މޯލްޑިވްސް ނޭޝަނަލް ސާވިސް، ވަތަނީ ޚިދުމަތުގެ ތިންވަނަ ބެޗުގައި ހިމެނޭ 352 ޒުވާނުން ތަމްރީނަށް ފުރައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައިވަނީ، ވަތަނީ ޚިދުމަތުގެ ތަމްރީނަށް ހުޅުވާލި ދެވަނަ ފުރުސަތުގައި 1،785 ޒުވާނުން ކުރިމަތިލި ކަމަށެވެ. އޭގެ ތެރެއިން ފުރަތަމަ 352 ބައިވެރިން ނޭޝަނަލް ސާވިސް ޓްރެއިނިންގެ ތިންވަނަ ބެޗުގެ ތަމްރީނުތަކަށް މިއަދު ޅ. މާފިލާފުށްޓަށް ފުރައިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ތަމްރީނުގައި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި އަޚްލާގާއި ސުލޫކުގެ އިތުރުން، ލީޑާޝިޕާއި ހަށިހެޔޮކަމާއި ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ތަފާތު އެތައް ދާއިރާއަކުން އެ ޒުވާނުންނަށް ތަމްރީނު ދެވޭނެ ކަމަށް، ރައީސްގެ ޕޯސްޓުގައިވެއެވެ.
ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ސަރުކާރުން ޒުވާނުން ބިނާކުރުމާ ގުޅޭ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށް، އެ މަނިކުފާނު ލިޔުއްވައިފައިވެއެވެ.
ރައީސް ހާމަކުރެއްވި ގޮތުގައި، މި ބެޗުގައި 115 ރަށަކަށް ނިޞްބަތްވާ 64 އަންހެނުންނާއި 288 ފިރިހެނުން ބައިވެރިވެއެވެ.
ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ޒުވާނުންނަށެވެ.
ވަތަނީ ޚިދުމަތުގެ ފުރަތަމަ ބެޗުގެ ފަރިތަކުރުންތަކުގައި 350 ދަރިވަރުން ބައިވެރިވިއެވެ. އޭގެ ތެރެއިން 346 ދަރިވަރުން ވަނީ މިދިޔަ ޑިސެންބަރު މަހު ދަސްވެނިވެފައެވެ. ދެވަނަ ބެޗުގެ ދަރިވަރުންގެ ތެރެއިން 344 ދަރިވަރަކު ވަނީ މިދިޔަ މެއި މަހު ދަސްވެނިވެފައެވެ.
ރާއްޖޭގެ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ރައީސްގެ ޚާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.