ޢަދާވާތްތެރިކަން ނިމުމަކަށް ގެނެސް، ހަމަލާތައް ހުއްޓާލުމަށް ލުބުނާނާއި އިސްރާއީލުން އެއްބަސްވެފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެ.
އިސްރާއީލުން ލުބުނާނުގައި ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަަކީ އެމެރިކާއާއި އީރާންގެ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމުގައި ހިމެނޭ އީރާނުގެ ޝަރުތެކެވެ. ލުބުނާނަށް ދޭ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލުން އެއްބަސްވެފައިވަނީ ކުވޭތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށާއި ކުވޭތު އެއާޕޯޓަށް ވެސް އީރާނުގެ ވަރުގަދަ ހަމަލާތައް އަމާޒުވެފައިވަނިކޮށެވެ.
ވޮޝިންގްޓަންގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ، އިސްރާއީލާއި ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމުގައި އީރާނާ ގުޅިފައިވާ ހަތިޔާރު އެޅި ޖަމާއަތް، ހިޒްބުالله ގެ ހަމަލާތައް މުޅިން ހުއްޓައި، އެ ޖަމާއަތުގެ ހުރިހާ އޮޕަރޭޓިވުން ސައުތު ލިޓާނީ ސެކްޓަރުން ނެރުން ހިމެނޭ ކަމަށެެވެ.
"ހަނގުރާމަ ހުއްޓާލުން ބިނާވެފައިވަނީ ހިޒްބުاللهގެ ހަމަލާތައް މުޅިން ހުއްޓި، ސައުތު ލިޓާނީ ސެކްޓަރުން ހިޒްބުاللهގެ ހުރިހާ އޮޕަރޭޓިވުން ބޭރުކުރުމުގެ މައްޗަށް،" އެ ބަޔާނުގައި ބުނެފައިވެއެވެ.
ދެ ގައުމުން ވެސް އެއްބަސްވެފައިވަނީ ލުބުނާނުގެ ސިފައިންގެ ސަރަހައްދުގެ ޚާއްސަ ކޮންޓްރޯލް ނަގައި، ޕައިލެޓް ޒޯންތައް އުފެއްދުމުގެ މަސައްކަތް އަވަހަށް ކުރިއަށް ގެންދިއުމަށް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އަނަދޮލު ނޫހާ ވާހަކަ ދެއްކި ލުބުނާނުގެ މަސްދަރުތަކުން ބުނާ ގޮތުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ މައި މަރުކަޒުގައި ކުރިއަށް ގެންދިޔަ އެ މަޝްވަރާތަކުގެ ދެވަނަ ދުވަހުގެ މަޝްވަރާތައް ހަ ގަޑިއިރަށް ވުރެ ގިނައިރަށް ދެމިގެންދިޔައެވެ.
އެމެރިކާއިން ސްޕޮންސާ ކުރި މި މަޝްވަރާތަކަކީ އޭޕްރީލް 17 ވަނަ ދުވަހު އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު ވެސް އިސްރާއީލުން ކޮންމެ ދުވަހަކުހެން ލުބުނާނަށް ހަމަލާ ދެމުން ދަނިކޮށް ފެށި މަޝްވަރާތަކެކެވެ. އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުގެ ގާތްގަނޑަކަށް 3،500 މީހުން ވަނީ މަރުވެފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސިފައިންނަށް އަމުރުކޮށް، ބެއިރޫތަށް ހަމަލާތައް ދިނުމަށް ގޮވާލެއްވުމުން ހަމަނުޖެހުންތައް ވަނީ އިތުރުވެފައެވެ.
އެގޮތުން ބުދަ ދުވަހު އިސްރާއީލުން ދިން ޑްރޯން ހަމަލާތަކުގައި ލުބުނާނުގެ ދެކުނުގައި މަދުވެގެން ހަ މީހަކު މަރުވެފައިވާއިރު، ބެއިރޫތުގެ ދެކުނުން ކާރަކަށް ހަމަލާ އަމާޒުކޮށްފައިވާ ކަމަށް ލުބުނާނުގެ ސަލާމަތީ މަސްދަރުތަކުން ބުނެފައިވެއެވެ.