އުވާލި ބްރޯޑްކޮމްއަށް 30.6 މިލިއަން ރުފިޔާ ނުލިބި އޮތް، ހޯދުނު އަދަދު ނޭނގޭ: އޮޑިޓް

ބްރޯޑްކޮމްގެ 2023 ވަނަ އަހަރުގެ ބައްދަލުވުމެއްގެ ތެރެއިން: ބްރޯޑްކޮމްއަށް 2023ގެ ނިޔަލަށް 30.6 މިލިއަން ރުފިޔާ ނުލިބި އޮތް ކަމަށް އޮޑިޓުން ދައްކާ -- ފޮޓޯ/ ބްރޯޑްކޮމް

އައު ގާނޫނެއްގެ ދަށުން އުވާލާފައިވާ ބްރޯޑްކާސްޓިންގ ކޮމިޝަނަށް 2023 ވަނަ އަހަރުގެ ނިޔަލަށް 30.6 މިލިއަން ރުފިޔާ ނުލިބި އޮތްކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ރީބްރޯޑްކާސްޓިންގ ލައިސަންސް ފީއާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާއެވެ. ނަމަވެސް، ކޮމިޝަނުގެ ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން މުހިންމު ލިޔެކިޔުންތައް ގެއްލިފައިވާތީ، 2024 ވަނަ އަހަރު ލިބުނު ފައިސާގެ ތެރޭގައި ކުރިން ނުލިބި ހުރި ފައިސާ ހިމެނޭކަން ކަށަވަރުކުރެވޭކަށް ނެތެވެ. މި ފައިސާ ހޯދުމަށް ގަވާއިދާ އެއްގޮތަށް އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އޭގެ ބަދަލުގައި، މިހާރުގެ ސަރުކާރުން ވަނީ މީޑިއާތައް ބެލެހެއްޓުމަށް އައު ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނަށް 16.3 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ.

  • ނުލިބިވާ ފައިސާ: 2023 ވަނަ އަހަރުގެ ނިޔަލަށް ބްރޯޑްކޮމްއަށް 30.6 މިލިއަން ރުފިޔާ ލިބެންޖެހެއެވެ.
  • ރިކޯޑުތައް ގެއްލުން: ސާވާ ފެއިލްވުމުގެ ސަބަބުން، 2024 ވަނަ އަހަރު ލިބުނު ފައިސާގެ ތަފުސީލުތަކާއި ކުރީގެ ރިކޯޑުތައް ވަނީ ގެއްލިފައެވެ.
  • ފިޔަވަޅު ނޭޅުން: ގިނަ ދުވަސްވެފައިވާ ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކޮމިޝަނުން މަސައްކަތްކޮށްފައެއް ނުވެއެވެ.
  • އޮޑިޓްގެ ލަފާ: މުސްތަގުބަލުގައި މުހިންމު ލިޔެކިޔުންތައް ގެއްލުނަ ނުދިނުމަށް، ޑޭޓާ ރައްކާތެރިކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
  • އައު ކޮމިޝަން: ބްރޯޑްކޮމް އުވާލުމަށްފަހު އުފެއްދި އައު ކޮމިޝަނަށް މިއަހަރު 16.3 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފައެވެ.

މި ސަރުކާރުން މީޑިއާތައް ރެގިއުލޭޓްކުރަން އެކުލަވާލި ގާނޫނާ އެކު އުވާލި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އަށް 2023 ވަނަ އަހަރުގެ ނިޔަލަށް 30.6 މިލިއަން ރުފިޔާ ނުލިބި އޮތް ކަމަށާއި އެ ފައިސާގެ ތެރެއިން ޖެހިގެން އައި އަހަރު ހޯދުނު އަދަދު، ސާވަތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޔަގީން ނުވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ 2024 ވަނަ އަހަރުގެ އޮޑިޓުގައި ވަނީ އެ ކޮމިޝަނަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން 2023ގެ ނިޔަލަށް 30.6 މިލިއަން ރުފިޔާ ނުލިބި އޮތް ކަމަށް އެ ކޮމިޝަންގެ މާލީ ހިސާބުތަކުގައި ހިމަނާފައިވާ ކަމަށެވެ. ނަމަވެސް، ކޮމިޝަންގެ ސާވާއަށް މައްސަލައެއް ދިމާވެ ސާވާގައި ހުރި ލިޔެކިޔުންތައް ނެގޭނެ ގޮތެއް ނުވެ، ޖެހިގެން އައި އަހަރު މާލީ ބަޔާންތައް ހިމަނައިގެން އަހަރީ ރިޕޯޓު ތައްޔާރުކޮށްފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

އޭގެ ސަބަބުން، 2024 ވަނަ އަހަރުގެ ނިޔަލަށް ކޮމިޝަނަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ ހިސާބެއް ތައްޔާރުކުރެވެން ނެތް ކަމުގައި ބްރޯޑްކޮމުން މައުލޫމާތު ދިން ކަމަށް އޮޑިޓުގައިވެއެވެ. އެހެންވެ، 2024 ވަނަ އަހަރުގެ ނިޔަލަށް ކޮމިޝަނަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބޭ ފައިސާގެ އަދަދެއް ބެލެން ނެތްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދެހާސް ތޭވީސް ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވަނީ ބްރޯޑްކޮމްއަށް ލިބެން ޖެހޭ 30.6 މިލިއަންގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ރީބްރޯޑްކާސްޓިން ލައިސަންސަށް ލިބެން ޖެހޭ ފައިސާ ކަމަށެވެ. އެގޮތުން، އެ ފީއަށް 8.03 މިލިއަން ރުފިޔާ ނުލިބޭ ކަމަށާއި ރީބްރޯޑްކާސްޓިން ލައިސަންސް ފީގެ ޖޫރިމަނާގެ ގޮތުގައި 6.65 މިލިއަން ރުފިޔާ ނުލިބޭ ކަމަށް ރިޕޯޓުގައިވެއެވެ.

އެ ކޮމިޝަނަށް ނުލިބި ހުރި ފައިސާގެ ތެރޭގައި ތިން އަހަރަށްވުރެ ގިނަ އަހަރުވަންދެން ނުލިބި ހުރި ފައިސާ ވެސް ހިމެނޭ ކަމަށް 2023ގެ އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.

ބްރޯޑްކޮމްއަށް 2023ގެ ނިޔަލަށް ނުލިބި ހުރި ފައިސާގެ ތަފުސީލް -- ފޮޓޯ/ އޮޑިޓް ރިޕޯޓް

އެ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވަނީ ބްރޯޑްކޮމްއަށް ނުލިބި ހުރި ފައިސާ ހޯދުމަށް އެ ކޮމިޝަނުން ގަވައިދާ އެއްގޮތަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށް ވެސް ބުނެފައެވެ.

ފަހުގެ އޮޑިޓުގައި ވަނީ ފިނޭންސް މިނިސްޓްރީން ބަލަހައްޓަމުން އަންނަ ސެޕް ސިސްޓަމްގެ 2024 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު، އެ އަހަރު ބްރޯޑްކޮމްއަށް 7.45 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ދައްކާ ކަމަށެވެ. ނަމަވެސް، އެ ކޮމިޝަނަށް ލިބެން ޖެހޭ ފައިސާގެ ރިކޯޑްތައް ފުރިހަމައަށް ބަލަހައްޓައި، އެއަށް ބިނާކޮށް ސެޕް ސިސްޓަމުގައި އެންޓްރީއެއް ހަދާފައިނުވާ ކަމަށް ރިޕޯޓުގައިވެއެވެ.

އެހެންވެ، 2024ގައި ލިބުނު ފައިސާގެ ތެރޭގައި، 2023އަށް ނުލިބި އޮތް ފައިސާގެ މިންވަރެއް ލިބުނުކަން އެނގެން ނެތް ކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ. ބްރޯޑްކޮމްއަށް 2024ގައި ލިބުނު ފައިސާގެ ތަފުސީލަކަށް ފިނޭންސް މިނިސްޓްރީން ހިމަނާފައިވަނީ:

  • މައުރަޒު ފަދަ ތަންތަނުގައި ލަވަޖެހުމާއި ކޭބަލް ޓީވީއަށް: 1.84 މިލިއަން ރުފިޔާ
  • ޓެލެކޮމިއުނިކޭޝަން ލައިސަންސް ފީ: 5.36 މިލިއަން ރުފިޔާ
  • ގަވައިދާ ޚިލާފުވެގެން ކުރެވޭ ޖޫރިމަނާ: 222،045 ރުފިޔާ
  • މުވައްޒަފުންގެ ގަޑީ ލާރިއާއި ޖޫރިމަނާއަށް ލިބޭ: 17،357 ރުފިޔާ
  • ކުރީ އަހަރުގެ ބަޖެޓުން އަނބުރާ ލިބޭ ފައިސާ: 3،060 ރުފިޔާ
  • ނީލަމުގައި ތަކެތި ވިއްކައިގެން ލިބޭ: 1،400 ރުފިޔާ

ބްރޯޑްކޮމްއިން އިސްލާހުކުރަން ޖެހޭ ކަންތައްތަކުގެ ގޮތުގައި އޮޑިޓުގައި ލަފާދީފައިވަނީ، ކޮމިޝަންގެ ސާވާއަށް މައްސަލައެއް ދިމާވި ނަމަވެސް، ފައިސާއާ ގުޅޭ މުހިންމު ލިޔެކިޔުންތައް ނުގެއްލި ރައްކާކުރެވޭ އިންތިޒާމު ހަމަޖެއްސުމަށެވެ. އަދި، ދައުލަތުގެ މާލިއްޔަތު ގަވައިދުގައިވާ ގޮތުގެ މަތިން ލިބެން ޖެހޭ ފައިސާ ހޯދުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އޮޑިޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ސަރުކާރުން ބްރޯޑްކާސްޓިން ކޮމިޝަނާއި، އޭރު އޮތް މީޑިއާ ކައުންސިލް އުވާލީ، ސަރުކާރަށް މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބާރު ލިބިދޭ ގޮތަށް މިދިޔަ އޮގަސްޓު މަހުގެ 18ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލެއް ފާސްކޮށްގެންނެވެ.

އެ ބިލަށް ނޫސްވެރިންނާއި މީޑިއާތަކުގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާތަކުން ފާޑުކިޔައި، ބިލާ ދެކޮޅަށް މުޒާހަރާ ވެސް ކުރިއެވެ. ސަރުކާރުގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން އެ ބިލު ފާސްކުރީ، ކަންބޮޑުވުންތަކަށް ފަރުވާ ހޯދައިދީފައިވާ ކަމަށް ބުނެއެވެ. އޭގެ ފަހުން ބިލު ތަސްދީގު ނުކުރަން ގިނަ ބަޔަކު ގޮވާލަމުން ދަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ބިލު ތަސްދީގުކުރެއްވިއެވެ.

https://sun.mv/216332

އެ ގާނޫނާ އެކު ބްރޯޑްކޮމްއާއި މީޑިއާ ކައުންސިލް އުވުނެވެ. އަދި، އޭގެ ބަދަލުގައި މީޑިއާތައް ބެލެހެއްޓުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ވަނީ އުފައްދާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމަށް މި ސަރުކާރުން ނިންމާފައިވާއިރު، އެ މަސައްކަތް ކުރަނީ އަލަށް އުފެއްދި ކޮމިޝަނުންނެވެ.

ކުރިން އޮތް ބްރޯޑްކޮމްއަށް 2023އާއި 2024ގައި ފާސްކުރީ 10 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށްވާއިރު، މި އަހަރު އާ ކޮމިޝަނަށް ވަނީ 16.3 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ.

comment ކޮމެންޓް