އެޕަލްގެ އައު އޭއައި ފޮޓޯ އެޑިޓިން ޓޫލްތަކާއި އެކްސްކޯޑް އޭޖެންޓިކް ކޯޑިން އިއުލާންކޮށްފިއެވެ.
އެޕަލްގެ އަހަރީ ޑަބްލިއުޑަބްލިއުޑީސީ 2026 ކޮންފަރެންސްގައި އެޕަލް އިންޓެލިޖެންސްގެ ބޮޑެތި ބަދަލުތަކަށްފަހު، އެޕަލްއިން އެންމެ ފަހުން ދައްކާލާފައި ވަނީ ފޮޓޯތައް އެޑިޓްކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާނެ ގޮތްތަކާއި ޑިވެލޮޕަރުންނަށް ގެނައި އިންގިލާބީ ކުރިއެރުންތަކެވެ. އެގޮތުން ފޮޓޯތަކުން ބޭނުންނުވާ ބައިތައް ފުހެލުމަށް ބޭނުންކުރާ "ކްލީންއަޕް" ފީޗާއަށް ބޮޑު އަޕްޑޭޓެއް ގެނެސް، ފޮޓޯގެ މާހައުލު ކިތަންމެ އުނދަގޫ ނަމަވެސް މާ ހަގީގީ ގޮތަކަށް ބޭނުންނުވާ ތަންތަން ފުހެލުމުގެ ގާބިލުކަން މިހާރު ވަނީ ހިމަނާފައެވެ.
މީގެ އިތުރުން ފޮޓޯއެއް ނެގުމަށްފަހު އޭގެ ބެކްގްރައުންޑް އިތުރަށް ފުޅާކޮށްލަން ބޭނުންނަމަ، "އެކްސްޓެންޑް" ޓޫލް ބޭނުންކޮށްގެން ފޮޓޯގެ އަރިމަތީގައި ހުންނަ ހުސް ތަންތަން އެޕަލްގެ އޭއައި މޮޑެލްތަކުން އަމިއްލައަށް ފުރާލަދޭނެއެވެ. އަދި އަލަށް ތައާރަފްކުރި "ސްޕޭޝަލް ރިފްރޭމިން" ފީޗާގެ އެހީގައި، ފޮޓޯ ނެގުމަށްފަހު އޭގެ އެސްޕެކްޓް ރޭޝިއޯ ބަދަލުކޮށް ރީ-ފްރޭމް ކޮށްލުމުގެ ފުރުސަތު ޔޫޒަރުންނަށް ލިބިގެންދާނެއެވެ.
މީގެ އިތުރުން، އެޕަލްގެ ޖެނެރޭޓިވް މޮޑެލްތަކުގެ އެހީގައި "އިމޭޖް ޕްލޭގްރައުންޑް" ފީޗާ މިހާރު ވަނީ ފޮޓޯރިއަލިސްޓިކް ސްޓައިލްތަކަށް ސަޕޯޓްކުރާ ގޮތަށް ބަދަލުކޮށްފައެވެ. މިއީ މީގެ ކުރިން ހަމައެކަނި ކާޓޫން ނުވަތަ އިލަސްޓްރޭޝަން ސްޓައިލްތަކަށް ލިމިޓްވެފައި އޮތް ފީޗާއެކެވެ.

ފޮޓޯއެއް އުފައްދަން އާއްމު ބަހުރުވައިން ބުނެލީ އެޕަލް އިންޓެލިޖެންސް އިން އެފޮޓޯއެއް ހަދާނެ ---
މިހާރު ޔޫޒަރުން ބޭނުންވާ ގޮތެއް އާންމު ބަހުރުވައިން ލިޔެލުމުން، އެޕަލް އިންޓެލިޖެންސްއިން އެ ބުނާ އެއްޗެއް ދެނެގަނެ، ހަގީގީ ފޮޓޯއެއް ފަދަ މަންޒަރުތައް އުފައްދައިދޭނެއެވެ. މިގޮތަށް އުފައްދާ ފޮޓޯތައް މެސެޖުތަކުގެ ބެކްގްރައުންޑްގެ ގޮތުގައާއި ލޮކް ސްކްރީން ވޯލްޕޭޕަރުގެ ގޮތުގައިވެސް ބޭނުންކުރެވޭނެއެވެ.
ޑިވެލޮޕަރުންނަށް ޚާއްސަ އެކްސްކޯޑް ސޮފްޓްވެއަރއަށްވެސް ވަނީ އޭއައި އެޖެންޓުން ބޭނުންކޮށްގެން ކޯޑްކުރުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
ކްރެގް ފެޑެރިގީ ހާމަކުރެއްވި ގޮތުގައި، އައު އެކްސްކޯޑްގައި ހިމެނޭ "ކޯޑިން އެސިސްޓެންޓް" ގެ އެހީގައި، ޑިވެލޮޕަރުން ބޭނުންވާ އެޕްތައް އަމިއްލައަށް ސިމިއުލޭޓްކޮށް މުޅިން އައު "ޑިވައިސް ހަބްސް" މެދުވެރިކޮށް ޓެސްޓްކޮށްލުމުގެ ގާބިލުކަން ލިބިގެންވެއެވެ.
އިވެންޓް ނިންމާލުމުގެ ގޮތުން އެޕަލްގެ ސީއީއޯ ޓިމް ކުކް ވަނީ އޭނާގެ 15 އަހަރުވީ ސީއީއޯގެ ދަތުރުގެ ފަހު ޑަބްލިއުޑަބްލިއުޑީސީ ކީނޯޓްގައި ވަރަށް އަސަރުގަދަ ވީޑިއޯ މެސެޖެއް ދެއްވާފައެވެ.
ކުކް ވިދާޅުވީ އެޕަލްގެ އެންމެ ބޮޑު އަމާޒަކީ އަބަދުވެސް އިންސާނުންގެ ބޭނުންތަކަށް ޚިދުމަތްކުރާނެ އުފެއްދުންތަކެއް ނެރުން ކަމަށެވެ. އަދި އައު އޮޕަރޭޓިން ސިސްޓަމްތަކުގެ ޑިވެލޮޕާ ބީޓާ މިއަދު ރިލީޒްކުރާނެ ކަމަށާއި، އާންމުންނަށް މި އަޕްޑޭޓްތައް ލިބޭނީ މިއަހަރުގެ ބަހާރު މޫސުމުގައި ކަމަށް އިއުލާންކުރައްވަމުން "އަޅުގަނޑު ހިތުގެ އަޑިން ގަބޫލުކުރަނީ އެޕަލްގެ އެންމެ ފުރިހަމަ ދުވަސްތައް އޮތީ ކުރިއަށް ކަމަށް،" ވިދާޅުވެ އިވެންޓް ވަނީ ނިންމާލާފައެވެ.