މީކާއީލަށް ތައުރީފްކުރައްވައި ނަޝީދު: ސިޔާސީ މަސައްކަތައް ނުކުންނަން ވިސްނާ ހުރިހާ ޒުވާނުން ވެސް ނަމޫނާއަކަށް ބަލަންވީ މީކާއީލް

ކުރީގެ ރައީސް މުޙައްމަދު ނަޝީދު (ކ)، އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ---

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އެމަނިކުފާނާ ވާދަކުރެއްވި މީކާއީލް އަޙްމަދު ނަސީމަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ. ނަޝީދު ވިދާޅުވީ މީކާއީލަކީ ސިޔާސީ މައިދާނަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް ހުރި ނަމޫނާއެއް ކަމަށެވެ. މީގެ އިތުރުން، މިހާރު އޮތް ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށް އިއުލާންކުރައްވައި، މީކާއީލްވެސް ވަނީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ބާއްވައި 2028 ގެ އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

  • އެމްޑީޕީގެ ޗެއާޕާސަންކަން ބޮޑު ތަފާތަކުން ރައީސް މުޙައްމަދު ނަޝީދު ވަނީ ކާމިޔާބުކުރައްވާފައެވެ.
  • ސިޔާސީ މައިދާނަށް ނުކުންނަ ޒުވާނުން ނަމޫނާއަކަށް ބަލަންވީ މީކާއީލް ކަމަށް ނަޝީދު ވިދާޅުވިއެވެ.
  • މިހާރު އޮތް ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް އަންނަ އާދިއްތަ ދުވަހު ނަޝީދު ފައްޓަވާނެއެވެ.
  • ޕާޓީގެ އެއްބައިވަންތަކަން ހިފަހައްޓައި 2028 ކާމިޔާބުކުރަން މީކާއީލް ވަނީ އަޒުމް ކަނޑައަޅުއްވާފައެވެ.
  • ފައްޔާޒު އިސްމާޢީލްގެ ތާއީދާއެކު ލިބުނު މި ކާމިޔާބީން ނަޝީދުގެ ލީޑަރޝިޕް އަލުން އިއާދަވެއްޖެއެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ހޮވުމަށް މިއަދު ބޭއްވި އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އެމަނިކުފާނާ ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި މިރޭ ވާހަކަފުޅުދައްކަވައިފިއެވެ.

އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ސިޔާސީ މައިދާނަށް ނުކުންނަން ވިސްނާ ހުރިހާ ޒުވާނުން ވެސް ނަމޫނާއަކަށް ބަލަންވީ މީކާއީލް ކަމަށެވެ.

https://sun.mv/223270

ރައީސް ނަޝީދު ވިދާޅުވީ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރުމާއެކު މީކާއީލް އެމަނިކުފާނަށް ގުޅުއްވައި މަރުހަބާ ދެންނެވި ކަމަށާއި، އެކަމާ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ.

"މީކާއީލް ދެންމެ އަޅުގަނޑާ ގުޅުއްވި. އަދި އަޅުގަނޑު މީކާއީލަށް ފަށްފަށުން ޝުކުރު ދަންނަވަން ބޭނުން. އެ ބޭފުޅާ ކުރެއްވި ބުރަ މަސައްކަތާއި އެ ދެއްކި ހިތްވަރަކީ އަޅުގަނޑަށް އަބަދުވެސް އުފާލިބި ހިތްހަމަޖެހުން ލިބޭނެ ހިތްވަރެއް. ސިޔާސީ ފުރުސަތަށް އެދިވަޑައިގަންނަވާ އެންމެހާ ޒުވާނުން ބައްލަވަންވީ އެ މިސާލު،" މީކާއީލް ދެއްކެވި ހިތްވަރާއި ކެރުންތެރިކަމަށް ޝުކުރު އަދާކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.

https://sun.mv/223273

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ މިހާރު އޮތް ޑރ. މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ދެން އެންމެ އެކުވެގެން ކުރަންވީ ކަމަކީ މިހާރު އޮތް "ނާގާބިލް" ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހު ރަސްމީކޮށް ޕާޓީ އޮފީހަށް ނުކުމެވަޑައިގެން މަސައްކަތްތައް ފައްޓަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީކާއީލް ވެސް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައެވެ. އޭނާ ވިދާޅުވީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ބާއްވައި، 2028 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރުމަށް އާ އަޒުމެއްގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އަބަދުވެސް ޕާޓީގެ އާންމު މެންބަރުންނާއެކު ދެމިހުންނަވާނެ ކަމުގެ ޔަގީންކަން މީކާއީލް ދެއްވިއެވެ.

https://sun.mv/223267

މިއަދު މެންދުރު 14:30 އިން މިރޭ 21:00 އަށް ކުރިއަށްދިޔަ މި އިންތިޚާބަކީ ކުރިން އެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާޢީލް އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވި އިންތިޚާބެކެވެ. ފައްޔާޒު އިސްމާޢީލް މި އިންތިޚާބުގައި ތާއީދު ކުރެއްވީ ރައީސް ނަޝީދަށެވެ. މި ކާމިޔާބީއާއެކު އެމްޑީޕީގެ ހަރަކާތްތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.

މި އިންތިޚާބުގެ ކާމިޔާބީއާއެކު ރައީސް ނަޝީދު މިވަނީ އެމްޑީޕީގެ ތެރޭގައި ކުރިމަތިވި ސިލްސިލާ ނާކާމިޔާބީތަކަށް ފަހު އަލުން ޕާޓީގެ ލީޑަޝިޕްގެ އެންމެ އިސް ދައުރެއް ހޯއްދަވާފައެވެ. މީގެ ކުރިން ބޭއްވުނު ޗެއާޕާސަން އިންތިޚާބާއި، ރިޔާސީ ޕްރައިމަރީ އަދި މާލޭ މޭޔަރު ހޮވުމުގެ އިންތިޚާބުގައި ނަޝީދުގެ ފެކްޝަނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

comment ކޮމެންޓް