ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ގަވައިދުން އިނާޔަތް ޖަމާނުވާތީ މަޖިލީހަށް

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް: އޭނާ ވަނީ، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ގަވައިދުން އިނާޔަތް ނުލިބޭ މައްސަލައިގައި އިދާރާތައް ޖަވާބުދާރީކުރުވުމަށް އެދި ސިޓީއެއް ފޮނުއްވައިފައި -- ފޮޓޯ/ މަޖިލިސް

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދައުލަތުން ދޭ މާލީ އިނާޔަތް ކަނޑައެޅިފައިވާ ތާރީޚުތަކުގައި ޖަމާވަމުން ނުދާތީ، އެކަން ހައްލުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ވަނީ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފައެވެ. މި އިނާޔަތަކީ ގިނަ ބައެއްގެ ބޭސްފަރުވާއާއި ޒަރޫރީ ބޭނުންތަކަށް ބަރޯސާވާ މައިގަނޑު ވަސީލަތްކަމަށް ވުމުން، ފައިސާ ލަސްވުމުގެ ސަބަބުން އެ ފަރާތްތަކަށާއި އާއިލާތަކަށް ބޮޑެތި ދަތިތަކަކާ ދަނީ ކުރިމަތިވަމުންނެވެ. މިކަމާ ގުޅިގެން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ ޖަވާބުދާރީކުރުވުމަށް ވަނީ އެދިފައެވެ.

  • އިނާޔަތް ގަވާއިދުން ޖަމާނުވާތީ މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމްއެވެ.
  • މި މައްސަލައިގައި ކަމާބެހޭ އިދާރާތައް ޖަވާބުދާރީކުރުވުމަށް ވަނީ ގޮވާލައްވައިފައެވެ.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ގާނޫނީ ގޮތުން ދައުލަތަށް ލާޒިމުކުރާ ކަމެކެވެ.
  • ކޮންމެ މަހަކުވެސް ކަނޑައެޅޭ ވަކި ސުންގަޑިއަކަށް ފައިސާ ޖަމާކޮށްދޭނެ ދާއިމީ ނިޒާމެއް ގާއިމުކުރުމަށް ވަނީ އެދިފައެވެ.
  • ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އިނާޔަތް ލަސްވާ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެނައުން.
  • އިނާޔަތް ލަސްވުމުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަސާސީ ބޭނުންތަކާއި ބޭސްފަރުވާއަށް ހުރަސްއެޅުން.
  • މައްސަލަ ހައްލުކުރުމަށްޓަކައި ދާއިމީ އަދި ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ މުހިންމުކަން.

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދައުލަތުން ދޫކުރާ މާލީ އިނާޔަތް ބަރާބަރަށް ޖަމާވަމުން ނުދާތީ އެންސްޕާއާއި ސަރުކާރުުގެ ކަމާބެހޭ އިދާރާތައް ޖަވާބުދާރީކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް އިއްޔެ މައްސަލައެއް ހުށަހަޅައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އަށް ފޮނުއްވި ސިޓީއެއްގައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުން ގާނޫނުއަސާސީން ދައުލަތުގެ މައްޗަށް ލާޒިމްކުރާ ކަމަށެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުން، ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކަށް ދައުލަތުން މާލީ އެހީއެއް ނުވަތަ އިނާޔަތެއް ލިބުމުގެ ހައްގު ކަށަވަރުކޮށްދޭ ކަމަށް، ސިޓީގައިވެއެވެ.

ނަމަވެސް އެންސްޕާ މެދުވެރިކޮށް ދޫކުރާ މާލީ އިނާޔަތް ކަނޑައެޅިފައިވާ ތާރީޚަށް ބަރާބަރަށް ޖަމާވަމުން ނުދާ ކަމަށް، އޭނާ ލިޔުއްވައިފައިވެއެވެ.

ކުޑޫ ލިޔުއްވައިފައިވާ ގޮތުގައި، މި އިނާޔަތަކީ ޚާއްސަ އެހީއަށް ބޭނުންވާ ގިނަ ފަރާތްތަކެއްގެ ބޭސްފަރުވާއާއި ފަރުދީ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބަރޯސާވާ ހަމައެކަނި މާލީ ވަސީލަތް ކަމަށް ވާތީ، ފައިސާ ޖަމާވުން ލަސްވުމުގެ ސަބަބުން އެ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތައް އަންނަނީ ދަތިތަކާ ކުރިމަތިލަމުންނެވެ.

އެ ސިޓީގައި ކުޑޫ ވަނީ ދެ ކަމަކަށް ގޮވައިލައްވައިފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުން ހުރި ކޮމިޓީއެއް މެދުވެރިކޮށް އެންސްޕާއާއި ކަމާބެހޭ އިދާރާތައް ޖަވާބުދާރީކުރުވުމަށާއި، ކޮންމެ މަހެއްގައިވެސް ކަނޑައެޅޭ ވަކި ސުންގަޑިއަކަށް އެ ފައިސާ ބަރާބަރަށް ޖަމާކޮށްދޭނެ ދާއިމީ ނިޒާމެއް ސަރުކާރުން ކަށަވަރުކޮށްދިނުމަށް ބާރުއެޅުމަށެވެ.

comment ކޮމެންޓް