އަދަދު ނޫހުގެ ދެ ނޫސްވެރިންނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ގަޒުފުކުރުމުގެ ކުށުގެ ދައުވާއަށް ޝަރީއަތުގައި ދެ މީހުން ވެސް މިއަދު އިންކާރުކޮށްފިއެވެ.
އެ މައްސަަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުވާކުރަން ފޮނުވީ މިދިޔަ މަހުގެ 10ވަނަ ދުވަހެވެ. ދެ ނޫސްވެރިންގެ ޕާސްޕޯޓު ވެސް ވަނީ އަންނަ ޖުލައި 26ގެ ނިޔަލަށް ހިފަހައްޓާފައެވެ.
އެ މައްސަލައިގެ އިބުތިދާއީ އަޑުއެހުން ބޭއްވީ މިދިޔަ މަހު 13 ގައެވެ. އެއަށް ފަހު، މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަނީ ދައުވާ ސާފުކޮށްދިނުމަށް ފަހު، ދައުވާއަށް ޖަވާބުދާރީވާން ފުރުސަތު އަރުވާފައެވެ. ފިޔާޒާއި ހަސަންގެ ފަރާތުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
އެހެންވެ، ދެން އޮންނާނީ މި މައްސަލައިގައި ދައުލަތާއި ދިފާއުން ހެކި ހުށަހެޅުމެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި ކަމަށް ބުނެ މިދިޔަ މޭ މަހު 12 ގައި އެ ކޯޓުން ވަނީ އަދަދު ނޫހުގެ އިތުރު ދެ ނޫސްވެރިއަކު ޖަލަށްލާން ހުކުމްކޮށްފައެވެ. އެއީ، ނޫސްވެރިޔާ ލީވާން އަލީ ނަސީރު 10 ދުވަހަށް އަދި، މުހައްމަދު ޝަހްޒާން 15 ދުވަހަށެވެ. ދެ ނޫސްވެރިން ވެސް މިހާރު ވަނީ މުއްދަތު ހަމަވުމުން މިނިވަންވެފައެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ވަނީ މައްސަލައާ ގުޅޭ ލިޔުންތަކާއި ޝަރީއަތާ ގުޅޭ މައުލޫމާތުތަކުގެ އިތުރުން މައްސަލައިގެ ޚަސްމުންނާ ގުޅޭ ވާހަކައެއް ދެއްކުން ވެސް މަނާކޮށްފައެވެ.
އެހެންވެ، އެފަދަ ކަމެއް ކޮށްފިނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެއެވެ.
މި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ އަދަދު ނޫޙަށް ވަދެފައެވެ. އެ ނޫހުން ގިނަ އަދަދެއްގެ ލެޕްޓޮޕާއި ހާޑް ޑްރައިވް ގެންދިޔައެވެ. އެ ތަކެތީގެ ޕާސްވޯޑް ދޭން ވެސް ކޯޓުން މީގެ ކުރިން އަމުރުކޮށްފައިވެއެވެ. އެކަމަކު، މަސްދަރު ހިމާޔަތްކުރުމުގެ ގޮތުން އަދަދު ނޫހުން ނިންމީ އެ ތަކެތީގެ ޕާސްވޯޑު ނުދޭށެވެ.