މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން, ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ, މައުމޫން ފައުންޑޭޝަނާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މިއީ އެމްޑަބްލިއުއެސްސީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) އިނިޝިއޭޓިވްސްގެ ދަށުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު މުހިންމު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން، މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް އައު ފުރުސަތުތަކެއް ފުޅާވެގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
މިއަދުވި މި އެއްބަސްވުމުގައި މައުމޫން ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ ދަރިކަލުން ފާރިސް މައުމޫނެވެ. އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ.
މި ފަހުމުނާމާގެ ދަށުން އެމްޑަބްލިއުއެސްސީން ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި މާސްޓާސް ޑިގްރީ ފެންވަރަށް ކިޔެވުމަށް ޚާއްސަ ސްކޮލާޝިޕެއް ސްޕޮންސާކޮށްފައެވެ. މި ސްކޮލާޝިޕްގެ މައިގަނޑު މަގުސަދަކީ ރާއްޖެއަށް ބޭނުންވާ ހުނަރުވެރި ފަންނީ މީހުން ބިނާކުރުމާއި، ގައުމީ ފެންވަރުގައި ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް އެއްބާރުލުން ދިނުން ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މި ސްކޮލާޝިޕް ދެނީ މައުމޫން ފައުންޑޭޝަން މެދުވެރިކޮށެވެ.
މައުމޫން ފައުންޑޭޝަނުން މީގެ ކުރިންވެސް ވަނީ ތަޢުލީމީ ފުރުސަތުތައް ފަހިކޮށްދިނުމަށް އެކި ފަރާތްތަކާއެކު މަސައްކަތްކޮށްފައެވެ. އެގޮތުން، މިފަހަރުގެ ސްކޮލާޝިޕް އަމާޒުކޮށްފައިވަނީ މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ނަމަވެސް މާލީ ގޮތުން ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ފަރާތްތަކަށް ކަމަށްވާއިރު، މިއީ އެފަދަ ދަރިވަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމުގައި އަމިއްލަ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދައުރު އަންނަނީ ފުޅާވަމުންނެވެ. ޚާއްސަކޮށް ސީއެސްއާރު ޕްރޮގްރާމްތައް މެދުވެރިކޮށް މީހުން ބިނާކުރުމަށް ކުރެވޭ އިންވެސްޓްމަންޓްތަކަކީ ގައުމުގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ.