ޒާތީ މައުލޫމާތު ރައްކާތެރިކުރަން އިހުސާނާ ހަވާލުކުރުން އެއީ ޑްރެކިއުލާ އާ ބްލަޑް ބޭންކް ހަވާލުކުރުން: ފިއްޓޭ

މެންބަރު ފިއްޓޭ: އޭނާ ވިދާޅުވީ ޒާތީ މައުލޫމާތުގެ ބިލް ތަންފީޒުކުރަން ހޯމް މިނިސްޓަރާއި ހަވާލުކުރުން ރަނގަޅު ނޫންކަމަށް -- ފޮޓޯ/ މަޖިލީސް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލަކީ މުހިންމު ބިލެއްކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ފާހަގަކުރައްވާފައިވެއެވެ. ނަމަވެސް، މި ގާނޫނު ތަންފީޒުކުރުމުގެ ޒިންމާ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާ ހަވާލުކުރުމާމެދު އޭނާ ވަނީ ފުން ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައެވެ. މެންބަރު ތުހުމަތުކުރެއްވި ގޮތުގައި، ވައިކަރަދޫގެ 400 އެއްހައި ރައްޔިތުންގެ މައުލޫމާތު ބޭނުންކޮށްގެން ވެރިކަންކުރާ ޕީއެންސީއަށް މީހުން ވެއްދުމުގެ އަމަލުތަކެއް ހިންގާފައިވެއެވެ. އަދި އައިޑީކާޑު ޔުނިޓުގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަމަށް ކުރެވޭ ތުހުމަތުތަކަށް ރިއާޔަތްކުރައްވައި، މައުލޫމާތު ރައްކާތެރިކުރުމުގެ ބާރު އެފަދަ ފަރާތަކަށް ދިނުމަކީ ޑްރެކިއުލާއާ ބްލަޑް ބޭންކް ހަވާލުކުރުން ފަދަ ކަމެއްކަމަށް ސިފަކުރެއްވިއެވެ. އޭގެ އިތުރުން، ރާއްޖޭގައި ގާނޫނުތައް ގިނަ ނަމަވެސް ސަރުކާރުން ގާނޫނުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

  • ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލަކީ ރާއްޖެއަށް އިންތިހާއަށް ބޭނުންތެރި ގާނޫނެއްކަން ފާހަގަކުރުން.
  • ބިލު ތަންފީޒުކުރުން ހޯމް މިނިސްޓަރާ ހަވާލުކުރުމާމެދު މަޖިލީހުގައި ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރުން.
  • ރައްޔިތުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވެރިކަންކުރާ ޕާޓީއަށް މީހުން ވެއްދިކަމުގެ ތުހުމަތު މިނިސްޓަރަށް އަމާޒުވުން.
  • ރާއްޖޭގައި ގާނޫނުތައް ތަންފީޒުކުރުމުގެ ބަދަލުގައި، އެ ގާނޫނުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ މައްސަލަތައް އޮތްކަމަށް ފާޑުކިޔުން.

ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލަކީ ރާއްޖެއަށް މިވަގުތު ވަރަށް ބޭނުންތެރި ބިލެއް ކަމަށާއި، ނަމަވެސް އެ ބިލު ތަންފީޒުކުރަން ހޯމް މިނިސްޓަރު އަލީ އިހުސާނާ ހަވާލުކުރުމަކީ ޑްރެކިއުލާއާ ބްލަޑް ބޭންކެއް ހަވާލުކުރުން ކަހަލަ ކަމެއް ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް ހުށަހަޅުއްވާފައިވާ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރައްވަމުން ފިއްޓޭ ވިދާޅުވީ، މަޖިލީހުން ކުރާ މުހިންމު ދެ މަސައްކަތަކީ ގާނޫނު ހެދުމާއި އެ ގާނޫނުތަކަށް އަމަލުކުރާ މިންވަރު ބެލުން ކަމަށެވެ. ބިލުގެ މުހިންމުކަން ފާހަގަކުރައްވަމުން އޭނާ ވަނީ ބިލަށް ތާއީދުކުރައްވާފައެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން: --- ފޮޓޯ: ރައީސް އޮފީސް

ނަމަވެސް، މިފަދަ މުހިންމު ބިލެއް ތަންފީޒުކުރުން ހޯމް މިނިސްޓަރާ ހަވާލުކުރުމާ މެދު ފިއްޓޭ ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައެވެ.

އެގޮތުން އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، ވައިކަރަދޫގެ 400 އެއްހައި މީހުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ވެރިކަން ކުރާ ޕީއެންސީއަށް ވެއްދި ބޭފުޅަކީ މިނިސްޓަރު އިހުސާނެވެ. އަދި އެކަމަށް މިނިސްޓަރު އިއުތިރާފުވެވަޑައިގެންފައިވާ ކަމަށްވެސް ފިއްޓޭ ވިދާޅުވިއެވެ.

ފިއްޓޭ މިފަދައިން ވިދާޅުވިއިރު، އެމްޑީޕީން މީގެ ކުރިން ވަނީ އިހުސާންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި އައިޑީކާޑް ޔުނިޓުން މައުލޫމާތު ހޯދައިގެން މީހުންނަށް ނޭނގި އެ މީހުން ވެރިކަން ކުރާ ޕީއެންސީއަށް ވެއްދުމަށް އެހީތެރިވި ކަމަށް ތުހުމަތު ކުރެއެވެ. އެއީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ވަރަށް ބޮޑުވި މައްސަލައެކެވެ.

މިފަދަ ތުހުމަތުތައް އިހުސާނަށް ކުރެވިފައިވާއިރު، މިކަމަށް އިޝާރާތް ކުރައްވައި ފިއްޓޭ ވިދާޅުވީ ޒާތީ މައުލޫމާތު ބިލް ތަންފީޒުކުރަން އިހުސާން އާއި ހަވާލުކުރުމަކީ ޑްރެކިއުލާއާ ބްލަޑް ބޭންކް ހަވާލުކުރުންފަދަ ކަމެއް ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ ޒާތީ މައުލޫމާތުގެ ބިލު ތަންފީޒުކުރަން ވެގެން އިހުސާން އާއި ހަވާލުކުރުން އެއީ ޑްރެކިއުލާއާ ބްލަޑް ބޭންކް ހަވާލުކުރުންފަދަ ކަމެއް،" ފިއްޓޭ ވިދާޅުވިއެވެ.

https://www.sun.mv/201363

މީގެ އިތުރުން، ސަރުކާރުން ގާނޫނުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ކަމަށް ފިއްޓޭ ތުހުމަތުކުރެއްވިއެވެ. ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ގާނޫނު ގިނަ ގައުމެއްކަން ފާހަގަކުރައްވައި، ވިޔަފާރީގެ އުސޫލުން ގާނޫނު ވިއްކަން ނުކުތަސް އެންމެ ބޮޑަށް ވިކޭނީ ރާއްޖޭގެ ގާނޫނުތައް ކަމަށާއި، އޭރުން ތަންފީޒުކުރަން ޖެހޭ ގާނޫނުތައް މަދުވާނެ ކަމަށް ވިދާޅުވެ އޭނާ ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

comment ކޮމެންޓް