ފިނޭންސް މިނިސްޓަރު އިސްތިއުފާދެއްވައިފި

ފިނޭންސް މިނިސްޓަރު ޒަމީރާއި ރައީސް ޑރ. މުހައްމަދު މުއިއްޒު: ފިނޭންސް މިނިސްޓަރު ވަނީ އިސްތިއުފާދެއްވާފައި -- ފޮޓޯ/ ޕީއެސްއެމް

ސަރުކާރުގެ މާލީ ވުޒާރާގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ހުންނެވި މޫސާ ޒަމީރު ވަނީ މަގާމުން އިސްތިއުފާދެއްވުމުގެ ކަންކަން ރަސްމީކޮށް ހަމަޖައްސަވާފައެވެ. މިކަން ފިނޭންސް މިނިސްޓްރީން ވެސް ކަށަވަރުކޮށްދީފައިވާއިރު، އިސްތިއުފާދެއްވި ސީދާ ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މިއީ ސަރުކާރުގެ ހިންގުމަށާއި މާލީ ސިޔާސަތުތަކަށް ބަދަލުތަކެއް އަތުވެދާނެކަމުގެ އިޝާރާތެކެވެ. ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ އެންމެ އިސް ދައުރު އަދާކުރައްވާ ވަޒީރުކަމަށްވުމާއެކު، މިކަމާ ގުޅިގެން ދެން އަޅާނެ ފިޔަވަޅުތަކަށް އިންތިޒާރުކުރެވެމުންދެއެވެ.

  • ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަގާމުން އިސްތިއުފާދެއްވުން.
  • އިސްތިއުފާގެ ސިޓީ ރަސްމީކޮށް ހުށަހަޅުއްވައި، އޮފީހުން ގެއަށް ވަޑައިގަތުން.
  • މިކަން ފިނޭންސް މިނިސްޓްރީގެ ފަރާތުން ރަސްމީކޮށް ކަށަވަރުކޮށްދިނުން.
  • އިސްތިއުފާދެއްވި ވަކި ސަބަބެއް މިހާތަނަށް އާންމުކޮށް އަންގާފައި ނުވުން.

މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

އިތުބާރު ހުރި މަސްދަރުތަކުން "ސަން"އަށް ކަށަވަރުކުރެވިފައިވާ ގޮތުގައި އިސްތިއުފާދޭން ނިންމެވިތާ ދުވަސްކޮޅެއް ފަހުން މިއަދު ޒަމީރު ވަނީ ރަސްމީކޮށް އިސްތިއުފާ ހުށަހަޅުއްވާފައެވެ. އޭނާ މިހާރު އިސްތިއުފާދެއްވުމަށް ފަހު އޮފީހުން ވެސް ގެއަށް ވަޑައިގެންފިއެވެ.

ފިނޭންސް މިނިސްޓްރީން ވެސް ވަނީ ޒަމީރު އިސްތިއުފާދެއްވިކަން ކަށަވަރުކޮށްދީފައެވެ.

އެކަމަކު، ޒަމީރު އިސްތިއުފާދެއްވީ ކީއްވެކަމެއް މިހާތަނަށް ރަސްމީކޮށް އެނގިފައެއް ނުވެއެވެ.

މި ސަރުކާރުން ފުރަތަމަ ވެރިކަމާ ހަވާލުވީއިރު ޒަމީރު އައްޔަންކުރީ ފޮރިން މިނިސްޓަރުގެ މަގާމަށެވެ. އެކަމަކު، އޭރު ފިނޭންސް މިނިސްޓަރުކަމުގެ ހުންނެވި ޑރ. މުހައްމަދު ޝަފީގު އިސްތިއުފާދެއްވުމުން ދެން އެ މަގާމަށް އައްޔަންކުރެއްވީ ޒަމީރެވެ. އޭނާއަކީ މި ސަރުކާރުގައި އެންމެ ހިންގުންތެރި އެއް ބޭފުޅާއެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: އޭނާ ވަނީ އިސްތިއުފާދެއްވާފައި --- ފޮޓޯ/ ރައީސް އޮފީސް

އޭގެ ފަހުން ޒަމީރަށް ގިނަ ބާރުތަކެއް ވެސް ސަރުކާރުން ދީފައިވެއެވެ. އެ ގޮތުން، މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކުގެ ތެރެއިން ޕްލޭނިންއާއި ލޯކަލް ގަވާމަންޓް މިނިސްޓްރީގެ ގިނަ މަސައްކަތްތައް ވެސް ބަދަލުކުރީ ފިނޭންސް މިނިސްޓްރީގެ ދަށަށެވެ. އިސްތިއުފާދެއްވިއިރު، ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސްކަމުގައި ވެސް ހުންނެވީ ޒަމީރެވެ.

ޒަމީރަކީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. ސިޔާސީ ގޮތުން ތަޖުރިބާކާރު ޒަމީރަކީ ވަރަށް ސީނިއާ ޕޮލިޓީޝަނެކެވެ.

އޭނާއަށް ފަހު ދެން ފިނޭންސް މިނިސްޓަރުކަމަށް ވަޑައިގަންނަވާނެ ބޭފުޅެއް ސަރުކާރުން މިހާތަނަށް ރަސްމީކޮށް އާންމެއް ނުކުރެއެވެ.

މީގެ ކުރިން ލޯކަލް ކައުންސިލް އިންތިޚާބާ އެކު ބޭއްވި ރިފަރެންޑަމް ވޯޓުން ސަރުކާރަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއާ އެކު ވެސް ސަރުކާރަށް ބޮޑު ބަދަލެއް ގެނައެވެ. އެ ގޮތުން، އެ ފަހަރު އެއް ފަހަރާ 10 މިނިސްޓަރުން އިސްތިއުފާދެއްވަން ޖެހިވަޑައިގަތެވެ. އޭގެ ފަހުން އެކުލަވާލި އާ ކެބިނެޓުގައި ވެސް އެންމެ ބޮޑު ބާރެއް އޮތް ބޭފުޅެއް ގޮތުގައި ފެނިވަޑައިގަތް އެއް ބޭފުޅަކީ ޒަމީރެވެ.

https://sun.mv/222883

ފާހަގަކޮށްލެވޭ ގޮތުގައި، މާލީ ގޮތުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވެފައި އޮތް ރާއްޖޭގެ އިގުތިސާދު ނާޒުކެވެ. އެ ގޮތުން، މި އަހަރު މިހާތަނަށް ވެސް އެއް ބިލިއަން ޑޮލަރެއްހާ ދަރަނި ދައްކާފައިވާއިރު، މާލީ ގޮތުން ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ.

އެ ގޮންޖެހުންތަކުން ދަރަނިތައް އަދާކުރުމުން ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗުން މި މަހު ވަނީ ރާއްޖެއަށް ދީފައި އޮތް ރޭޓިން ސީސީސީ މައިނަސްއަށް މަތިކޮށްފައެވެ.

https://sun.mv/221281

އެއީ ވެސް "ޖަންކް" ރޭޓިންއެއް ނަމަވެސް އެއް ދަރަޖަ ރޭޓިން މަތިވުމުން ސަރުކާރުން ވަނީ އެއީ ބޮޑު ކާމިޔާބެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެ ގޮތުން، ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ގިނަ ބަޔަކު ވަނީ އެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރަށް ތައުރީފުކުރައްވާފައެވެ.

މީގެ އިތުރުން، މީގެ ކުރިން އެކިއެކި މަސައްކަތްކުރުވާފައިވާ ދިވެހި ކުންފުނިތަކަށް އެތައް ބިލިއަން ރުފިޔާ ނުދީ އޮތުމުން ވެސް ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ. އެތައް ވިޔަފާރިވެރިންނެއް ވަނީ އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ފައިސާ ދައްކާ ނިންމަން ސީދާ ރައީސް މުއިއްޒު ވެސް އެތައް ތާރީޚެއް ދެއްވިއެވެ. އެކަމަކު، މިއަދާ ހަމައަށް ވެސް އެ ފައިސާ އެއްކޮށް ދައްކާ ނިންމިފައެއް ނުވެއެވެ.

އެހެންވެ، ގިނަ އަދަދެއްގެ ވިޔަފާރިވެރިން ސަރުކާރަށް ފާޑުކިޔައެވެ.

comment ކޮމެންޓް