ނިމުނު ހަފުތާގައި ސްކޭމްގެ މައްސަލަތަކުގައި 5 ލައްކަ ރުފިޔާ ގެއްލުނު: ފުލުހުން

މީހަކު ފޯނާ ކުޅެނީ: ނިމުނު ހަފްތާގައި ސްކޭމްގެ މައްސަލަތަކުގައި 5 ލައްކަ ރުފިޔާ ގެއްލުނު ކަމަށް ފުލުހުން ބުނެފި -- ސަން ފޮޓޯ

ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި މިމަހުގެ ސަތާރަވަނަ ދުވަހުން ފެށިގެން ތޭވީސްވަނަ ދުވަހުގެ ނިޔަލަށް ނަވާވީސް މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މި މައްސަލަތަކުގައި ޖުމްލަ 598467 ރުފިޔާ ގެއްލިފައިވާއިރު އޭގެ ތެރެއިން 255710 ރުފިޔާ ވަނީ އަނބުރާ ހޯދިފައެވެ. އެންމެ ގިނައިން ހުށަހަޅާފައިވަނީ އޮންލައިން ވިޔަފާރީގެ މައްސަލަތަކެވެ. މިފަދަ ކުށްތައް ކުރާ ފަރާތްތަކުން އާންމުކޮށް ބޭނުންކުރަނީ އޮންލައިން މެސެޖިން މަންސަތަކާއި އައިބޭ އަދި ފޭސްބުކް މާކެޓް ޕްލޭސް ފަދަ ވަސީލަތްތަކެވެ. އެހެންކަމުން އާންމު ރައްޔިތުން މިކަންކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ނުހަނު މުހިންމު ކަމެކެވެ.

  • މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:
  • ވިޔަފާރި މުއާމަލާތްތައް ކުރުމުގެ ކުރިން އެއީ ސައްހަ ރަޖިސްޓްރީކޮށްފައިވާ ތަނެއްތޯ ކަށަވަރުކުރުން.
  • ފައިސާ ފޮނުވުމުގެ ކުރިން ރަސްމީ ނަންބަރަށް ގުޅައި މައުލޫމާތު ޔަގީންކުރުން.
  • ޑޮލަރު މާރުކުރުމުގައި ލައިސެންސް އޮތް ތަނެއްކަން ކަށަވަރުކުރުމާއެކު މުވާސަލާތީ ނަންބަރުތަކުގެ ސައްހަކަން ބެލުން.
  • ޝައްކުކުރެވޭ ލިންކުތަކަށް ނުފިއްތުމާއި އޯޓީޕީ ފަދަ މުހިންމު މައުލޫމާތު އެހެން ފަރާތްތަކާ ހިއްސާނުކުރުން.
  • ނަވާވީސް ސްކޭމް މައްސަލައެއްގައި ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ވަނީ ގެއްލިފައެވެ.
  • ގެއްލުނު ފައިސާގެ ތެރެއިން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ވަނީ ހޯދިފައެވެ.
  • އެންމެ ގިނައީ އޮންލައިން ވިޔަފާރިއާއި ގުޅޭ އޮޅުވާލުމުގެ މައްސަލަތަކެވެ.
  • އަމިއްލަ މައުލޫމާތާއި އޯޓީޕީ ހިއްސާނުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

ނިމުނު ހަފުތާގައި ސްކޭމުގެ މައްސަލަތަކުގައި ފަސް ލައްކަ ރުފިޔާ ގެއްލިފައިވާކަމަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.

ފުލުުހުންގެ އެންޓި ސްކޭމް ސެންޓަރުން ވަނީ ނިމިދިޔަ ހަފުތާގައި އެ ސެންޓަރަށް ރިޕޯޓުކޮށްފައިވާ ސްކޭމްގެ މައްސަލަތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

އެގޮތުން މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް އެ ސެންޓަރަށް 29 މައްސަލައެއް ހުށަހަޅާފައިވާއިރު އެ މައްސަލަތަކުގައި ޖުމްލަ 598,467 ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އެ ފައިސާގެ ތެރެއިން 255،710 ރުފިޔާ ހޯދިފައިވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އެ ސެންޓަރުން މައުލޫމާތު ދިންގޮތުގައި ނިމުނު ހަފުތާގައި އެ ސެންޓަރަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ މައްސަލަތަކެވެ. އެގޮތުން އެފަދަ 15 މައްސަލައެއް ހުށަހަޅައިފައިވާއިރު ފައިސާ މާރުކުރުމުގެ ހަ މައްސަލައެއް ހުށަހަޅައިފައިވެއެވެ. އަދި ޝަޚުސު އޮޅުވާލުމުގެ ދެ މައްސަލައަކާއި ފިޝިން، ވިޝިން އަދި ޖޮބްސްކޭމްގެ ފަސް މައްސަލައެއްގެ އިތުރުން އެހެނިހެން މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ.

އެ ސެންޓަރުން ބުނިގޮތުގައި ސްކޭމަރުން ސްކޭމްކުރުމަށް ބޭނުންކޮށްފައިވާ އުކުޅުތަކުގެތެރޭގައި އޮންލައިން މެސެޖިން މަންސަތަކާއި އައިބޭއާއި ފިޝިން ލިންކުތަކުގެ އިތުރުން ފޭސްބުކް މާކެޓް ޕްލޭސް ހިމެނެއެވެ.

ފުލުހުން ވަނީ ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން އަމަލުކުރަންވީ ގޮތުގެ އިރުޝާދު ވެސް އާންމުންނާ ހިއްސާކޮށްފައެވެ. އެގޮތުން، ވިޔަފާރި އެކައުންޓަކާ މުއާމަލާތު ކުރާއިރު އެއީ ރަޖިސްޓްރީކޮށްފައިވާ ސައްހަ ވިޔަފާރިއެއްތޯއާއި ވިއްކާ މުދަލާ ގުޅޭ ވިޔަފާރިއެއްތޯ ކަށަވަރުކޮށް، ވިޔަފާރީގެ ނަންބަރު ކަށަވަރުކުމަށް ފުލުހުން ވަނީ އިރުޝާދުދީފައެވެ.

ފައިސާ ފޮނުވުމުގެ ކުރިން އެ ފަރާތެއްގެ ރަސްމީ ނަމްބަރަށް ގުޅައި ޔަގީންކުރުމަށާއި ޑޮލަރު މާރުކުރުމުގައި ލައިސެންސް އޮތް ތަނެއް ނަމަވެސް ވައިބާ ނުވަތަ ވަޓްސްއެޕް ނަމްބަރުގެ ސައްހަކަން ކަށަވަރުކުރުމަށް، ރަސްމީ ނަމްބަރަށް ގުޅައި ނުވަތަ ގޫގުލް މެދުވެރިކޮށް ކަށަވަރުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ޝައްކުކުރެވޭ ލިންކުތަކަށް ނުފިއްތުމަށާއި އޯޓީޕީ ޝެއާނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް