ހަގީގީ ޗެމްޕިއަނަކީ ބަންގްލަދޭޝް ކަމަށްބުނެ ކޯޗުގެ ފާޑުކިޔުން ދިވެހި ފުޓުބޯޅައަށް

ޑައިމަންޑް ޖުބިލީ މުބާރާތުގައި ވާދަކުރާ ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗު މައުރޫފުލް ހައްގު-- ފޮޓޯ: އެފްއޭއެމް

މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ރާއްޖެއާ 1-1 އިން އެއްވަރުވެ ބަންގްލަދޭޝްގެ ތޭވީސް އަހަރުން ދަށުގެ ޓީމު ކަޓައި، ފައިނަލުގެ ފަހު ޖާގަ އަފްޣާނިސްތާނަށް ވަނީ ލިބިފައެވެ. މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންގްލަދޭޝްގެ ކޯޗު މައުރޫފުލް ހައްގު ބުނީ މުބާރާތުގެ ހަގީގީ ޗެމްޕިއަނަކީ އެ ޓީމު ކަމަށާއި، ކާމިޔާބު ނުލިބުނީ ރެފްރީން ގަސްދުގައި ނިންމި ނާއިންސާފު ނިންމުންތަކުގެ ސަބަބުން ކަމަށެވެ. މީގެ އިތުރުން މެޗުގެ ފަހު ވަގުތު ދަނޑުމަތީގައި ހިނގި ބޮޑު ހަމަނުޖެހުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވާން ޖެހުނުއިރު، ދިވެހި ފުޓުބޯޅައިގެ ފެންވަރު ކުރިއަށްވުރެ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ކޯޗު ފާހަގަކުރިއެވެ. ދެ ޓީމުގެ ކޯޗުންވެސް ވަނީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފަރާތުން ފެނުނު ހަމަނުޖެހުންތައް ކުށްވެރިކޮށް، އެ އަމަލުތައް ބަލައިނުގަނެވޭނެކަން ހާމަކޮށްފައެވެ.

  • ރާއްޖެއާ 1-1 އިން އެއްވަރުވުމުން ބަންގްލަދޭޝް މުބާރާތުން ކަޓައި ފައިނަލަށް ދިޔައީ އަފްޣާނިސްތާނެވެ.
  • ބަންގްލަދޭޝް ކޯޗު ވަނީ ރެފްރީން ގަސްދުގައި ނާއިންސާފުން ކަންކަން ކޮށްފައިވާކަމަށް ތުހުމަތުކޮށްފައެވެ.
  • މެޗުގެ ފަހުވަގުތު ހިނގި ބޮޑެތި ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން ފުލުހުން ދަނޑަށް އަރަންޖެހުނެވެ.
  • ދިވެހި ފުޓުބޯޅައިގެ ފެންވަރު ކުރިއަށްވުރެ ވަރަށް ބޮޑަށް ދަށްވެފައިވާކަމަށް ބަންގްލަދޭޝް ކޯޗު ފާހަގަކުރިއެވެ.
  • މި މުބާރާތުން ރާއްޖެ ކެޓީ ކުޅުނު ތިން މެޗުން ލިބުނު އެންމެ ޕޮއިންޓަކާއެކު ތާވަލުގެ އެންމެ ފުލުގައި އޮވެގެންނެވެ.

މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެއާ ވާދަކޮށް 1-1 އިން އެއްވަރުވެ، މުބާރާތުން ކެޓުމުން ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗު މައުރޫފުލް ހައްގު ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފިއެވެ.

ރާއްޖެ އަތުން މޮޅުވެގެން ފައިނަލަށް ދެވެން އޮތް ބަންގްލަދޭޝް މި ނަތީޖާއާއެކު މުބާރާތުން ކެޓިއިރު، ފައިނަލުގެ ފަހު ޖާގަ ލިބުނީ މެޗަށް ބަލަބަލައި ތިބި އަފްގާނިސްތާނަށެވެ.

މުބާރާތުގެ އެއްވަނަ ހޯދި ޕާކިސްތާނާއެކު އަފްގާނިސްތާން ފައިނަލަށް ދަތުރުކުރިއިރު، ތިން މެޗުން އެންމެ ޕޮއިންޓަކާއެކު ރާއްޖެ ނިންމާލީ ތާވަލުގެ އެންމެ ފުލުގައެވެ.

ޑައިމަންޑް ޖުބިލީ މުބާރާތުގައި ވާދަކުރާ ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗު މައުރޫފުލް ހައްގުގެ އިތުރުން އޮފިޝަލުން-- ފޮޓޯ: އެފްއޭއެމް

މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު މައުރޫފުލް ހައްގު ވަނީ، ބަންގްލަދޭޝް މުބާރާތަށް އައީ ހަމައެކަނި ތަޖުރިބާ ހޯދަން ނޫން ކަމަށާއި، އަމާޒަކީ ޗެމްޕިއަންކަން ހޯދުން ކަމަށް ބުނެފައެވެ. އަދި އޭނާގެ ނަޒަރުގައި މި މުބާރާތުގެ ހަގީގީ ޗެމްޕިއަނަކީ ބަންގްލަދޭޝް ކަމަށާއި، އެކަން އެގޮތަށް ދިމާނުވީ ފުރަތަމަ މެޗުން ފެށިގެން ރެފްރީން ގަސްދުގައި އެ ޓީމާ ދެކޮޅަށް ނާއިންސާފުން ނިންމުންތައް ނިންމަމުންދިއުމުން ކަމަށް ތުހުމަތުކުރިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ފުޓްބޯޅަ ދަށަށްދާ އެއް ސަބަބަކީ މިއަދުގެ މެޗުން ފެނުނު ކަންތައްތައް ކަމަށް ފާހަގަކޮށް، ރާއްޖެއިން އަސްލު ޓެސްޓުތަކާއި ޗެލެންޖުތަކާ ކުރިމަތިލާންޖެހޭ ކަމަށް އޭނާ ބުންޏެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ދަނޑުމަތީގައި ބޮޑު ހަމަނުޖެހުމެއް ހިނގައި، ބަންގްލަދޭޝްގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކިއިރު، ސަޕޯޓަރުން ދަނޑަށް އަރައި މާރާމާރީ ހިންގުމުން ކަންކަން ކޮންޓްރޯލް ކުރަން ފުލުހުންނަށް ޖެހުނެވެ. މެޗު ނިމުމުން ރެފްރީން ދަނޑުން ބާލަންޖެހުނީ ސެކިއުރިޓީގެ އެހީގައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން މައުރޫފުލް މާފަށް އެދުނުއިރު، ރާއްޖޭގެ ކޯޗު އިސްތަވާން އުރްބާނީ ވެސް ވަނީ ދިވެހި ކުޅުންތެރިންނާއި އޮފިޝަލުންގެ ފަރާތުން ފެނުނު ބައެއް އަމަލުތައް ބަލައިނުގަނެވޭނެ ކަމަށް ބުނެފައެވެ.

ޑައިމަންޑް ޖުބިލީ މުބާރާތުގައި ވާދަކުރާ ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިން ސަޕޯޓަރުންނާއެކު-- ފޮޓޯ: އެފްއޭއެމް

މައުރޫފުލް އިތުރަށް ބުނީ، 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އޭނާ ބަންގްލަދޭޝްގެ ސީނިއާ ޓީމު ގޮވައިގެން ރާއްޖެއާ ކުޅުނުއިރު ފެނުނު ދިވެހި ޓީމަކީ މިހާރުގެ ޓީމަށްވުރެ ފިޓްނަސްއާއި، ޓެކްޓިކަލް އަދި ވިސްނުމުގެ ގޮތުން މާ މޮޅު ޓީމެއް ކަމަށެވެ. އެހެންނަމަވެސް، މި މުބާރާތުން ޒުވާން ކުޅުންތެރިންނަށް ލިބުނު ތަޖުރިބާގެ ބޭނުން މުސްތަގުބަލުގައި ކުރެވޭނެ ކަމަށް އޭނާ އުންމީދުކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު