މޮޅުވާނެ ކަމަކަށް ނުބެލެވޭ: ދެން ވާންވީ ގުރުބާނީއެއް!

ރައީސް މުއިއްޒާއި ގައުމުގެ ހާލަތު ވަޒަންކޮށްދޭ ގްރެފިކްސްއެއް: ސަރުކާރުގެ ޕޮޕިއުލާރިޓީ ދަށްވާ ކަމަށް އެނަލިސްޓުން ގަބޫލުކުރޭ -- ފޮޓޯ/ އޭއައި

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް އޮތް ރައްޔިތުންގެ ތާއީދު ވަރަށް ބޮޑަށް ދަށްވެފައިވާކަން ފަހުން ބޭއްވި އިންތިޚާބުތަކުން ވަނީ ހާމަވެފައެވެ. ބޯހިޔާވަހިކަމާއި ދަރަނީގެ މައްސަލަތައް ޙައްލުކުރުމަށް ވެވަޑައިގަތް ވަޢުދުތައް ނުފުއްދި، ސިޔާސީ މަޤާމުތައް އިތުރުވެ، ދައުލަތުގެ ޚަރަދުތައް ވަނީ ބޮޑުވެފައެވެ. އަދި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް މަޑުޖެހި، ސަރުކާރުގެ ނިންމުންތައް އަވަސްއަވަހަށް ބަދަލުކުރުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ވަނީ ގެއްލިފައެވެ. މި ހާލަތުގައި ސިޔާސީ ގޮތުން އިތުރަށް ގެއްލޭނެ އެއްޗެއް ނެތުމުން، ސަރުކާރުން އިސްކަންދޭންވީ ދައުލަތުގެ މާލިއްޔަތާއި މުއައްސަސާތައް ހަމަމަގަށް އެޅުވުމަށްޓަކައި ހަރުދަނާ ނިންމުންތަކެއް ނިންމުމަށެވެ.

  • އާސަންދައާއި ސަބްސިޑީގެ ނިޒާމު އިޞްލާޙުކޮށް، ހަމައެކަނި ޙައްޤުވެރިންނަށް މަންފާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
  • ޝަރުޢީ ނިޒާމު މިނިވަންކޮށް، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ އިންސާފުވެރި ނިޒާމެއް ޤާއިމުކުރުން.
  • ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މިނިވަން މުއައްސަސާތަކުގައި ހުރި ކޮރަޕްޝަނާއި އިސްރާފު ނައްތާލައި، ހިންގުން ހަރުދަނާކުރުން.
  • ދެވަނަ ދައުރެއް ހޯދުމުގެ ސިޔާސީ ބޭނުމަށްވުރެ، ދައުލަތުގެ ނިޒާމުތައް ހަމަމަގަށް އެޅުވުމުގެ އިޚުލާޞްތެރި ޤައުމީ މަސައްކަތްތަކަކަށް އިސްކަންދިނުން.
  • ރައީސުލްޖުމްހޫރިއްޔާއަށް ހުރިހާ ބާރެއް ޖަމާވެފައި އޮންނަ އޮތުން ނިމުމަކަށްގެނެސް، ތިން ބާރު ވަކިވެފައިވާ ފުރިހަމަ ނިޒާމެއް ކަށަވަރުކުރުން.

ރާއްޖޭގެ ސިޔާސީ ތާރީޚަށް ބަލާއިރު، ކޮންމެ ވެރިއެއްގެ ފަހަތްޕުޅުގައި ވެސް އަބަދު ވެސް ތިއްބަވަނީ އަސްލު މަންޒަރު ފޮރުވައި، އަވާމެންދުރެއް ދައްކަވާ ބޭފުޅުންނެވެ. އެ ބޭފުޅުން ދައްކަވާ މަންޒަރުގައި އިންތިޚާބުތަކުން އަބަދު ވެސް މޮޅުވާނެއެވެ. ރައްޔިތުންގެ ތާއީދު އޮންނާނީ އުތުރިއަރާފައެވެ. އިންތިޚާބަކުން ބަލިވިޔަސް، އެއީ ވެސް ކާމިޔާބީއެއް ކަމަށް ސިފަކޮށްދެއްވާނެއެވެ. މިއީ ސިޔާސީގޮތުން ގާތުގައި ގިނައިން އުޅުއްވާނީ ކޮންމެ ވެސް ވިޔަފާރިއެއް ނުވަތަ އެ ނޫން ވެސް މަންފާއަކަށްޓަކައި އުޅޭ ބަޔަކަށް ވާތީ ހިނގާ ކަމެކެވެ. ނަމަވެސް, ރަނގަޅު ހިސާބެއް ޖަހަންވާނީ ހަގީގަތް ގަބޫލުކުރާ ހާލުގައެވެ. އެހެންކަމަށް ވާނަމަ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރަށް އޮތް ތާއީދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ބުނެވޭނެ ހެއްކަކީ މި ފަހުން ބޭއްވި އިންތިޚާބުތަކުގެ ނަތީޖާއެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނަށް، ވެރިކަމުގައި އާރާއި ބާރުގައި އޮތް ޕީއެންސީން ނުކުތީ އެ ޕާޓީގެ މެންބަރަކު އިންނެވި ގޮނޑިއެއް ދިފާއުކުރެއްވުމަށެވެ. ވެރިކަމުގައި ތިބޭ ބަޔަކަށް އިންތިޚާބު ކާމިޔާބުކުރަން ލައްކަ ކަންކަން ކުރެވޭނެތާއެވެ. ނަމަވެސް، ޕީއެންސީގެ ވެރިކަމުގައި އެ ޕާޓީގެ އަތުގައި އޮތް ގޮނޑިއެއް ދިފާއުނުކުރެވި، އިދިކޮޅު އެމްޑީޕީން ކާމިޔާބުކުރުމުން ޕީއެންސީއާއި ސަރުކާރުން އެކަން ފާހަގަކުރަނީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ. އަދި، އިންތިޚާބުން ބަލިވީ ގޮނޑި ކާމިޔާބުކުރި އެމްޑީޕީ ކަމަށް ޕީއެންސީގެ ވެރިން އެބަ ވިދާޅުވެއެވެ. މިއީ ކަންކަން އޮތް ހިސާބެވެ.

ފެކްޓަށް ބަލާލުން

މިދިޔަ އޭޕްރީލް މަހު ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުން އެދުނު ގޮތަކަށް ވޯޓު ދިނީ އެންމެ 30 ޕަސެންޓް މީހުންނެވެ. ޕީއެންސީގެ ދަފުތަރުގައި ތިބި މެންބަރުންގެ އަދަދަށް ވެސް ސަރުކާރަށް ވޯޓެއް ނުލިބުނެވެ. ސަރުކާރާ ދެކޮޅަށް 70 ޕަސެންޓް ރައްޔިތުން ވޯޓު ދިނެވެ. މިއީ ސީދާ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ނޫނެކޭ ބުނުން ކަމުގައި ނޫނީ ނުވާނެއެވެ. އެވަރުން ނިމުނީއެއް ނޫނެވެ. ހަމަ އެ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރާއްޖޭގެ ހުރިހާ ސިޓީއަކާއި ބޮޑެތި ގިނަ ރަށްތަކެއްގެ ފުރިހަމަ މެޖޯރިޓީ ނެގީ އިދިކޮޅު އެމްޑީޕީންނެވެ. ކެމްޕެއިނަށް އެތައް މިލިއަނެއް ހަރަދުކޮށް، އެތައް ވަސީލަތެއް ބޭނުންކުރި ޕީއެންސީގެ ސަރުކާރަށް ނާކާމިޔާބު ނޫން ކަމެއް ނުވިއެވެ. އެއަށް ފަހު ދެން މި އައި އައްޑޫ ބައި އިލެކްޝަންގައި ވެސް ސަރުކާރު މިވީ ހަމަ ބައްޔެވެ. މިއީ ތޯތޯ ވާހަކަތަކެއް ނޫނެވެ. މި ފާހަގަކުރީ ފެންނަން ހުރި ފެކްޓްތަކެވެ. މި ފެކްޓްތަކަށް ބަލާއިރު ސަރުކާރުގެ މަގުބޫލުކަން ދުވަހަކަށްވުރެން ދުވަހެއް މި ފެންނަނީ ދަށްވާ މަންޒަރެވެ.

https://www.sun.mv/222977

"އަޅުގަނޑު ޕީއެންސީގެ ބައެއް އިސް މަޖިލިސް މެންބަރުންނާ ވާހަކަދެއްކިން. އެ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި، އަދި މިހާރު ގިނަ މެންބަރުންގެ ވެސް ވިސްނުމަކީ ރައީސް މުއިއްޒަށް ދެން ރިޔާސީ އިންތިޚާބެއް ކާމިޔާބެއް ނުކުރެއްވޭނޭ. ރައީސް މުއިއްޒާ އެކު ޕީއެންސީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވޭނެ ކަމަށް ގަބޫލު ކުރާ އެއްވެސް މެންބަރަކާ ދިމައެއް ނުވި. ސޯޝަލް މީޑިއާގައާއި މަޖިލިސް ބަހުސްގައި ވަކި ގޮތަކަށް ވާހަކަދެއްކި ނަމަވެސް ބައްދަލުވީމާ އެ ބޭފުޅުން ވެސް ހަގީގަތް ގަބޫލުކޮށް ވާހަކަދައްކަވާ," މި ހާލަތާ ގުޅޭގޮތުން ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ އަދި މިހާރު ވެސް ސިޔާސީ ގޮތުން މަގުބޫލު ބޭފުޅަކު "ސަން"އަށް ވިދާޅުވީ މިފަދައިންނެވެ.

ދެން އޮތް ސުވާލަކީ މި ސަރުކާރަށް ބާކީ އަދި ދެ އަހަރާއި ފަސް މަހެއްހާ ދުވަސް އޮއްވައި، އަސްލު މިހާ ސަރުކާރުގެ މަގުބޫލުކަން ދަށްވީ ކީއްވެގެންތޯއެވެ؟ ހަގީގަތަކީ ރައީސް މުއިއްޒަށް ގިނަ ބަޔަކު ވޯޓު ދިނީ ވަރަށް ބޮޑު އުންމީދެއްގައެވެ. އެއީ ތަޢުލީމު އުނގެނިވަޑައިގެން ހުންނެވުމާއި ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވުމުގެ އިތުރުން މާލޭގެ މޭޔަރުކަން ކުރެއްވުމާ ގުޅިގެން ހިންގުމުގެ ތަޖުރިބާ ހުންނަވާނެކަމުގެ ފޮނި އުންމީދުގައެވެ. އަދި، ނަތީޖާ ނެރުއްވާނެ ކަމުގެ އުންމީދާ ވެސް އެކުގައެވެ. ރައީސް މުއިއްޒު ކެމްޕެއިންގެ ތެރޭގައި ވިދާޅުވަމުން ގެންދެވީ ރާއްޖެއަށް ކުރިމަތިވެފައި އޮތް ދަރަނީގެ މައްސަލައަށް ހާސްކަމެއް ނެތް ކަމަށެވެ. އެކަން ހައްލުކުރަން އެހީވާނެ ގައުމުތައް ހުރި ވާހަކައެވެ. ހަމަ އެއާއެކު މި ފަސް އަހަރު ނިމޭއިރު ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އެކީ ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. ރައްޔިތުން އެ ވާހަކަ އޭރު ގަބޫލުކުރިއެވެ. އޭގެ ހެއްކަކީ ވެރިކަމާ އެކު މިހާތަނަށް ރާއްޖޭގެ ސަރުކާރަކަށް ދިން އެންމެ ބޮޑު މެޖޯރިޓީ މަޖިލީހުގެ ތެރެއިން ވެސް ދިނުމެވެ. ނަމަވެސް، މިހާތަނަށް ނެރެވުނު ނަތީޖާ ހަގީގަތުގައި ވެސް ވަރަށް ދަށެވެ.

އިންތިޚާބުތަކާ ދިމާކޮށް އެތައް ޕްރޮޖެކްޓެއް އިއުލާނުކޮށް ސޮއިކުރި ނަމަވެސް، މުޅި ގައުމުގައި ވެސް މާ އޮއްޓަރު ހުރި އުމްރާނީ ތަރައްގީގެ މަސައްކަތްތަކެއް ދައުރު ދެބައިވިއިރު ވެސް ނުފެށެއެވެ. ސިޔާސީ މަގާމުތައް 700 އަށް ވުރެ މަތިނުކުރައްވާނެކަމުގެ ވައުދުވެލެއްވިޔަސް އެކަން ވެސް ދިޔައީ ހައްދުން ނައްޓައިގެންނެވެ. އެކްޓިވިސްޓުންނަށް ނެތް ފެންވަރުގެ މަގާމުތައް ދިން މަންޒަރު އެންމެނަށް ފެނުނެވެ. ދައުލަތުގެ މުސާރައިގެ ބިލު އިންތިހާއަށް ބޮޑުވެގެން ދިޔައިރު، އާންމު ރައްޔިތުންނަށް ލިބުނު މާލީ ލުޔެއް ނެތެވެ. އަނެއްކާ ސަރުކާރުން ހަދާ ވަރުގަދަ ސިޔާސަތުތަކާއި ނިންމާ ނިންމުންތައް އިރުއިރުކޮޅާ ބަދަލުކުރުންފަދަ ކަންކަމުގެ ސަބަބުން ސަރުކާރާ މެދު މީހުން ދެކޭ ގޮތް ވަނީ ބަދަލުވެފައެވެ. ސަރުކާރުގެ ނިންމުންތައް ސީރިއަސްކޮށެއް ނުނަގައެވެ. އެއީ ކެރުންތެރި ނިންމުންތަކެއް ނިންމަވާފައި އަނެއް ދުވަހު އެކަން 180 ޑިގްރީއަށް ބަދަލުކުރެއްވުން އާންމު ކަމުންނެވެ. ސިނގިރޭޓް އަގުހެޔޮކުރާ ވާހަކަ ސަރުކާރުން މިހާރު ދައްކާއިރު އެއީ މިފަދަ މިސާލެކެވެ. މީގެ އިތުރުން ވެސް ދަނޑު ބޭރުގެ ހަރަކާތްތަކާއި ރިއެކްޓް ކުރުންތައް މި ސަރުކާރުގައި ވަރަށް ވެސް ގިނައެވެ. އެފަދަ ކަންކަމުގެ ސަބަބުން އަވައްޓެރި ގައުމުތަކާ ވެސް ގުޅުން އެބަ ގޯސްވެއެވެ.

ސިޔާސީ މަގުބޫލު ކަމަށް ނުބަލައި އަޅުއްވަންވީ އިސްލާހީ ފިޔަވަޅު

ޒަމާނުންސުރެ މިސްރާބެއް ނެތި ގައުމު ހިންގުމާއި ސިޔާސީ ބޭނުމަށް ކަންކަން ކޮށްކޮށް މިއޮއް ކުޑަ ގައުމު މިއޮތީ ވަރަށް ހާލުގައެވެ. މި ހަގީގަތް މިހެން އޮތްނަމަ ސަރުކާރަށް ކުރެވިދާނެ އެހެން ކަމެއް އެބައޮތެވެ. އެއީ މި ދައުރުގައި ބާކީ އޮތް ދުވަސްތަކަކީ ގައުމުގެ ކަންކަން އިސްލާހުކުރާނެ ދުވަސްތައް ކަމުގައި ހެދުމެވެ. އެއީ މިހާރު ވެސް ރައީސް މުއިއްޒަށް މިސްރާބު ހިފައި ލެގަސީއެއް ބިލްޑް ކުރެވިދާނެ ކަމެކެވެ. ރައީސް މުއިއްޒަކީ ކަންކަން އިސްލާހުކުރެއްވި ވެރިއެއްގެ ގޮތުގައި ތާރީޚުގައި ލިޔެވިގެންދާނީ އޭރުންނެވެ. ސިޔާސީ ގޮތުން އިތުރަށް ގެއްލޭނެ އެއްޗެއް ނެތް ހިސާބަށް ކަންކަން ގޮސްފައިވާއިރު، މިއަދު ރައީސް މުއިއްޒު ނިންމަވަންވީ ދެވަނަ ދައުރެއްގެ އުންމީދު ދޫކޮށްލެއްވުމަށް ފަހު، ދައުލަތުގެ މާލިއްޔަތާއި މުއައްސަސާތައް ހަމަމަގަށް އެޅުވުމުގެ ހިތްވަރުގަދަ ނިންމުންތައް ނިންމެވުމަށެވެ.

19 އެޕްރީލް 2026: އަލަށް އައްޔަންކުރެއްވި މިނިސްޓަރުންނާއެކު އޮތް ކެބިނެޓު ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ދަރަނި އިންތިހާއަށް ބޮޑުވެފައިވާއިރު، މި މައްސަލަ ހައްލުކުރަން ސަބްސިޑީގެ ނިޒާމަކީ އެންމެނަށް އެއް ހަމައަކަށް އޮންނަ އެއްޗެއްގެ ބަދަލުގައި އެއީ އޭގެ ހައްގުވެރިންނަށް އެކަނި ލިބޭ އެއްޗަކަށް ހަދަން ޖެހެއެވެ. އާސަންދައަށް ފަރުވާކުރަން ޖެހޭ ހިސާބަށް ގޮސްފައިވަނީ އެ ނިޒާމުގެ ތެރޭގައި އިސްރާފާއި ކޮރަޕްޝަން ބޮޑުވުމާއި ރަނގަޅު ނިޒާމަކުން ނުހިންގާތީއެވެ. މިއީ އިސްލާހުކުރަން ޖެހޭ ކަމެކެވެ.

މި ރާއްޖޭގައި އަދިވެސް ނިކަމެއްޗަކަށް އަދުލު އިންސާފެއް ލިބޭނެ ކަމަށް ގަބޫލުކުރާ މީހުން މަދީ ސިޔާސީ ނުފޫޒާއި ޝަރުއީ ނިޒާމުގެ ހިންގުންތެރިކަން ގޯސްވީމައެވެ. އެހެންކަމުން އެ ދާއިރާއަށް ވެސް ބޮޑު ބަދަލުތަކެއް ބޭނުންވެއެވެ.

ކިތަންމެ ކިޔަވައިގެން ހުރި ނަމަވެސް ސިޔާސީ މީހެއްގެ ނުފޫޒެއް ނެތި ވަޒީފާއެއް ވެސް އަދި މަގާމުގެ ކުރިއެރުމެއް ވެސް ދައުލަތުގެ ތެރެއިން ހޯދުން މި ވަނީ ދަތިވެފައެވެ. އަދި ސިޔާސީ ނުފޫޒުގެ ތެރެއިން ގާބިލު ނޫން މީހުން އިސް މަގާމުތަކަށް އައުން ވަރަށް އާންމެވެ. ސިޔާސީ މީހުންގެ ނުފޫޒަށް ނުގުޑާ ނަމަ ވަޒީފާ ގެއްލުވާލުން ވެސް އެހާމެ އާއްމެވެ. ދެން އޮތީ އެންމެ ބޮޑު މައްސަލައެވެ. ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް އާއްމުވުމެވެ. ސިޔާސީ ދާއިރާގައި ގިނަ ބަޔަކު ހަރަކާތްތެރިވަނީ ސީދާ މި ބޭނުމުގައެވެ. ނުހައްގު މުއްސަނދިކަން ހޯދުމަށެވެ. އެކިއެކި ނުފޫޒުތަކުގެ ތެރެއިން ޕްރޮޖެކްޓްތަކާއި ކަޓްތައް ނަގައިގެން ނުހައްގު މުއްސަނދިކަން ހޯދާ މީހުން އިންތިހާއަށް ގިނައެވެ. ކޮންމެ ފަސް އަހަރަކުން މީހުން ބަދަލުވިޔަސް ކުރާ ވައްކަމެއް މަދެއް ނުވެއެވެ. އަދި، ވައްކަން ކުރާ ގިނަ ބަޔަކަށް ލިބޭ އަދަބެއް ވެސް ނޯވެއެވެ. މިކަންކަމުން ގައުމު ސަލާމަތްކުރުމަށް ބޭނުންވަނީ ރަނގަޅު ރައީސެއްގެ އިޚުލާސްތެރި ފިޔަވަޅުތަކެކެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މިނިވަން މުއައްސަސާތަކަށް ވެސް ހަމައެކަނި "ޔެސް ސާ" ކިޔާ މީހުން އައްޔަންކޮށްގެން ހިންގާ ހިންގުމުގެ ސަބަބުން ރާއްޖޭގެ ސިސްޓަމް ރަނގަޅަށް ފަންގްޝަނެއް ނުކުރެއެވެ. ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުގައި ދަރަނި އިންތިހާއަށް ގިނަވެ ބޯހިކެން ނެތެވެ. ވައްކަން އެހާ ގިނައެވެ. މިނިވަން މުއައްސަސާތައް ހިންގަން ބިލިއަނުން ހަރަދުކުރި ނަމަވެސް އެކަށީގެންވާ ނަތީޖާއެއް ނުނިކުމެއެވެ. އޭރަކު އޮންނަ ސަރުކާރަކުން ބުނިހާ ކަމެއްހެން ކޮށްދީގެން މުސާރަ ނެގުން ނޫން ކަމެއް އެތަންތަނުގެ ވެރިން ނުކުރެއޭ ބުނެވިދާނެއެވެ. ރަނގަޅަށް މިނިވަން މުއައްސަސާތައް ނުހިނގާކަމުގެ އެންމެ ބޮޑު ހެއްކަކަށް އޭސީސީ ފުދޭނެއެވެ.

https://www.sun.mv/189287

ވެރިކަމުގައި ހުންނަވާ ބޭފުޅާ މާ ބޮޑުވެ، ބާރުގަދަވާ ނިޒާމީ މައްސަލައަށް ވެސް ހައްލެއް ބޭނުންވެއެވެ. ހުރިހާ ބާރަކީ ރައީސުލްޖުމްހޫރިއްޔާކަމުގައި އޮތުން ނިންމަން ޖެހެއެވެ. ހަގީގަތުގައި ވެސް ތިން ބާރު ވަކިވެފައިވާ ނިޒާމެއް މި ރާއްޖޭގައި ފައްކާކުރަން ޖެހެއެވެ.

ކުރިން މި ފާހަގަކުރި މައްސަލަތަކަކީ މި ގައުމުގައި ރަނގަޅުކުރަން ޖެހިފައިވާ ކަންކަމެވެ. ނަމަވެސް، އެކަން ނުވެ އޮތީ ވެރިންގެ އިޚުލާސްތެރިކަން ނެތުމާއި ސިޔާސީ ގޮތުން މަގުބޫލުކަން ދަށްވެދާނެތީ ފިޔަވަޅުތައް އަޅަން ނުކެރުމެވެ. މި ސަރުކާރަށް ބަލާއިރު ސިޔާސީ ގޮތުން ދެން މަގުބޫލުކަން ދަށްވާކަށް ނެތެވެ. ކުރީގެ ވެރިކަންތަކަށް ބަލާއިރު ރައީސް އަބްދުالله ޔާމީނާއި ރައީސް ޞާލިޙުގެ ވެރިކަމުގައި މި ސަރުކާރަށް ވުރެ ގިނަ މަޝްރޫއުތަކާއި ކަންކަން ހިންގެވިއެވެ. ނަމަވެސް، ރައްޔިތުން ދެވަނަ ދައުރެއް ނުދިނެވެ. މި ސަރުކާރަށް ބަލާއިރު މިހާރު މި ދައްކާ ޕާފޯމަންސާއި އަދި އިންތިޚާބުތަކުން މި ލިބޭ ދަށް ނަތީޖާއިން ހާމަވަނީ ދެވަނަ ދައުރެއް ރައީސް މުއިއްޒަށް ލިބިވަޑައިގަތުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ.

އެހެންކަމުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި ގައުމު އިސްލާހުކުރައްވަން ރައީސް މުއިއްޒު ފިޔަވަޅުތަކެއް އަޅުއްވައިފިނަމަ ހަމަ ގައިމު ވެސް އޭގެ ފައިދާ ގައުމަށް ކުރާނެއެވެ.

comment ކޮމެންޓް