އެމްޑީޕީ ރޫޅާނީ ވެސް، ރާވާނީ ވެސް އަޅުގަނޑުމެން: ބޮންޑޭ

މީގެ އަހަރުތަކެއް ކުރިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ބޮންޑޭ ވާހަކަދައްކަވަނީ -- ފޮޓޯ/ މަޖިލިސް

ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވި ގޮތުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރޫޅައިލުމަށްފަހު އަލުން ރާވާނީ އެ ޕާޓީން ވަކިވެވަޑައިގެންނެވި އިސް ބޭފުޅުންނެވެ. އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އޭނާ ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ އަސްލު އޮތީ ރޫޅިފައިނޫން ކަމަށާއި، ރޫޅައިލެވުނީ އެމްޑީޕީގެ ނަމުގައި އޮތް ހުސް ތޮށިގަނޑެކެވެ. ޕާޓީ ދެބައިވުމުގެ އަސްލަކީ، 2018 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނެ މަގުފަހިކޮށްދިނުމަށް އެމްޑީޕީން މަސައްކަތްކޮށްފައިނުވުން ކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން، އުކުޅަހުގައި ބޭއްވި ކޮންގްރެސްގައި ރައީސް ނަޝީދު މިނިވަންކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އެދުމަށް ހުށަހެޅުމުން އެކަން ކޮށްފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބޮންޑޭ ވަނީ ރައީސް ނަޝީދާއި ވާދަވެރި ކެންޑިޑޭޓް މީކާއީލް ނަސީމާ ދެމެދު ހުރި ތަފާތުތައް ފާހަގަކުރައްވައިފައެވެ. ރައީސް ނަޝީދަކީ ޕާޓީ ހިންގުމަށް ފުރިހަމަ ވަގުތު ދެއްވޭނެ ތަޖުރިބާކާރު، ބާރު ދުވެލީގައި މަސައްކަތްކުރައްވާނެ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ. ނަމަވެސް، މީކާއީލަކީ މަޖިލިސް މެންބަރަކަށްވުމުން ޕާޓީއަށް ވަގުތު ނުދެވޭނެ ކަމަށާއި، އޭނާގެ ކެމްޕޭނަކީ ރައްޔިތުންނަށް އޮޅުވައިލުމަށް ހިންގާ ކަމެއްކަމަށް ތުހުމަތުކުރެއްވިއެވެ.

  • އެމްޑީޕީގެ އަސްލު އޮތީ ރޫޅިފައިނޫން ކަމަށާއި، ރޫޅައިލެވުނީ އެމްޑީޕީގެ ނަމުގައި އޮތް ހުސް ތޮށިގަނޑެއްކަމަށް ބޮންޑޭ ސިފަކުރެއްވުން.
  • 2018 ވަނަ އަހަރު ރައީސް ނަޝީދު މިނިވަންކުރުމަށް އެމްޑީޕީގެ ކޮންގްރެސްއިން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އެދިފައިނުވުމަކީ ޕާޓީގެ އެތެރޭގެ މައްސަލަތަކުގެ ފެށުންކަން ފާހަގަކުރުން.
  • ޗެއާޕާސަން ކަމަށް ވާދަކުރައްވާ ރައީސް ނަޝީދަކީ ޕާޓީގެ މަސައްކަތްތަކަށް ހުސްވެގެން ހުންނަވާނެ ފުރިހަމަ ޤާބިލުކަންހުރި ބޭފުޅެއް ކަމަށް ބުނެ ތައުރީފުކުރުން.
  • ވާދަވެރި ކެންޑިޑޭޓް މީކާއީލަކީ މަޖިލިސް މެންބަރަކަށްވުމުން ޕާޓީއަށް ވަގުތު ނުދެވޭނެކަމަށާއި، އޭނާގެ ކެމްޕޭނަކީ އޮޅުވައިލުމެއްކަމަށް ތުހުމަތުކުރުން.

އިދިކޮޅު މައި ޕާޓީގެ ގޮތުގައި މިހާރު އޮތް އެމްޑީޕީ، ރޫޅައިލުމަށްފަހު، ރާވާނީ ވެސް، އެ ބޭފުޅުން ކަމަށް، 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީން ވަކިވެ، ކުރީގެ ރައީސް މުޙައްމަދު ނަޝީދާ އެކު ދަ ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވި މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ރޭ ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ބޮންޑޭ ވަނީ އެމްޑީޕީ ދެ ފެކްޝަނަކަށް ބައިވެގެން ދިޔަ ގޮތާ މެދު ވާހަކަދައްކަވައިފައެވެ. އަދި ކުރިއަށް އޮތް އެ ޕާޓީގެ ޗެއާޕާސަން އިންތިޚާބުގައި މީގެ ކުރިން ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއާ ފަހުން ގުޅިވަޑައިގެންނެވި ނަޝީދު ވާދަކުރައްވާތީ، ވާދަވެރި ކެނޑިޑޭޓު މީކާއިލް ނަސީމްގެ ސަޕޯޓަރުން ދައްކާ ވާހަކަތަކަށް ވެސް ރައްދު ދެއްވައިފައެވެ.

އޭނާ ވިދާޅުވީ ހަގީގީ އެމްޑީޕީ "ރޫޅައިނުލާ" ކަމަށާއި، ރޫޅާލީ އެމްޑީޕީގެ ނަމުގައި އޮތް "ހުސް ތޮށިގަނޑެއް" ކަމަށެވެ. އަދި ރޫޅާލަން ޖެހުނު ހަގީގީ ސަބަބަކީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ނަޝީދަށް ވާޑަކުރެއްވޭނެ މަގުފަހިކުރަން މަސައްކަތްނުކުރުމުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.

އެގޮތުން އޭނާ ފާހަގަކުރެއްވި ގޮތުގައި 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލީއިރު، ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތުގައި ހުންނަވައިގެން 'ޖަޒީރާ ރާއްޖެ' މެނިފެސްޓޯ އެކުލަވާލެއްވިއެވެ. ނަމަވެސް ނަޝީދު ހުކުމެއްގައި ހުންނެވުމާއެކު އެމްޑީޕީން ނެރެން ޖެހުނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުކަމަށް ވިދާޅުވިއެވެ.

އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ނަޝީދު މިނިވަންކުރުމަށް ގޮވައިލަން ބައިނަލްއަގްވާމީ ދުނިޔޭގައި އެމްޑީޕީން އެދެން ބޮންޑޭ އިސްވެ ހުށަހެޅުއްވުމުން ވެސް ޕާޓީގެ ކޮންގްރެސްއިން އެކަން އޭރު ނުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުގެ ކުރިމަތީގައި ހިނގާފައި ހުރި ކަންކަން، މިއީ ރޫޅާލަން ޖެހުނު ސަބަބުތައް. އަޅުގަނޑުމެންނަށް ފެނުނު އޭރު އެމްޑީޕީއޭ ކިޔައިގެން އުޅުނު ބައިގަނޑުގެ އިންސާނިއްޔަތުކަމެއް ނެތްކަން،" ބޮންޑާ ވިދާޅުވިއެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބޮންޑޭ ވިދާޅުވީ، ވާދަކުރައްވާ ދެ ކެނޑިޑޭޓުން ކަމަށްވާ ނަޝީދާއި މީކާއީލަކީ އުޑާއި ބިމާހައި ތަފާތު ދެ ބޭފުޅުން ކަމަށެވެ. ނަޝީދަކީ ޕާޓީ ބާރު ދުވެލީގައި ކުރިއަށް ގެންގޮސްދޭނެ "ޖެޓް އިންޖީނެއް"ގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ބޮންޑޭ ވިދާޅުވި ގޮތުގައި ނަޝީދަކީ ޕާޓީގެ އޮފީހުގައި ކުރަންޖެހޭ ހުރިހާ މަސައްކަތަކަށް ވަގުތު ދެވޭނެ، ތަޖުރިބާހުރި ބޭފުޅެކެވެ. ނަމަވެސް މީކާއީލަކީ މަޖިލިސް މެންބަރަކަށް ވުމުން، ޕާޓީގެ ކަންކަމަށް ވަގުތު ދެވޭނެ ކަމަށް ވިދާޅުވުމަކީ "މަކަރާއި ހީލަތުން ހިންގާ ސްކޭމެއް" ކަމަށް އޭނާ ވިދާޅުވިއެވެ.

މީކާއީލް އަކީ "ޓޫޓީ އިންޖީނެއް"ގެ ގޮތުގައި ވެސް ސިފަކުރައްވަމުން ބޮންޑޭ ވިދާޅުވީ، މީކާއީލަށް ޒިންމާ އަދާކުރަން އެމްޑީޕީ އޮފީހަށް ވަޑައިގަތުމަށް ވެސް ވަގުތު ނުލިބޭނެ ކަމަށާއި، 'އިތުބާރު'ގެ ނަމުގައި ހިންގަނީ ރައްޔިތުންނަށް އޮޅުވާލުމުގެ ބޮޑު އަމަލެއް ކަމަށެވެ.

comment ކޮމެންޓް