލެވުނީ އެންމެ 25 ފަހަރު ކަމަށްވާއިރު، މިއީ އެ ޓީމުން މުޅި މެޗު ކުޅުނު ކުޅުންތެރިންގެ ތެރެއިން އެންމެ މަދު އަދަދެވެ.

ރޮނާލްޑޯގެ ކުޅުން ދަށްވުމުން ވެސް އޭނާ ބަދަލުނުކޮށް ދަނޑުމަތީގައި ބެހެއްޓުމުން ސަޕޯޓަރުންނާއި އެނަލިސްޓުން އުފެއްދި ސުވާލުތަކަށް ޖަވާބުދެމުން މާޓީނޭޒް ބުނީ، ޕެނަލްޓީ އޭރިއާ ތެރޭގައި ރޮނާލްޑޯގެ ތަޖުރިބާ އާއި ހަރަކާތްތެރިވުން މުހިންމު ކަމަށެވެ. މާޓީނޭޒް ފާހަގަކުރި ގޮތުގައި ކޮންގޯގެ ޑިފެންސް ލައިން ވަރުގަދަވުމުގެ ސަބަބުން ރޮނާލްޑޯ ހުރީ ޑިފެންޑަރުންގެ ތެރޭގައި ވަރަށް ބޮޑަށް ތާށިވެފައެވެ.

"މިފަދަ ވަރުގަދަ ޑިފެންސިވް ކުޅުމެއް ކުޅޭ، ޕެނަލްޓީ އޭރިއާ ތެރެއަށް ވަންނަން އުނދަގޫ މެޗެއްގައި ކްރިސްޓިއާނޯގެ ހުނަރާއި ތަޖުރިބާ އަކީ ވަަރަށް ވެސް މުހިންމު އަދި ބޭނުންތެރިކަމެއް. ޓީމަށް ލަނޑެއް ޖަހަން ކޮންމެހެން ބޭނުވެފައިވާ މެޗެއްގައި އެފަދަ މުހުންމު ކުޅުންތެރިޔަކު އަދި ދުނިޔޭގެ އެންމެ މޮޅު ލަނޑުޖަހާ ކުޅުންތެރިޔާ ބަދަލުކުރުމުގެ އެއްވެސް މާނައެއް ނެތް،" މާޓީނޭޒް ބުންޏެވެ.

އަދި ރޮނާލްޑޯގެ ސަބަބުން އިދިކޮޅު ޑިފެންޑަރުންގެ ސަމާލުކަން އޭނާއަށް ހުއްޓި، ޓީމުގެ އެހެން ކުޅުންތެރިންނަށް ފުރުސަތުތައް ތަނަވަސްވާކަން ވެސް ކޯޗު ފާހަގަކުރިއެވެ.

މި ނަތީޖާއާއެކު މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ބެލެވުނު ޕޯޗުގަލްއަށް މިހާރު ވަނީ ޕްރެޝަރު ބޮޑުވެފައެވެ. ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް ދެން ބައްދަލުކުރާނީ އުޒްބެކިސްތާނާއެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި އެ ޓީމު ނުކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ.

comment ކޮމެންޓް