މީދޫ ބައި އިލެކްޝަން ކުރިއަށް ދިޔައީ ސުލްހަވެރިކަމާއެކު، މާ ބޮޑު މައްސަލައެއްނެތް: އެޗްއާރްސީއެމް

އެޗްއާރުސީއެމްގެ މެންބަރުން: އިންތިޚާބުގެ ކަންކަން ދިޔައީ އަމާންކަމާ އެކު ކަމަށް އެ ކޮމިޝަނުން ބުނި -- ފޮޓޯ: އެޗްއާރުސީއެމް

ހިއުމަން ރައިޓްސް ކޮމިޝަނުން ބަޔާންކުރާ ގޮތުގައި، ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިތުރު ބުރުގެ ވޯޓުލުން ކުރިއަށްދިޔައީ ވަރަށް ސުލްހަވެރިކަމާއި އަމާންކަމާ އެކުގައެވެ. އިންތިޚާބުގެ ކަންކަން ހިނގައިދިޔަ ގޮތް ބެލުމަށްފަހު އެ ކޮމިޝަނުން ވަނީ، ފުލުހުންނާއި ކެންޑިޑޭޓުންގެ އިތުރުން އާންމު ރައްޔިތުން ޑިމޮކްރެޓިކް ރޫހު ދެމެހެއްޓުމަށް ކުރި މަސައްކަތްތަކަށް ތައުރީފުކޮށްފައެވެ. ނަމަވެސް، ވޯޓުލާ މަރުކަޒުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ވަދެނުކުމެވޭނެ އިންތިޒާމު ހަމަޖެހިފައި ނެތްކަން ކަންބޮޑުވުމަކާއެކު ފާހަގަކޮށްފައިވެއެވެ. މި އިންތިޚާބުގައި އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދާ ވާދަކުރައްވައި، އިންތިޚާބު ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމެވެ. މި ކާމިޔާބީއާއެކު، މީދޫ ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތު ޕީއެންސީއަށް ވަނީ ލިބިފައެވެ.

  • އިންތިޚާބުގެ ކަންކަން ކުރިއަށްދިޔައީ އެއްވެސް ހަމަނުޖެހުމެއް ނެތި، އަމާންކަމާއި ސުލްހަވެރިކަމާ އެކުގައިކަން އެޗްއާރްސީއެމުން ކަށަވަރުކޮށްދިނުން.
  • ވޯޓުލާ މަރުކަޒުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އިންތިޒާމުތައް ހަމަޖެހިފައި ނެތްކަން އެޗްއާރްސީއެމުން ފާހަގަކުރުން.
  • ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް 529 ވޯޓު ހޯއްދަވައިގެން، 80 ވޯޓުގެ ތަފާތަކުން އިންތިޚާބު ކާމިޔާބުކުރެއްވުން.
  • ޖުމްލަ 985 މީހުން ވޯޓުލާފައިވާއިރު، މި ނަތީޖާއާއެކު މީދޫ ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތު ޕީއެންސީއަށް ލިބުން.

ދ. މީދޫ ކައުންސިލުގެ ރައީސްގެ މަގާމުގެ އިތުރު ބުރުގެ ވޯޓު ނެގުން މިއަދު ކުރިއަށް ގެންގޮސްފައިވަނީ ސުލްހަވެރިކަމާއި އަމާންކަމާއެކު ކަމަށާއި، ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވަދެ ނުކުމެވޭނެ އިންތިޒާމު ހަމަޖައްސައިފައި ނެތް ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ބުނެފިއެވެ.

އެޗްއާރްސީއެމުން ބުނީ، އިންސާނީ ހައްގުތައް ފޯރުކޮށްދޭ މިންވަރު ބެލުމަކީ ގާނޫނުން އެ ކޮމިޝަނާ ހަވާލުކޮށްފައި އޮތް މަސްއޫލިއްޔަތެއް ކަމަށާއި، އެހެންކަމުން މިއަދު ބޭއްވި އިންތިޚާބަކީ ރައްޔިތުންގެ ބައިވެރިވުން އޮންނަ މިނިވަން، އިންސާފުވެރި، އަދި ހާމަކަން ބޮޑު ވޯޓެއްތޯ ކަށަވަރުކުރުމަށް ވޯޓުލުމުގެ ކަންކަން ކުރިއަށް ދިޔަ ގޮތް ކޮމިޝަނުން ބަލައިފައިވާނެ ކަމަށެވެ.

އެގޮތުން ވޯޓުގެ ކަންކަން ހިނގައިދިޔަ ގޮތް ބެލިއިރު، ވޯޓުގެ ކަންކަން ގެންގޮސްފައިވަނީ ސުލްހަވެރިކަމާއި އަމާންކަމާ އެކު ކަން ފާހަގަކުރެވުނު ކަމަށް، އެޗްއާރްސީއެމުން ބުންޏެވެ.

އަދި އިލެކްޝަންސް ކޮމިޝަނަށް އެހީތެރިވުމަށް ފުލުހުން އަދާކުރި ދައުރާއި، ކެންޑިޑޭޓުންނާއި ޕާޓީތަކުންނާއި ވޯޓުލީ މީހުން ޑިމޮކްރެޓިކް ރޫހު ކުރިއަރުވައި ދެމެހެއްޓުމަށް ކުރި މަސައްކަތްވެސް ފާހަގަކުރެވުނު ކަމަށް، އެ ކޮމިޝަނުން ބުންޏެވެ.

އެކަމަކު އެޗްއާރްސީއެމުން ބުނީ، ވޯޓުލުމުގެ އިންތިޒާމުތައް ރަނގަޅުވިޔަސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވަދެ ނިކުމެވޭނެ އިންތިޒާމު، ވޯޓުލުން ކުރިއަށް ދިޔަ މީދޫގެ ދެ މަރުކަޒުގައި ނެތް ކަމަށެވެ.

މިއަދު ބޭއްވި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިތުރުބުރު ކާމިޔާބުކުރީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމެވެ.

https://sun.mv/223302

މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވީ ސުހާގެ އިތުރުން، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދެވެ.

އެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 1،049 މީހުންނަށް ލިބިގެންވެއެވެ. ކަށަވަރުވެފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސުހާ ވަނީ ބޮޑު ފަރަގަކުން އިންތިޚާބު ކާމިޔާބު ކޮށްފައެވެ.

ޖުމްލަ ތިން ފޮށި ބެހެއްޓިއިރު، ކޮންމެ ފޮއްޓަކުން ވެސް ކުރި ހޯއްދެވީ ސުހާއެވެ.

ޖުމްލަ ވޯޓުލީ 985 މީހުންނެވެ. ސުހާއަށް ޖުމްލަ 529 ވޯޓު ލިބުނުއިރު ޝާހިދަށް ލިބުނީ 449 ވޯޓެވެ. ޖުމްލަ ވޯޓުގެ ތެރޭ ބާތިލް ހަތް ވޯޓު ހިމެނެއެވެ.

އެހެންކަމުން ސުހާއަށް އިންތިޚާބު ކާމިޔާބުވީ 80 ވޯޓު އިތުރަށް ލިބިގެންނެވެ.

އެއާއެކު، ދ. މީދޫގެ ކައުންސިލުގެ ފުރިހަމަ އަޣުލަބިއްޔަތުވެސް ލިބިފައިވަނީ ޕީއެންސީއަށެވެ.

comment ކޮމެންޓް