"ދަރިފުޅު، މާ ބޮޑަށް ކަމެއް ވީތަ އަނެއްކާ؟ ބައްޕަ މިއިނީ އަޑު އަހަން." މުރާދު ހުރިހާ ސަމާލުކަމެއް އަޔާޝްއަށް ހުއްޓައިލުމާއެކު އަޔާޝް ބޯ ޖަހައިލުމަށްފަހު، ވާހަކަ ދައްކަން ފެށިއެވެ. އަޔާޝް ބުނެލި ވާހަކައާއެކު ބަސްމާއާ މުރާދަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ.
ދެވަނަ ސިކުންތުގައި އެ ދެމީހުންގެ ތުންފަތް މައްޗަށްވެސް ވެރިވެގެންދިޔައީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ.
"ކައިވެނިކުރަން ބޭނުންވަންޏާ ބައްޕަމެން ހުރަހެއް ނާޅާނަން. އެކަމަކު ބައްޕަމެންނަށްވެސް އެއީ ކޮން ކުއްޖެއްކަން އެނގެން ޖެހޭނެއެއްނު. އެ ކުއްޖާއަށް ކިޔާ ނަމެއްވެސް އޮންނާނެއެއްނު." މުރާދު ހިނިތުންވެލައިގެން އިނދެ ވާހަކަ ދެއްކިއެވެ.
"އެ ތެދެއް ކޮން ނަމެއްތަ ކިޔަނީ؟" ބަސްމާ ވެސް ސުވާލުކޮށްލިއެވެ.
"ލަޔާލީ... އަޅުގަނޑު ބޭނުން މަންމަމެންނާ ލަޔާލީ ބައްދަލުކުރުވަން. އަދި ދެ ޢާއިލާ ވީހާވެސް އަވަހަކަށް ބައްދަލުކޮށް ކައިވެނީގެ ކަންތައް ހަމަޖައްސަން ވެސް." އަޔާޝް ހާމަކޮށްލިއެވެ. އޭނަ ފުރަތަމަ އެ ވާހަކަ ދެއްކިއިރު، އަޑުގައި ހުރި ނުތަނަވަސްކަންވެސް މިހާރު ކޮންމެވެސް ވަރަކަށް ފިލައިފިއެވެ. އޭނަގެ ކައިވެންޏަށް، މަންމައާއި ބައްޕަވެސް ނުހަނު އިންތިޒާރުކުރަމުން ދިޔަކަން އެ ދެމީހުންގެ މޫނުމަތީން ފެންނަމުން ދިޔަ އުފާވެރިކަމުން އެކަނިވެސް އަޔާޝްއަށް ފަހުމްވިއެވެ.
"އެނގޭ ދަރިފުޅުގެ ހޮވުން ގޯސް ނުވާނެކަން... އެކަމަކުވެސް މައިންބަފައިންވީތީ އެނގެން ބޭނުންވާ ބައެއް ކަންތައްތައް ހުންނާނެއެއްނު. ލަޔާލީއަކީ ކޮން ކަހަލަ ކުއްޖެއްކަމާއި، ލަޔާލީގެ ޢާއިލާއާ ބެހޭ މަޢުލޫމާތުތައް." މުރާދު ވާހަކަ ދެއްކިއެވެ. އެއާއެކު އަޔާޝް ވެސް ބޯ ޖަހައިލިއެވެ. ދަރިން ކިތަންމެ ބޮޑު ވިޔަސް ދަރިންގެ ކަންތައްތައް މައިންބަފައިން ބަލަން ޖެހޭނެކަން ޚުދު އޭނަ ވެސް ޤަބޫލުކުރެއެވެ.
ލަޔާލީގެ ވަނަވަރު އަޔާޝް ކޮންމެވެސް ވަރަކަށް ކިޔައިދިނެވެ.
"މަންމަ މިއަދު ވަރަށް އުފާވެއްޖެ!" ބަސްމާ ހަޤީޤަތުގައި ވެސް ހުރީ ވަރަށް އުފާވިއެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ދަރިން ބޮޑެތިވެ ޒިންމާދާރުވުމަށްފަހު ދެން، ކޮންމެ މަންމައަކާއި ބައްޕައަކުވެސް ދެކެން ބޭނުންވާނީ އެ ދަރިން އުފާވެރި ޒަވާޖީ ޙަޔާތެއް ފަށާ މަންޒަރެވެ. އަޔާޝްއަކީ އޭނަ ބަނޑުއަޅައި ވިހޭ ދަރިއަކަށް ނުވިއެއްކަމަކު، މައިވަންތަ ލޯބިން އޭނަގެ ހިތްވަނީ ފުރިފައެވެ.
"ދަރިފުޅުމެން ދެ ކުދިން ވާހަކަ ދައްކާލާފަ ބައްޕަމެންކައިރީ ބުނެލާ. ބައްޕަމެން މިތިބީ ލަޔާލީއާ ބައްދަލުކުރަން ތައްޔާރަށް. ދޯ ބަސްމާ." މުރާދު ބަސްމާއަށް ބަލައިލުމާއެކު އާއެކޭ ބުނުމުގެ ގޮތުން ބަސްމާވެސް ބޯ ޖަހައިލިއެވެ.
"އަޅުގަނޑު ދެން ގޮސް ލިޔަސް އެންމެ ރަނގަޅުތޯ؟" މުރާދަށް ބަލައިލުމާއެކު، އަޔާޝް އަހައިލިއެވެ. ހަޤީޤަތުގައި އެގޮތަށް އެވާހަކަ ދައްކަންވުމުން އޭނަ ހުރީ ކޮންމެވެސް ވަރަކަށް ލަދުވެސް ގަތްފައެވެ. އަޔާޝްގޮސް ނުކުމެލުމާއެކު ބަސްމާ ބަލައިލީ މުރާދަށެވެ.
"އަދި ކިރިޔާ އެ ވާހަކަ ބުނެވޭ ވަރު އެވީ..." ލުއިކޮށް ހީނލަމުން ބަސްމާ ބުނެލިއެވެ.
"އެނގުނަސް، އަޔާޝް ބުނަންދެން ހަމަ މަޑުކޮށްލައިގެން މިހުރީ. ކައިވެންޏެއް ކުރަން މާ ލަސްވެސްވެއްޖެ މިހާރު." މުރާދު ބުނެލިއެވެ. އޭނަ ކުޑަކޮށް ހަށިގަނޑު ސީދާކޮށްލަމުން ބަސްމާގެ އަތުގައި ހިފައްޓައިލިއެވެ. އަދި އެ އަތަށް ބާރުކޮށްލިއެވެ. "އަހަންނަކަށް ނޭނގެ ބަސްމާއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް. މިއަދު އަޔާޝް ޒިންމާދާރުވެ ދިރިއުޅުމެއް ފަށަން ތައްޔާރުވަމުންދާއިރު، އަހަންނަށް ވުރެ ބޮޑަށް ޝުކުރު ހައްޤީ ބަސްމާއަށް. އެ ދަރިންނަށް ހެޔޮގޮތް ކިޔައިދީ އެންމެ ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރީ ހަމަ ބަސްމާ... އުފަން މަންމައެއްގެ ލޯބިދީގެން އެއްވެސް ޝަކުވާއެއް ނެތި. ޒޫނާ ނެތުމުން އެ ދަރިންގެ ޙަޔާތަށް ލިބިގެން ދިޔަ އުނިކަމާ ހުސްކަން ފޫބައްދައިދޭން ތިކުރި މަސައްކަތަށް އަހަންނަކަށް ނޭނގެ ޝުކުރު އަދާކުރާނެ ގޮތެއްވެސް."
މުރާދު ޖަޒުބާތީ ވިއެވެ. އޭނަ ޒޫނާ މަތިން މާ ބޮޑަށް ހަނދާންވީއެވެ. ބަސްމާއާ އިނދެގެން އުޅުނެއްކަމަކު އޭނަ ޒޫނާ މަތީން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލައެވެ. ނުވެސް ލެވޭނެއެވެ. އެއީ އޭނަގެ ފުރަތަމަ އަނބިމީހާއެވެ. ފުރަތަމަ ލޯތްބެވެ. އަދި ދަރީންގެ މަންމަވެސް މެއެވެ.
"މުރާދު. ތިކަހަލަ ވާހަކަ ނުދައްކާ. އަހަރެން ދުވަހަކުވެސް ޒޫނާގެ މަޤާމު އަތުލާކަށް ބޭނުމެއް ނޫން. މުރާދުގެ ހިތަކުން، އަދި ދަރީންގެ ހިތަކުންވެސް. ޒޫނާއަކީ މުރާދުގެ ފުރަތަމަ ލޯބި. މުރާދުގެ ފުރަތަމަ އަނބިމީހާ. މުރާދުގެ ހިތުގައި އަދިވެސް ޒޫނާއާ މެދު ލޯބިވާކަން އެނގުނު ނަމަވެސް، އެކަމަކާ މެދު އަހަރެން ހަސަދަވެރިއެއް ނުވޭ. ދުވަހަކުވެސް އެކަހަލަ އެއްޗެއް އިރާދުކުރެއްވިއްޔާ ހިތަކަށްވެސް ނާރުވާނަން. މުރާދު އަހަންނަށް ކިތަންމެ ވަރަކަށް ޝުކުރު އަދާކުރި ނަމަވެސް، އަހަރެންގެ ސަބަބުން މި ޢާއިލާ ރޫޅިގެން ދިޔަދިޔުމަށް އަބަދުވެސް ނަފްސު ކުށްވެރި ކުރެވޭނެ ކަންނޭނގެ." ބަސްމާ ބުނެލިއެވެ.
"ޒަހްރާންގެ ވާހަކަ ދޯ..." ފުންނޭވާއެއް ދޫކޮށްލި، މުރާދު ބަސްމާގެ އަތަށް ބާރުކޮށްލިއެވެ. "އޭނައަށް މިހާރު ވަރަށް ބޮޑެތި ބަދަލުތަކެއް އެބަ އަންނަމުން ދޭ. އަހަރެންގެ ހިތް ބުނަނީ ގިނަ ދުވަސްތަކެއްނުވެ އޭނަވެސް މި ޢާއިލާގައި ބަސްމާއަށް ދެވިފައިވާ މަޤާމު ޤަބޫލުކުރާނެޔޭ! އަބަދުވެސް އޭނަ ހަމަ އެހާ ބޯ ހަރުވާނެ. އަހަރެން ހިތަކަށް ނާރާ އެ ބޯހަރުކަމުގައި އެގާރަ އަހަރު ފާއިތުވެގެން ހިނގައިދާނެއެކޭ. އަޔާޝްއާއި އީލާފް އެކޭ އެއްގޮތަށް އޭނަވެސް ބަސްމާ ޤަބޫލުކުރާނެކަމަށް އަހަރެން ހީކުރީ..."
މާޒީގެ ހަނދާންތައް އާކުރަމުން ދެމަފިރިން ދިޔައިރު، އެއީ އުފަލާއި ހިތްހަމަޖެހުމާއި ހިނިތުންވުމުގެ އިތުރުން ހިތާމަޔާއި ހިތްދަތިކަމާއި، ނުތަނަވަސްކަމުގެ ވެސް ދާސްތާނެކެވެ.
"ދަރިންނެކޭ އެއްގޮތަށް އަހަރެންވެސް ބަސްމާ ދެކެ އިންތިހާއަށް ލޯބިވޭ. އެކަން ދުވަހަކުވެސް ހަނދާން ނައްތާނުލައްޗޭ. އަދި އަމިއްލަ ނަފްސު ދުވަހަކުވެސް ކުށްވެރިނުކުރައްޗޭ. އަހަންނަށް އެނގޭ ޒޫނާ ދުނިޔޭގައި ހުރިނަމަ ހުރިހާކަމެއްވެސް ތަފާތުވާނެކަން. އެކަމަކު ބަސްމާ ތިޔަ ކޮށްދެނީ ބައެއް މަންމައިން އެމީހުންގެ އުފަން ދަރިންނަށްވެސް ނުކޮށްދޭ ފަދަ ކަންތައްތަކެއް. އަހަރެން ބޭނުމެއް ނޫން ދުވަހަކުވެސް ޒޫނާ ހުރިނަމައޭ ކިޔާ، ބަސްމާއާ ދެމީހުން ދެމެދު ހުންނާނެ ތަފާތުތަކުގެ ވާހަކަ ދައްކާކަށް. ޒޫނާ އަބަދުވެސް އަހަރެންގެ ހިތުގައި ދިރިއުޅޭހެން ބަސްމާއަކީ އަހަރެންގެ މިއަދާ މުސްތަޤްބަލް. މިއަދު އަހަންނަށްވެސް މިހާހިސާބަށް މި އާދެވުނީ ހަމަ ބަސްމާގެވެސް ބުރަ މަސައްކަތުން."
ދެމެދުގައި ދެކެވެމުން ދިޔަ ވާހަކަތަކުން ރަމްޒުކޮށްދެމުން ދިޔައީ އެކަކު އަނެކަކަށް ދެހިތުން ވެސް ދެވިފައިވާ މަޤާމެވެ. ދިރިއުޅުމުގައި ދެމީހުންގެ ހިއްސާއެވެ. އެ ދެމެދުގައިވި ލޯބީގެ ފުންކަމެވެ. އެކަކު އަނެކަކަށް ކުރާ އިތުބާރާ އިޙްތިރާމެވެ. ހިތުގައިވި ކުލުނެވެ. ގުޅުމެއް ގިނަ ދުވަހު ދެމި އޮތުމަށް ބޭނުންވާ ހުރިހާ އަސާސެއް އެ ދެމީހުންގެ ގުޅުމުގައި ވެއެވެ. އެއީ ސާފު ހިތެއްގެ ވެރި ދެމީހުންނެވެ. ދިރިއުޅުމުގައި ކުރިމަތިވި ހުރިހާ ގޮންޖެހުންތަކަކާ އެކުގައި ކުރިމަތިލި ހިތްވަރުގަދަ ދެމަފިރިންނެވެ.
*****
މަންމަމެންގެ ކޮޓަރިން ނުކުތުމާއެކު އަޔާޝްއަށް ބަލައިލެވުނީ ފޯނަށެވެ. އޭރު ލަޔާލީގެ މެސެޖެއް ލިބިފައި އޮތެވެ. އޭނަ ގޮސް އަމިއްލަ ކޮޓަރިއަށް ވަނުމާއެކު، ލަސްނުކޮށް ލަޔާލީއަށް ގުޅައިލިއެވެ.
"މަޑުކޮށްލައްޗޭ..." ފޯނު ނެގުމާއެކު ލަޔާލީ ބުނެލިއެވެ. އޭރު ބަޔަކު މީހުން ވާހަކަ ދައްކާ އަޑު އޭނައަށް އިވުނެވެ.
"ގެއަކު ނޫންތަ؟" އަޔާޝް ސުވާލުކޮށްލިއެވެ.
"ނޫން ގޭގަ. އެއީ ސިޓިން ރޫމުގަ އެންމެން ވާހަކަ ދައްކަން ތިބީމަ. މިހާރު މިއައީ ރޫމަށް." ލަޔާލީ ބުނެލިއެވެ. "ދެން ބުނެބަ. މަންމަމެންނާ ވާހަކަ ދައްކައިފިންތަ؟"
"ހޫމް... ދެންމެ... ހާދަ ވަރަކަށް މެސެޖުކޮށްލާފައޭ އެ އޮތީ. މަންމަމެން ކައިރީގައި އެ ވާހަކަ ދައްކަން އެބަ ދަމޭ ކިޔާފަ ވިއްޔަ އަހަރެން ދިޔައީ ވެސް..." އަޔާޝްއަށް ބުނެވުނެވެ.
"އަޔާ ގިނައިރު ވީމައޭ. ދެން ބުނެބަ. ކީކޭތަ މަންމަމެން ބުނީ؟" ލަޔާލީ ހުރީ ކެތްތެރިކަން ކުޑަވެފައިކަން އޭނަގެ އަޑުން އެކަނިވެސް ދޭހަވަމުން ދިޔައެވެ.
"ގިނަ އިރެއް ނުވާނެ.." އަޔާޝްއަށް ހެވުނެވެ.
"ދެން އަޔާ... ޕްލީޒް. އަހަރެން ނުތަޅުވަބަ. ކީކޭތަ ބުނީ! " ލަޔާލީ ކޮޓަރީގައި ދެކޮޅަށް ހިނގަން ފެށީ ހާސްވެފައި ވީލެއް ބޮޑުކަމުންނެވެ.
"އަހަރެން ބުނީމެއްނު އަހަރެންގެ އެދުމަށް މަންމަމެން ހުރަހެއް ނާޅާނެޔޭ. ނުބުނަންތަ؟ ދެން ތިހާ ހާސްނުވެބަ ލޯބީ..." އަޔާޝް ބުނެލިއެވެ.
"އަސްލުވެސްތަ؟ އަހަރެމެން ދެމީހުންގެ ގުޅުމަށް އެއްބަސްދޯ..." ލަޔާލީ ސުވާލުކޮށްލިއެވެ. އޭނަ ވަނީ މީގެ އެއް ދުވަސްކުރިން އަޔާޝްގެ ވާހަކަ އޭނަގެ ޢާއިލާއާ ހިއްސާކޮށްފައެވެ. ލަޔާލީގެ މައިންބަފައިންގެ އެއްވެސް މައްސަލައެއް އެކަމުގައި ނެތުމުން ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން ދިޔައީ އަޔާޝްވެސް އެ ވާހަކަ އޭނަގެ ޢާއިލާއާ ހިއްސާކުރަނެ ދުވަހަކަށެވެ.
"ބައްޕަމެންގެ މައްސަލައެއް ނެތް. ދުވަހެއް ނިންމާފަ ދެން ހަމަ ލަޔާލީ އަންނަންވީ މިގެއަށް އަހަރެންގެ މަންމަމެންނާ މީޓްކުރަން. އެއަށްފަހު ދެން ދެ ފެމެލީ މީޓްކޮށްފަ ކައިވެނީގެ ވާހަކަ ދައްކާގޮތަށް." އަޔާޝް ވެސް ހުރީ ނުހަނު އުފާވެފައެވެ.
"އަހަރެން އަސްލުވެސް ވަރަށް ވަރަށް ބޮޑަށް ލޯބިވޭ..." އިސްވެ ލޯބިވާ ވާހަކަ ލަޔާލީ ހާމަކޮށްލިއެވެ. އަޔާޝްވެސް އެއަށް ރައްދު ދިނީ ހަމަ އެފަދައިންނެވެ. ލަޔާލީ ފަދައިން އޭނަވެސް އިންތިހާއަށް ލަޔާލީ ދެކެ ލޯބިވާ ވާހަކަ ބުނަމުންނެވެ. ދެ ޒުވާނުންވެސް މިހާރު ދެކެމުންދާ ހުވަފެނަކީ ވީހާވެސް އަވަހަކަށް ކައިވެނީގެ މަތިވެރި ގުޅުމުން ގުޅުމެވެ.
*****
ޒަހްރާން ދިޔުމުން ކޮޓަރިއަށް އައިސް ވަނުމަށްފަހު ވެސް އައިރާއަށް ވިސްނެނީ، ޒަހްރާން އެ ދެއްކި ވާހަކަތަކާ މެދުގައެވެ. އޭނަގެ ހިތުގައިވެސް ޒަހްރާނާ މެދު އިޙްސާސްތަކެއް ވާކަން ގައިމެވެ. އެ އިޙްސާސްތަކަށް ދޭނެ ނަމަކީ ލޯބި ނޫން ކޮން ނަމެއް ހެއްޔެވެ؟ އަލުން ދިރިއުޅުމަށް ފުރުސަތު ދޭން ޚުދު އޭނަވެސް ބޭނުމެވެ. އެހެންނަމަވެސް ފަސްޖެހެވެނީ އޭނަގެ ސަބަބުން އިތުރު ބައެއްގެ ދިރިއުޅުމުގެ ހަމަޖެހުން ގެއްލިގެން ހިނގައިދާނެތީއެވެ. އޭނަގެ ހަޔާތުގައިވި އަނދިރިކަމުގެ ސާލުން އެހެން ބައެއްގެ ދިރުއުމުގެ އުޖާލާކަން ފަރުދާ ކޮށްލަފާނެތީއެވެ.
"މީހަކަށް އިތުބާރުކުރުމަކީ މިހާރު އަހަންނަށް އެންމެ އުނދަގޫ ކަންތައް. އެކަމަކުވެސް ހިތް ބުނަނީ ޒަހްރާން ތަފާތޭ. މި ފާއިތުވެ ދިޔަ މަސްތަކުގައި، އަޔާޝްއާއި ޒަހްރާންގެ ތަފާތު ވަރަށް ރަނގަޅަށް ފެނިއްޖެ. ދެމީހުންގެ ހުރި ފަރަޤުގެ ބޮޑުމިން ވެސް...... އަހަރެންގެ ހިތުގައި ޒަހްރާންއާ މެދު މިވާ އިޙްސާސްތައް ހިތުގެ ތެޅުން ހަލަބޮލި ކުރުވާ ކޮންމެ ހިނދަކު އެދެވެނީ ޒަހްރާނަށް ފުރުސަތެއް ދިނުމަށް. އަހަރެންގެ އަމިއްލަ ނަފްސަށް ފުރުސަތު ދިނުމަށް. ވަރިއަކީ ނިމުމެއް ނޫންކަން ޤަބޫލުކުރަން ބޭނުން. މިހުރިހާ ކަމަކުން އަރައިގަންނަންވެސް. ޒަހްރާން ދެކެ އަހަރެންވެސް ވަރަށް ލޯބިވޭ. އެކަމަކު... އެކަމަކު ޒަހްރާން އަހަރެންގެ ކައިރީގައި ހަމައެކަނި އަހަރެމެން ދެމީހުންނާ ދޭތެރޭ ވިސްނަން ބުނި ނަމަވެސް، އެހެން ކިހިނެއްތަ ކަންތައްކުރާނީ؟ ކައިވެންޏަކާ އެކު ޢާއިލާވެސް ގުޅިގެންދޭ. ރިހާމްގެ ޢާއިލާއިން އަހަރެން ޤަބޫލުނުކުރި ސަބަބު އަދިވެސް އަހަރެންގެ ފަސްބައިގައި ލައްގަނޑެއް ހެން އެބަހުރި. ދުވަހަކުވެސް އެ ނުފިލާނެ. ވީއިރު މިކަހަލަ ޢާއިލާއަކުން އަހަންނަށް ފުރުސަތު ލިބިދާނެތަ؟" އައިރާއަށް އަމިއްލަ ހިތާ އެތަކެއް ވާހަކައެއް ދެކެވުނެވެ. އޭނައަށް މޭގައި އަތް އަޅައިލެވުނެވެ. ޒަހްރާނަށް ޖަވާބު ދޭނެ ގޮތެއް ހިތުތެރޭގައި ރާވަން އޭނަ މަސައްކަތްކުރަމުން ދިޔައެވެ.
އެތަކެއް ވިސްނުންތަކަކަށް ފަހުވެސް ހިތުގެ ކުރިމަތީގައި ގޮތް ދޫކުރަން އައިރާއަށް މަޖުބޫރުވީއެވެ. އޭނަގެ ހިތުގައި ރިހާމްގެ ސަބަބުން ލީ ޒަޚަމްތައް އަދިއެއް ފަސޭހައެއް ނުވެއެވެ. އެހެންނަމަވެސް ދިރިއުޅުމަށް އިތުރު ފުރުސަތެއް ދޭން އޭނަ ބޭނުންވީއެވެ. ޙަޔާތުގެ ދާސްތާނު އޭނަގެ ޤަލަމުން ލިޔެލަން ބޭނުންވީއެވެ. މިއަދު ޒަހްރާނަށް ފުރަގަސްދޭން އޭނަ ބޭނުންނުވި ސަބަބަކީވެސް އެއީއެވެ. ހިތަށް އެއްވެސް ނުފޫޒެއް ފޯރުވުމެއްނެތި އެ ހިތް އެދޭ ގޮތް އޭނަ ނިންމައިފިއެވެ. އާއެކެވެ. އޭނަގެ ހިތުގައި ޒަހްރާންއާ މެދު ވަނީ ފުން އިޙްސާސްތަކެކެވެ. އެ އިޙްސާސްތައް ހިންދައިލުމަކީ މިއަދު ނާދިރުކަމަކަށް ވެއްޖެއެވެ.
އައިރާގެ ފަރާތުން ޖަވާބަކަށް އިންތިޒާރުކުރަމުން ދިޔަ ޒަހްރާނަށް ކެތްކުރެވުނީ އެންމެ ދުވަހެކެވެ. އޭނައަކަށް އިތުރަކަށް މަޑެއް ނުކުރެވުނެވެ. ހިތުގައި އުފެދުނު ބޭޤަރާރުކަމުގެ ކުރިމަތީގައި ގޮތް ދޫކޮށްފައި އައިރާގެ ޖަވާބެއް ހޯދުމަށް ޒަހްރާން އައިރާއާ ބައްދަލުކުރިއެވެ. އޭނަ އައިރާ ގޮވައިގެން ދިޔައީ ބޭރަށެވެ. އެއީ ރޭގަނޑެކެވެ.
ކާރުގެ ކުރީ ސީޓުގައި އިން އައިރާގެ ނަޒަރު ވަނީ ކުރިމައްޗައް ހުއްޓިފައި ނަމަވެސް، އިރުއިރުކޮޅުން ޒަހްރާންގެ ތޫނު ނަޒަރު އޭނައަށް އަމާޒުވަމުންދާކަން އެނގި، މީހާވަނީ ފިނިވެފައެވެ. ދެއަތް ދެއަތާ މޮޑެވެން ފެށުނީވެސް ނުތަނަވަސް ވީލެއް ބޮޑުކަމުންނެވެ. އެކަން ޒަހްރާނަށް އެނގުނު ނަމަވެސް، އެހިނދު އޭނަގެ ތުންފަތް މަތީގައި ދުވެލީ ލުއިލުއި ހިނިތުންވުމެކެވެ. އޭނަ އެދުނު އެދުމަށް އައިރާ އެއްވެސް ވަރަކަށް ދެކޮޅު ހެދުމަށްނެތި އިޖާބަދީ ބޭރަށް ދިޔުމަށް އެއްބަސްވުމުން އޭނަގެ ހިތުގައިވަނީ އުންމީދުގެ ހުޅުކޮޅެއް ދިއްލިފައެވެ.
ޒަހްރާން އައިރާ ގޮވައިގެން ދިޔައީ ހުޅުމާލެއަށެވެ. އޭނަ މަޑުކޮށްލީ ހުޅުމާލޭ ފޭސްޓޫގެ ބީޗާ ދިމާލުގައެވެ. ޒަހްރާން އައިރާއަށް ބަލައިލުމަށްފަހު ކާރުގެ ދޮރުފަތް ހުޅުވާލާފައި ނުކުމެއްޖެއެވެ. ކުޑަކޮށް ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް އައިރާ އިން ފަރާތުގެ ދޮރުފަތް ވެސް ހުޅުވައިލަ ދީފިއެވެ. އެއަށްފަހު އޭނަ އަތް ދިއްކޮށްލިއެވެ. އައިރާ އެއަތަށް އަވަސް ނަޒަރެއް ދީފައި ޒަހްރާނަށް ބަލައިލުމަށްފަހު، އެއަތުގައި ހިފިއެވެ.
އައިރާގެ އަތްތިލަ ފިނިވެފައިވާ މިންވަރު ޒަހްރާނަށް އިޙްސާސް ކޮށްލެވުނުހިނދު އޭނައަށް އައިރާއަށް ގޮވާލެވުނެވެ. އެ އަތުން އޭނައަށް ތުރުތުރު އެޅުމެއް އިޙްސާސްވީތީއާ ވެސް އެކުގައެވެ.
"އާރ ޔޫ އޯކޭ؟" ޒަހްރާނަށް ސުވާލު ކޮށްލެވުނެވެ.
"ހޫމް..." ކާރުން ފޭބުމާއެކު އައިރާ އޭނަގެ އަތް ޒަހްރާންގެ އަތުތެރެއިން މިނިވަންކޮށްލިއެވެ. އެއަށްފަހު އިސްޖަހައިލިއެވެ. އައިރާގެ އަޑުންނާއި އަމަލުތަކުން އޭނަ ލަދުގަތްވެފައިވާ މިންވަރު ޒަހްރާނަށް އިޙްސާސްކުރެވުނު ނަމަވެސް، އެމޫނުމަތީން ފެނުނު ނުތަނަވަސްކަން ވެސް އޭނައަށް އެނގުނެވެ. އައިރާ ލާފައިހުރީ ކަނޑު ނޫކުލައިގެ އަބާޔާއެކެވެ. ހެދުމުގެ ފުޅާ އަތްކުރީގައި މިނާތަކެއް ޖަހާ ޒީނަތްތެރި ކޮށްލާފައިވާއިރު، މެދާ ދިމާލުން ދަމާފައިވާ ރޭނދާގަނޑުގައިވެސް ވެސް ވިދުމެއްގެ އަސަރު ހުއްޓެވެ. އަޅާފައި ހުރީ ތަންކޮޅެއް މަޑު ނޫކުލައިގެ ޝޯލްއެކެވެ. އެއްވެސް މޭކަޕެއްކޮށްފައި ނުވާ އިރުވެސް އައިރާގެ ސިފައިގައި އެއްވެސް އުނިކަމެއް ނެތެވެ. ފިޔާތޮށިކުލައިގެ ތުންފަތާއި، އަލި ހަންގަނޑާއި އަންހެން ވަންތަކަމެވެ. އަންހެނެއްގެ އަންހެން ވަންތަކަން ހާމަވާނީ ލާ ހެދުންތަކާ، އަޅާ އަގުބޮޑެތި ގަހަނާއިން ނޫންކަން ޒަހްރާނަށްވެސް އައިރާ ފެނުމުން އިޙްސާސްވިއެވެ. އެހެންނަމަވެސް އެއީ ލަދުވެތިކަމާއި، ނިޔަނެތިކަމާއި، މައުސޫމްކަމާއި ގުޅިފައިވާ ސިފައެކެވެ. އޭނައަށް އައިރާއާ ނަޒަރު ވަކިކޮށްލަން ނޭނގިފައި ހުރެވުނެވެ. ހިތް އެދި ގޮވަން ފެށީ އައިރާއަށް އޭނަގެ އަތުގެ ހިމާޔަތް ދީފައި ލޯބިވާވަރު ހާމަކޮށްލާށެވެ. އެހިތުން އައިރާ ކަށަވަރުކޮށްފައިވާ މަޤާމު ބުނެލަދޭށެވެ. އޭނަ އިންތިހާއަށް އައިރާ ދެކެ ލޯބިވާކަމުގައި އިޤުރާރުވާށެވެ. އެހެންނަމަވެސް، އަމިއްލަ އިޙްސާސްތައް ހަމައަކަށް އަޅުވައިލާ ހަލަބޮލިވެފައިވާ ޖަޒުބާތުތައް ކިޔަމަންކުރުވަން އޭނަ މަސައްކަތްކުރިއެވެ.
ޒަހްރާން އޭނަ ލާފައިހުރި ޑެނިމް ޖީންސްގެ ޖީބަށް އަތްތިލަ ޖަހައިލުމަށްފަހު އައިރާއަށް ބަލަން ހުރި ގޮތުން އެ ފިރިހެންވަންތަކަން އިތުރަށް ފުރިހަމަވީހެން ހީވިއެވެ. ލާފައިވާ، ހުދު ޓީޝާޓްގެ މަތިން ލާފައިވާ ޑެނިމް ޖެކެޓްގައި ހުރިއިރު ސުޕަ މޮޑެލްއަކަށް ދުލެއް ނުކުރެއެވެ.
"ޝޭލްވީ..." ޒަހްރާން އިޝާރާތް ކުރީ ގޮނޑު ދޮށާ ދިމާލަށެވެ. އައިރާވެސް އިތުރު އެއްޗެއް ނުބުނެއެވެ. އޭނަވެސް ޒަހްރާނާއެކު ހިނގައިގަތެވެ. އެހެންނަމަވެސް، އެންމެ ފަހަރަކު ވެސް ޒަހްރާނާ ހަތަރު ކަޅި ހަމައެއް ނުކުރެއެވެ. ޒަހްރާނާ އެއްހަމައެއްގައި ހުރެ ހިނގަމުންދިޔައިރު ވެސް އައިރާގެ ސިކުނޑީގައި އަދިވެސް ހާސްކަމެއް ވިއެވެ.
ގޮނޑު ދޮށަށް ފޭބުމާއެކު، ޒަހްރާން އައިރާއާ ކުރިމަތިލިއެވެ. އެއާއެކު އައިރާގެ ހިތް ތެޅިލިއެވެ. ޖެހެމުން ދިޔައީ ތެތްފިނި ވައިރޯޅިތަކެކެވެ. ސާފުއިރު، ހަނދުވެސް އޭގެ ރިހިއަލި އެތަނަށް ފަތުރަމުން ދިޔައީ އެ ދެޒުވާނުންގެ ޝަރަފުގައި ހެން ހީވެއެވެ. އެ ހަނދުގެ އިސްތިޤްބާލުގައި އެތުރިލައިގެން ތިބި އެތަކެއް ހާސް ތަރިތައް ވެސް ކުދި ކުދި ޖަވާހިރުކޮޅުތަކެއް ފަދައިން ވިދަމުން ދިޔައެވެ. އެމީހުން ތިބި ހިސާބުގައި މީހުންނެއް ނެތެވެ. ތަނަށް ވެރިވެފައިވާ ހިމޭންކަން ނައްތައިލަމުން ދިޔައީ ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅުތަކުގެ އަޑުންނެވެ.
"އައިރާ...." ޒަހްރާން އޭރުވެސް ހުރީ އޭނަގެ އަތް ޖީންސްގެ ޖީބަށް ޖަހާލައިގެންނެވެ. އޭނަ އައިރާއަށް ގޮވައިލީ އައިރާ އިސްޖަހާލައިގެން ހުންނަން ފެށުމުންނެވެ. "ޓެލްމީ..."
"އަހަންނަށް ފުރުސަތެއް ދޭނަންތަ؟ އަހަރެންވާ ލޯބި ސާބިތުކޮށްދޭން ތި ޙަޔާތުން އަހަންނަށް ފުރުސަތެއް ދޭނަންތަ؟ އަހަރެންގެ ލޯބި ޤަބޫލު ކުރާނަންތަ؟ އައިރާގެ ޙަޔާތުގެ ހުރިހާ އުފަލަކާއި ހުރިހާ ހިތާމައެއްގައި ހިއްސާވުމުގެ ފުރުސަތު އަހަންނަށް ދޭނަންތަ؟ އައިރާގެ ތި ޙަޔާތް އުޖާލާކޮށްދޭން އަހަރެން ބޭނުން. ތި އެކަނިވެރިކަމާ، ވޭނުން އައިރާ މިންޖުކޮށްދޭން ބޭނުން. ނޭނގި ހުއްޓާ އުފެދުނު އިޙްސާސްތަކެއް ހިތުގެ މިހާ ފުނުގައި ފެވިދާނެކަމަށް އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަން. އަހަރެންގެ ހިތަށް ތިފަދަ ގޮތަކަށް ބާރު ފޯރުވި ހަމަ އެކަނި އަންހެން ކުއްޖަކީ ތީ... އަހަރެން އައިރާގެ ހުރިހާ ސިފައެއް ދެކެވެސް ލޯބިވޭ. ތި މައުސޫމްކަމާއި މަޑުމައިތިރިކަން. ނިޔަނެތިކަމާއި، ހިނިތުންވުން. އައިރާ... އަހަރެން އައިރާ ދެކެ އިންތިހާއަށް ލޯބިވޭ. ބަޔާންކޮށްދޭން ނޭނގޭ ވަރަށް..." ޒަހްރާންގެ ދުލުން އިޤުރާރުވަމުން ދިޔައީ އޭނަ އައިރާ ދެކެ ވާ ލޯތްބަށެވެ. އެލޯބީގެ ފުންކަމާއި ޖަޒުބާތުތަކަށެވެ. އައިރާއާ މިރޭ ދައްކާނެ ވާހަކަތައް އޭނަ އެތަކެއް ގޮތަކަށް ފަރިތަކުރިއެވެ. އެހެންނަމަވެސް، އައިރާއަށްޓަކައި މިރޭ އޭނަގެ ދުލުން ނުކުތީ އެއަށްވުރެ ވެސް ފުން އިޙްސާސްތަކެކެވެ. އެއީ އޭނަ ފަރިތަ ކުރި ބަސްތަކެއްވެސް ނޫނެވެ. އެހެންނަމަވެސް މިރޭ ޒަހްރާންގެ ދުލުން އައިރާއަށް އެ އަޑު އިވުނީ އޭނަގެ ހިތުގެ ފަނާސާއެވެ. އެހިތުގެ ލޯތްބާއި އެދުންތަކެކެވެ.
(ނުނިމޭ)