ލޯނާއި ދަރަނީގެ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ބާކީ 1.3 މިލިއަން ރުފިޔާ ދައްކަވަން އެބަ ހުންނެވި ކަމަށާއި މިދިޔަ ހަ މަހުގެ ތެރޭގައި ތިން ލައްކައަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބިވަޑައިގެންނެވި ކަމަށް އެ މަނިކުފާނުގެ މާލީ ބަޔާނުން ހާމަވެއްޖެއެވެ.
މިއަދު އެ މަނިކުފާނު ވަނީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް މާލީ ބަޔާން ހާމަކުރައްވައިފައެވެ.
އެ ބަޔާނުން އެނގޭ ގޮތުގައި، މިދިޔަ ހަ މަސްތެރޭ ރައީސަށް ވަނީ، ޖުމުލަ 327،024 ރުފިޔާ ލިބިވަޑައިގެންފައެވެ. އެއީ، މުސާރައިގެ ގޮތުގައި ލިބިވަޑައިގެންނެވި 285،024 ރުފިޔާއާއި ހުޅުމާލޭގައި ހުންނަ އެމަނިކުފާނުގެ ރޯހައުސްގެ ކުލިން ލިބިވަޑައިގެންނެވި 240،000 ރުފިޔާގެ އިތުރަށް މ. ފިގްއިން ލިބިވަޑައިގެންނެވި 180،000 ރުފިޔާއެވެ.
އޭގެތެރެއިން، މ. ފިގް އިން ލިބިވަޑައިގެންނެވި ފައިސާއަކީ، އާއިލާގެ ފަރާތުން ހަދިޔާކުރެއްވި ފައިސާކަން އެމަނިކުފާނުގެ މާލީ ބަޔާނުން ހާމަވެއެވެ.

ރައީސް މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު -- ފޮޓޯ/ ރައީސް އޮފީސް
މާލީ ބަޔާނުގައި ވަނީ، ރައީސްގެ މިލްކިއްޔާތުގައި ހުރި މުދަލުގެ ތަފުސީލުތައް ވެސް ހާމަކޮށްފައެވެ. މިގޮތުން، އެ މަނިކުފާނުގެ މިލްކިއްޔާތުގައި ތިން ބިމަކާއި ހުޅުމާލޭގެ ރޯހައުސަކާއި ކާރެއް އޮވެއެވެ. އޭގެތެރެއިން، މ. ފިގްއިން ލިބިވަޑައިގެންފައި ވަނީ، ހިބައިން ދީފައިވާ ބައެއް ކަަމަށް ވާއިރު، މ. ދިމްޔާތަކީ ވާރުތަވެފައިވާ ބިމެކެވެ. އަދި، އެ މަނިކުފާނުގެ އުފަން ރަށް ހއ. ވަށަފަރުގައި ވެސް ބިމެއް އޮވެއެވެ.
އެ މުދާތަކުގެ އަގުތައް:
- ހުޅުމާލެ އެމްބާ ޓެރަސް ޓޫ [ރޯހައުސް]: 5،919،500 ރުފިޔާ
- ދިމްޔާތު، ހއ. ވަށަފަރު: 150،000 ރުފިޔާ
- ކާރު: 260،000 ރުފިޔާ
ރައީސްގެ މާލީ ބަޔާނުން ހާމަވާ ގޮތުގައި، މިއަދާ ހަމައަށް ރައީސްގެ ބީއެމްއެލް ދިވެހި ރުފިޔާ ކަރަންޓު އެކައުންޓުގައި ހުރީ، 184،845.52 ރުފިޔާއެވެ. އެއާއެކު، އެމަނިކުފާނުގެ ބީއެމްއެލް ސޭވިން އެކައުންޓުގައި ދިވެހި ރުފިޔާގެ ގޮތުގައި، މިއަދާ ހަމައަށް 1.7 މިލިއަން އެބަހުއްޓެވެ. އަދި، އިސްލާމިކް ބޭންކް ސޭވިން އެކައުންޓުގައި މިއަދާ ހަމައަށް 1،000 ރުފިޔާ އެބަހުއްޓެވެ.
މީގެ އިތުރުން، އެ މަނިކުފާނު މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީއަށް ލޯނުގެ ގޮތުގައި، 1.3 މިލިއަން ރުފިޔާ ބާކީ ދައްކަވަން އެބަ އޮތް ކަމަށް މާލީ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައިވާ ގޮތުން، މިދިޔަ ހަ މަސްތެރޭ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ލިބިވަޑައިގެންނެވި އެލަވަންސްގެ ގޮތުގައި، 199،99.98 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. އަދި، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ކޮންސަލްޓަންޓުގެ މުސާރައަށް ހަ މަހުން 4،927 ރުފިޔާ ލިބިވަޑައިގަތްއިރު، ދިމްޔާތު ޕްރައިވެޓް ލިމިޓެޑް އިން 78،000 ރުފިޔާ މިދިޔަ ހަ މަސްތެރޭ ވަނީ ލިބިވަޑައިގެންފައެވެ.
މިއަދު ރައީސްގެ މާލީ ބަޔާން ހާމަކުރެއްވިއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ކުރީކޮޅުން ފެށިގެން މާލީ ބަޔާންތައް އައީ ހާމަކުރައްވަމުންނެވެ. ނަމަވެސް، މިއީ ރައީސް މުއިއްޒު މާލީ ބަޔާން ހާމަ ކުރެއްވި ފުރަތަމަ ފަހަރެވެ.