ކޮރަޕްޝަން ނައްތާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވިސް މުވައްޒަފުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ސިވިލް ސާވިސް ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު ވަނީ ސިވިލް ސާވިސް މުވައްޒަފުން ހިފަހައްޓަންޖެހޭ މަސައްކަތުގެ އަޚުލާގަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ގައުމެއްގެ ސިޔާސީ ފިކުރު ކޮންމެ ގޮތަކަށް ބަދަލުވި ނަމަވެސް، ރައްޔިތުންނާ ހަމައަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސަކީ ސިވިލް ސާވަންޓުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޝަފީއު ފާހަގަކުރެއްވި ގޮތުގައި، މާލީ ބޮޑެތި ކޮރަޕްޝަންތަކަށް މަގުފަހިވަނީ އިދާރީ ނިޒާމުގެ ތެރެއިން ހިންގާ ނޭދެވޭ އަމަލުތަކުގެ ސަބަބުންނެވެ. އެހެންކަމުން އިދާރީ ގޮތުން ނިޒާމު ހަރުދަނާކޮށްފިނަމަ، ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ފުރުސަތު އެއްކޮށް ބަންދުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ ކޮރަޕްޝަންގެ ނުބައި ވަބާއިން ސަލާމަތްވެފައިވާ ގައުމެއްގެ ގޮތުގައި ބައްޓަން ކުރުމަށްޓަކައި އެންމެ ބޮޑު އެއްބާރުލުމެއް އަދި އެންމެ ބޮޑު މަސައްކަތެއް ކުރެވޭނީ ތިޔަ ސިވިލް ސާވެންޓުންނަށް. ހަލުވި މަސައްކަތަކާއިއެކު ޕްރޮފެޝަނަލިޒަމްއާއެކު، އެޑްމިނިސްޓްރޭޓިވް ކޮރަޕްޝަން ނައްތާލެވިއްޖެނަމަ ރައްޔިތުންގެ ފައިސާއަށް އަމާނާތްތެރިވާ ރައްޔިތުންގެ ފައިސާއިން އެންމެ އެކަށީގެންވާ ޚިދުމަތެއް ދެވޭނެ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އާބާދީގެ ކޮންމެ މީހަކަށް 15 ސިވިލް ސާވިސް މުވައްޒަފުން މިހާރު ވެސް އެބަތިއްބެވެ. އެގޮތުން 32،500 ދާއިމީ މުވައްޒަފުން ހިމެނޭހެން ކޮންޓްރެކްޓް މުވައްޒަފުންނާއެކު 35،000 މުވައްޒަފުން ސިވިލް ސާވިސްގައި މިވަގުތު އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ރައްޔިތުންގެ ފައިސާއިން އެންމެ އެކަށީގެންވާ ހިތްހަމަޖެހޭ ޚިދުމަތެއް ދޭ ބަޔަކަށް އޮފީސްތައް ހެދުމަށްޓަކައި، ކޮރަޕްޝަނާ ދެކޮޅަށް އައު އަޒުމެއް ކަނޑައެޅުމަށް މުޅި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.