ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި ބެލެނިވެރިން ފޯމު ހުށަހަޅާއިރު އެކަން ސާބިތުކޮށްދޭ ލިޔުން ހުށަހަޅަން ދެންނުޖެހޭނެ

ޚާއްސަ އެހީއަށް ބޭނުންވާ މީހަކު މަގުމަތީ: ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި ބެލެނިވެރިން ފޯމު ހުށަހަޅާއިރު ދެން ލިއުމެއް ހުށަހަޅަން ނުޖެހޭނެ -- ފޮޓޯ/ ބީއެމްއެލް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ވަނީ މުހިންމު ލުއިތަކެއް ދީފައެވެ. ކުރިން އޮންނަ ގޮތުންނަމަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ފުލެޓަށް ކުރިމަތިލާންޖެހެނީ އަމިއްލައަށެވެ. ނަމަވެސް، އަމިއްލައަށް ފޯމު ފުރަން ދަތިވާ ފަރާތްތަކާއި އަށާރަ އަހަރު ނުފުރޭ ކުދިންގެ ބަދަލުގައި އެންސްޕާގައި ރަޖިސްޓަރީވެފައިވާ ބެލެނިވެރިންނަށް ފޯމު ހުށަހެޅޭނެގޮތަށް މިނިސްޓްރީން ވަނީ ބަދަލުގެނެސްފައެވެ. އަދި ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާން ކުޑަތަންވެފައިވަނިކޮށް، މިގޮތަށް ފޯމު ހުށަހަޅާއިރު ބެލެނިވެރިކަން ސާބިތުކޮށްދޭ އިތުރު ލިޔެކިޔުން ހުށަހަޅަން ނުޖެހޭނެކަމަށް ހައުސިން މިނިސްޓްރީން މިއަދު ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅުނު މުއްދަތު ގުނުމުގައިވެސް މި ސަރުކާރުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ލުއިތަކެއް ދީ، ޝަރުޠު ހަމަވުމަށް ބޭނުންވާ މުއްދަތު ކުޑަކޮށްދީފައެވެ.

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިން ފޯމު ހުށަހަޅާއިރު ބެލެނިވެރިކަން ސާބިތުކޮށްދޭ ލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ.
  • މި ލުއި ލިބެނީ އެންސްޕާގައި ބެލެނިވެރިންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
  • މި ބަދަލުގެ މައިގަނޑު މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމެވެ.
  • ފުލެޓަށް ޝަރުޠު ހަމަވުމަށް މާލޭގައި ދިރިއުޅުނުކަމަށް ކަނޑައަޅާފައިވާ މުއްދަތުވެސް ވަނީ އެފަރާތްތަކަށް ކުޑަކޮށްދީފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެ ފަރާތްތަކުގެ ބެލެނިވެރި ފަރާތްތަކުން ފޯމު ހުށަހަޅާނަމަ، އެކަން ސާބިތުކޮށްދޭ ލިޔުން ކޮންމެހެން ހުށަނާޅާ ފުލެޓަށް ފޯމު ހުށަހެޅޭނެ ކަމަށް، ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި ބެލެނިވެރިންނަށް ފުލެޓަށް ކުރިމަތިލާން ހުޅުވައިލީ މިދިޔަ މެއި މަހުގެ 20ވަނަ ދުވަހެވެ.

ފުލެޓަށް ފޯމު ހުށަހަޅަން ހުޅުވައިލި މުއްދަތު ހަމަވާން ގާތްގަނޑަކަށް ތިން ދުވަހަށް ވެފައި ވަނިކޮށް މިނިސްޓްރީން މިއަދު ބުނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި، އެންސްޕާގައި ރަޖިސްޓްރީވެފައިވާ އެ ފަރާތްތަކުގެ ބެލެނިވެރިން އެކަން ސާބިތުކޮށްދޭ ލިޔެކިއުން ހުށަނާޅާ ފޯމު ހުށަހެޅޭނެ ކަމަށެވެ.

ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ތެރެއިން ކުރިން އޮތީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކިން ކެޓެގަރީއެއް ހަދައި، އަމިއްލައަށް ފުލެޓަށް ކުރިމަތިލެވޭ ގޮތަށް އެކަންޏެވެ. އެކަމަކު، ފަހުން މިނިސްޓްރީން ވަނީ، އެ މީހުންގެ ބަދަލުގައި ބެލެނިވެރިންނަށް ވެސް ފޯމު ހުށަހެޅޭ ގޮތަށް ހަދައިފައެވެ.

މިގޮތުން، އަމިއްލައަށް ފޯމު ފުރަން ދަތި ފަރާތްތަކާއި، 18 އަހަރު ނުފުރޭ ކުދިންގެ ބަދަލުގައި، އެންސްޕާގައި އެ ކުއްޖެއްގެ ނުވަތަ އެ މީހެއްގެ ބެލެނިވެރި ފަރާތުގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ދެން ފްލެޓަށް ހުށަޅެނޭއެވެ.

އެކަމާ ގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު މިދިޔަ އޭޕްރިލް މަހު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ޝަރުތުތައް އިސްލާހުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

އެ އިސްލާހުގެ މައިގަނޑު މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމެވެ. އެގޮތުން، ބެލެނިވެރިންނަށް ކުރިމަތިލެވޭ ގޮތަށް ހަމަޖެހުމުން، އެފަރާތްތަކުގެ އާއިލާތަކަށް ބޮޑު ލުޔެއް ލިބޭނެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ ޚާއްސަ ލުއިތަކެއްގެ ދަށުން، މާލޭގައި ދިރިއުޅުނު މުއްދަތު ގުނުމުގައި ވެސް ލުއިތަކެއް ދީފައެވެ. މިގޮތުން ފްލެޓަށް ޝަރުތު ހަމަވުމަށް މާލޭގައި އުޅުނު ކަމަށް ބުނާ މުއްދަތު ކުރިއަށްވުރެ ކުޑަކޮށްދީފައިވާކަން މިނިސްޓްރީން ފާހަގަކުރެއެވެ.

comment ކޮމެންޓް