ޝިއާއުގެ މަރު: ހުލާސާ ބަޔާން އިއްވުން އަނެއްކާވެސް ތާވަލުކޮށްފި

ޝިއާއު މުހައްމަދު ސައީދު މަރާލާފައި އޮއްވާ ފެނުން ގެ ހުންނަ ސަރަޚައްދު --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މާލޭގެ ގެއެއްގައި އަނިޔާވެރި ގޮތަކަށް މަރާލައިފައި އޮއްވައި ފެނުނު ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ ފ. ނިލަންދޫ، ފިނިފެންމާގޭ ޢަލީ ޝާހިލްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުން އަނެއްކާވެސް ތާވަލުކޮށްފިއެވެ.

ޝާހިލްގެ މައްސަލައިގެ ހުލާސާ ބަޔާން އިއްވުން އޮތީ މިއަދަށް ތާވަލުކޮށްފައެވެ. މިދިޔަ ހަފްތާއަށްވެސް ހުލާސާ ބަޔާން އިއްވުން ތާވަލުކުރިއެވެ. އެކަމަކު، ޝާހިލް ކޯޓަށް ހާޒިރުކޮށް ނުދެވުމުން އެ ދުވަހުގެ އަޑުއެހުން ކެންސަލްވީއެވެ.

ދެހާސް ބާވީސް ވަނަ އަހަރު، މާލޭގެ ގެއެއްގައި އަނިޔާވެރިކޮށް ޒުވާން އަންހެން ކުއްޖަކު މަރާލާފައި އޮތް މައްސަލައިގެ ދައުވާ ލިބޭ ޝާހިލްގެ މައްޗަށް ސިއްރު ބައެއް މައްސަލަ ސާބިތުވެ، މިހާރު އަންނަނީ ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެ މައްސަލަ ޝާހިލްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ނަމަވެސް، ލިޔެކިޔުން ނެތުމުން ހައިކޯޓުން އެ މައްސަލަ ބަލައި ނުގަތެވެ.

ޝިއާއުގެ މަރުގެ މައްސަލައިގެ ޝަރީއަތަށް ތިން އަހަރުވެފައި ވާއިރު، ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ އޮގަސްޓު 7، 2022ގައެވެ. އޭރުން ފެށިގެން ޝާހިލް ހުންނަނީ ބަންދުކޮށްފައެވެ.

ޝުއާއުގެ މަރުގެ މައްސަލައިގައި ފުލުހުން ކުރިން ބުނި ގޮތުގައި، ޝިއާއު މަރާލުމަށް ފަހު ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއެވެ. އަދި، ޝިއާއު މަރަށް ހުށަހެޅުނީ ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުންކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

މި މައްސަލައިގެ ހުކުމް، މި މަހުގެ ތެރޭގައި ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކުރިން ބުނެފައެވެ.

comment ކޮމެންޓް