ތާރިގާއި އާދަމް ޝަރީފު ސަފީރު ކަމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

ރައީސް އަރިހުގައި ތާރިގާއި އާދަމް ޝަރީފް: ދެ ބޭފުޅުން މިހާރު ވަނީ ސަފީރުކަމަށް އައްޔަންކުރައްވާފަ -- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަކަށް މަގާމުން އިސްތިއުފާދެއްވި ކުރީގެ ދެ ވަޒީރުން ކަމަށްވާ ތާރިގް އިބްރާހިމް އަދި އާދަމް ޝަރީފް އުމަރު، ދިވެހިރާއްޖެއިން ބޭރުގެ ދެ ގައުމަކަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ރުހުންދީފައެވެ. ސަރުކާރު ހިންގާ ޕާޓީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ އިދިކޮޅު މެންބަރުންގެ ނުރުހުމާއެކުގައެވެ. މިއީ ސަރުކާރު ހިންގުމަށް ގެންނަން ބޭނުންވާ ބަދަލުތަކެއްގެ ތެރެއިން ނިންމި ނިންމުމެއްކަމަށް ސަރުކާރުން ބުނެފައިވެއެވެ.

  • ތާރިގް އިބްރާހިމް އައްޔަންކުރަނީ އެކުވެރި އަރަބި އިމާރާތުގެ ސަފީރުކަމަށެވެ.
  • އާދަމް ޝަރީފް އުމަރު އައްޔަންކުރަނީ ގަތަރުގައި ހުންނަވާ ދިވެހި ސަފީރުކަމަށެވެ.
  • ދެ ބޭފުޅުންނަށް ވެސް ރުހުންދީފައިވަނީ 57 މެންބަރުންގެ ތާއީދާއެކުގައެވެ.
  • އިދިކޮޅު ޕާޓީގެ މެންބަރުން މި ދެ ބޭފުޅުންނަށް ރުހުން ދިނުމާ ދެކޮޅަށް ވޯޓުދީފައިވެއެވެ.

ކުރީގެ ދެ ވަޒީރުން ކަމަށްވާ ތާރިގް އިބްރާހިމާއި އާދަމް ޝަރީފް އުމަރު ސަފީރުންގެ ގޮތުގައި އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުން ދީފިއެވެ.

ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން މި ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ފާސްކުރީ މިއަދު ބޭއްވި ޖަލްސާގައި ނެގި ވޯޓުންނެވެ.

މިދިޔަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވި 10 މިނިސްޓަރުންގެ ތެރޭގައި މި ދެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އޭރުގެ ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފާއި އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިސްތިއުފާ ދެއްވުމުން، އެ ބޭފުޅުން ފުރަތަމަ އައްޔަންކުރެއްވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށެވެ.

އޭގެ ފަހުން ރައީސް ވަނީ އާދަމް ޝަރީފް ގަތަރުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް އަދި ތާރިގް އިބްރާހިމް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް އައްޔަންކުރައްވަން ނަން ފޮނުއްވާފައެވެ.

މަޖިލީހުގެ މިއަދުގެ ވޯޓުގައި ތާރިގަށް ރުހުން ދޭން 57 މެންބަރުން ވޯޓު ދެއްވިއިރު، ދެކޮޅަށް 10 މެންބަރުން ވޯޓު ދެއްވިއެވެ. އާދަމް ޝަރީފަށް ވެސް 57 މެންބަރުން ރުހުން ދެއްވިއިރު، ދެކޮޅަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ.

މި ދެ ބޭފުޅުންނަށް ރުހުން ދިނުމާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ މެންބަރުންނެވެ. ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޒާދު (ފިއްޓޭ) ވަނީ އެ ދެ ބޭފުޅުންނަށް ތާއީދު ނުކުރައްވާ ސަބަބު ހާމަކޮށްދެއްވާފައެވެ.

އެގޮތުން އޭނާ ވަނީ، ކުއްލިއަކަށް ވުޒާރާތައް އުވާލައި އެހެން ގައުމަކަށް އެ ވަޒީރަކު ފޮނުވާލުމަކީ ކުރީގައި ރާއްޖޭގައި ރަށްރަށަށް މީހުން އަރުވާލުމަށް އޮންނަ އުސޫލާ އެއްގޮތަށް ކުރެއްވި ކަމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

ރައީސް އޮފީހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، މިނިސްޓަރުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެ ގޮތުންނެވެ.

އޭރު އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރެއިން، ކުރީގެ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމް, މިނިސްޓަރު ފެންވަރުގައި ވަނީ ރައީސް އޮފީހުގެ މަގާމަކަށް އައްޔަންކުރައްވައިފައެވެ. އަދި ރައީސް އޮފީހުގެ ދިވެހިބަހާއި ސަގާފަތާ ބެހޭ މުޝީރު ކަމަށް މި މަހުގެ އަށް ވަނަ ދުވަހު ކުރީގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އައްޔަންކުރެއްވި ނަމަވެސް، އޭގެ ޖެހިގެން އައި ދުވަހު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

comment ކޮމެންޓް