ޓްރީޓޮޕްގެ ފާޓިލިޓީ ސެންޓަރަށް ތިން އަހަރުވުމާ ގުޅިގެން ހިލޭ ލަފާ ދެނީ

ޓްރީޓޮޕް ހޮސްޕިޓަލް: އެ ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރަށް ތިން އަހަރުވުމާ ގުޅިގެން ހިލޭ ލަފާ ދިނުމުގެ ކެމްޕެއިނެއް ފަށަނީ ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓްރީޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދަރިމައިވުމުގެ މައްސަލަތަކާ ގުޅޭގޮތުން ހިލޭ ލަފާދިނުމުގެ ހަރަކާތެއް ވަނީ ފަށާފައެވެ. މި ހަރަކާތުގެ މައިގަނޑު އަމާޒަކީ ދަރިމައިވުމުގެ ސިއްހަތަށް އާންމުން ހޭލުންތެރިކުރުވުމާއި، މައްސަލަތައް ކުރިމަތިވާ ފަރާތްތަކުން ލަސްނުކޮށް ޑޮކްޓަރުންގެ އެހީތެރިކަން ހޯދުމަށް ބާރުއެޅުމެވެ. ރާއްޖޭގައި އެންމެ ފުރަތަމަ އައިވީއެފްގެ ޚިދުމަތް ތައާރަފުކުރި މި މަރުކަޒުން ވަނީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ސަތޭކަ ކުދިން އުފަންކުރުމުގައި އެހީތެރިކަން ފޯރުކޮށްދީ، ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. މި ޕްރޮމޯޝަންގެ ދަށުން، މި މަހުގެ 13 އިން 17 އަށް ފާޓިލިޓީ ސްޕެޝަލިސްޓުންނާ ހިލޭ ބައްދަލުކުރެވޭނެއެވެ. މި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ރަޖިސްޓްރީކުރާ ފުރަތަމަ 130 މީހުންނަށެވެ. ކޮންސަލްޓޭޝަން އަދި ފޮލޯއަޕް ހިލޭ ލިބުނު ނަމަވެސް، އިތުރު ޓެސްޓުތަކާއި ފަރުވާތަކަށް އާންމު އުސޫލުން ފީ ނެގޭނެއެވެ.

  • ޓްރީޓޮޕް ފާޓިލިޓީ ސެންޓަރަށް ތިން އަހަރު ފުރުމާ ގުޅިގެން 130 ފަރާތަކަށް ހިލޭ ކޮންސަލްޓޭޝަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
  • މި ހަރަކާތް ކުރިއަށްދާނީ މި މަހުގެ 13 އިން 17 އަށެވެ.
  • ޕްރޮމޯޝަންގައި ހިމެނެނީ ފުރަތަމަ ކޮންސަލްޓޭޝަނާއި ފޮލޯއަޕް އެކަންޏެވެ. ޓެސްޓުތަކާއި ސްކޭންތަކަށް ފީ ނެގޭނެއެވެ.
  • މި މަރުކަޒަކީ ރާއްޖޭގައި އައިވީއެފްގެ ޚިދުމަތް ދޭން ފެށި ފުރަތަމަ މަރުކަޒެވެ.
  • ފާއިތުވި ތިން އަހަރުގެ ތެރޭގައި މި ސެންޓަރުގެ އެހީގައި 100 ކުދިން ވަނީ އުފަންވެފައެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުގެ ތިންވަނަ އަހަރީ ދުވަހާ ގުޅުވައިގެން ދަރިމައިވުމާ ގުޅޭގޮތުން ހިލޭ ލަފާދޭ ކެމްޕެއިނެއް މިއަދު ފަށައިފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުގެ އަހަރީ މުނާސަބަތުގައި މިއަދު ފެށި "ފްރީ ފާޓިލިޓީ ކޮންސަލްޓޭޝަން" ނުވަތަ ދަރިމައިވުމާ ގުޅޭ ގޮތުން ހިލޭ ލަފާދޭ ކެމްޕެއިނުގެ މަގުސަދަކީ، ދަރިމައިވުމުގެ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކޮށް މައްސަލައެއް އުޅޭނަމަ ވީހާ ވެސް އަވަހަށް ޑޮކްޓަރުގެ ލަފާ ހޯދުމަށް ހިތްވަރުދިނުން ކަމަށެވެ.

މި ފުރުސަތުގެ ދަށުން މި މަހުގެ 13ވަނަ ދުވަހާއި 17ވަނަ ދުވަހާ ދެމެދު ފާޓިލިޓީ ސްޕެޝަލިސްޓަކާ ހިލޭ ދެއްކުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އޮންލައިންކޮށް ހުޅުވައިލާނެ ކަމަށް ވެސް ޓްރީޓޮޕް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ، މި ކެމްޕެއިންގެ ދަށުން ޖުމުލަ 130 މީހަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ހިލޭ ޚިދުމަތުގެ ތެރޭގައި ހިމެނެނީ ފުރަތަމަ ކޮންސަލްޓޭޝަނާއި އެއާ ގުޅޭ ފޮލޯ-އަޕް އެޕޮއިންޓްމަންޓް އެކަނި ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުންޏެވެ. މި ޕްރޮމޯޝަންގެ ދަށުން އާސަންދައާއި އިތުރު އިންޝުއަރެންސެއް ބޭނުމެއް ނުކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެކަމަކު، ޓްރީޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި ޑޮކްޓަރު އިރުޝާދުގެ މަތިން ހަދާ އިތުރު ޓެސްޓުތަކާއި، ސްކޭން، ބޭހާއި އެހެނިހެން ޕްރޮސީޖާތަކަށް ހޮސްޕިޓަލުގެ އާންމު ރޭޓުން ފީ ނަގާނެއެވެ.

މެއި 29، 2023 ގައި ހުޅުވި ޓްރީޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރަކީ ރާއްޖޭގައި އައިވީއެފްގެ ޚިދުމަތް އެންމެ ފުރަތަމަ ދޭން ފެށި މަރުކަޒެވެ. ވޭތުވެދިޔަ ތިން އަހަރުގެ ތެރޭ މި މަރުކަޒުން ހޯދި ކާމިޔާބީތަކުގެ ތެރޭގައި، އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ދަރިއަކު އުފަންވުމާއި، އެ މަރުކަޒުގެ އެހީގައި 100 ވަނަ ކުއްޖާ އުފަންވުން ހިމެނެއެވެ.

މި މަރުކަޒުން ދޭ ޚިދުމަތްތަކުގެ ތެރޭގައި އައިވީއެފް، އައިޔޫއައި، ދަރިމައިވުމުގެ މައްސަލަތައް ދެނެގަތުމަށް ކުރާ ޓެސްޓުތަކާއި ފަރުވާގެ ޕްލޭން އެކުލަވައިލުމުގެ އިތުރުން، ދަރިމައިވުމުގެ ސިއްހަތާ ގުޅޭ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

މި މަރުކަޒުގައި މަސައްކަތްކުރައްވަނީ މި ދާއިރާގެ ތަޖުރިބާކާރު ސްޕެޝަލިސްޓުން ކަމަށްވާ ޑރ. އަނީތާ ގޯރާއި، ޑރ. ޒަކިއްޔާ އަޙްމަދާއި، ޑރ. ވަރްޝާ ރެންގަރާޖެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ ދަރިމައިވުމުގެ ފަރުވާގެ ޚިދުމަތް ރާއްޖޭގައި އިތުރަށް ފުޅާކޮށް، އެންމެ ފަހުގެ ވަސީލަތްތަކާއެކު އާއިލާތަކުގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގައި ދެމިތިބުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

comment ކޮމެންޓް