އަންހެނުންގެ ޙައްޤުތަކަކީ އިހުނާ ޚިލާފަށް މިހާރު މާ ބޮޑަށް ހޯދައިދޭން ވަކާލާތުކުރެވޭ އެއްޗެކެވެ. އެ ކަނބަލުންނަށް އެ ކަން ކޮށްދޭން ތިބީ ފިރިހެނުންނެވެ. އެ ކަނބަލުންނަށް ބޭނުންވާ އެންމެ ބޮޑު ޙައްޤަކީ ރައްކާތެރިކަމެވެ.
އަންހެނުންގެ އެއް ބަޔަކު އަނެއް ބަޔަކަށް އެ މީހުންނަށް ބޭނުންވާ ޙައްޤުތައް ދަންނާނެއެވެ. އަންހެނެއްގެ އަތުން އޭނާފަދަ އަނެއް އަންހެން މީހާގެ ޙައްޤު ހޯދަން ވަކާލަތުކުރުން ވެގެންދާނީ ބުއްދިއަށް ޤަބޫލުކުރަން އުނދަގޫ ކަމަކަށެވެ.
ކޮންމެއަކަސް ބުނަމެވެ! އަންހެނުންނަށް ހޯދައިދޭންޖެހޭ އެންމެ ބޮޑު ޙައްޤަކީ ރައްކާތެރިކަމެވެ. މި ޙައްޤު އެ ކަނބަލުންނަށް ކޮންމެހެން ވެސް ލިބިދޭން ޖެހޭނެ ކަމަށް އެންގެވީ އެކަނބަލުންދެކެ އެންމެ ލޯބިވެވޮޑިގެންވާ އެކަނބަލުންގެ ވެރި އިލާހެވެ. އެކަނބަލުން އުފެއްދެވި ލޫޅާފަތިކަމާއި ޟަޢީފުކަން އެންމެ ބޮޑަށް ދެނެވޮޑިގެންވާ އެ ކަނބަލުންގެ ޚާލިޤެވެ. އެކަނބަލުންގެ ޖިއްސުއްލަތީފުކަމަކީ އެކަނބަލުންގެ ޒީނަތްކަމުގައި ލެއްވި މާތް ﷲއެވެ.
އެއިލާހު އެންމެ ފުރަތަމަ އުފެއްދެވި އަންހެން ކަމަނާއަށް ވެސް ރައްކާތެރިކަން އޭގެ އެންމެ ފުރަތަމަ ވަގުތުން ފެށިގެން ދެއްވެވިއެވެ. އެއީ ހައްވާގެފާނެވެ.
ހައްވާގެފާނު ޚަލްޤުކުރެއްވީ އާދަމުގެފާނުގެ އަރިކަށީގެ ކަށިކޮޅަކުންނެވެ. އާދަމުގެފާނު އަވަހާރަފުޅުލައްޕަވާން އޮންނަވަނިކޮށެވެ. އެކަލޭގެފާނު ހޭފުޅުލެއްވިއިރު އަރިހުގައި އަންހެން ކަނބަލަކު އިންނެވިއެވެ. ފިރިހެނުންގެ ޠަބީޢަތުން ބޭރުވެވަޑައިނުގަންނަވާ އެ އިންސާނާ (އާދަމުގެފާނު) އަވަސްވެވަޑައިގެންނެވީ ހައްވާގެފާނުގެ ހަށިކޮޅުގައި އަތްޕުޅު ބީއްސަވާށެވެ. އެހެނަސް މަލާއިކަތުން އެ ކަން މަނާކުރެއްވިއެވެ. އަދި އެ ކަމަނާއާ ކާވެނި އަޤުދު ވަންދެން، އެ ކަމަނާގައި ނުބީހުމަށް އެކަލޭގެފާނަށް ދެއްނެވިއެވެ. މި ހާދިސާއިން އެނގެނީ އެންމެ ފުރަތަމަ އުފެއްދެވި އަންހެން ކަމަނާއާ އެކު އަންހެންކަބަލުންނަށް ރައްކާތެރިކަމުގެ ޙައްޤު ދެއްވިކަމެވެ.
މިއަދާ ޖެހެންދެން ވެސް އަންހެނުންނަށް ރައްކާތެރިކަން ލިއްބައިދޭން ޖެހެނީ ފިރިހެނުންގެ ކިބައިންނެވެ. ބައްޕައެއްގެ ހިމާޔަތުގައި ތިބެ ބޮޑެތިވެގެން ކާވެނީގެ ގުޅުމަކުން ފިރިހެނަކާ ގުޅޭ ހިސާބުން އެ ނިޔަނެތި އަންހެނާ ވަންނަނީ ފިރިމީހާގެ ރައްކާތެރިކަމަށެވެ. މިއީ ކޮންމެ މުއުމިނު ފިރިހެނަކަށް ﷲ ދެއްވައިފައި އޮތް ވަރަށް މުހިންމު ނަސޭހަތެކެވެ.
އަނބިންގެ ބެލެހެއްޓުންތެރިކަމާއި އެކަނބަލުންނަށް ދިރިއުޅުމުގެ ޚަރަދު ދިނުމަކީ ފިރިމީހާއަށް އޮތް ކަމެއް ކަން ވަނީ އަންގަވައިފައެވެ. އަންހެނުންގެ ނަމުން ނަންދެއްވައިފައި އޮތް ސޫރަތުގެ 34ވަނަ އާޔަތުގައި އެ ވާހަކަ ވަނީ ގެންނަވައިފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ﴿الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ﴾ (النساء: ٣٤) މާނައީ: "ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމުވެގެން ތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު، ﷲ މާތްކުރައްވައި، އިތުރުކުރައްވައިފައި ވާ ކަމަށް ޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށް ޓަކައެވެ."
މި އާޔަތުގައި ﷲއެ ވަނީ އަންހެނުންނަށް ލިބިދޭން ޖެހޭ ރައްކާތެރި ކަމުގެ ޙައްޤު ވަރަށް ފުރިހަމައަށް ބަޔާންކޮށްދެއްވައިފައެވެ. އެކަނބަލުންނަކީ ރައްކާތެރިކަން ދީގެން ގެންގުޅެން ޖެހޭ ގޮތަށް އެއިލާހު އުފެއްދެވި މަޚުލޫޤެކެވެ.
ޖާހިލިއްޔަ ޒަމާނުގައި އަންހެނުން ނެރެ، ބާޒާރުތަކުގައި ވިއްކި ފަދައިން، ވިއްކޭ ބައެއް ކަމުގައި ހަދައިގެން ނުވާނެއެވެ. އެ ކަންކަމުން ރައްކާތެރިކޮށްދީ އެކަނބަލުންގެ ޙައްޤު ހޯއްދަވައިދެއްވީ އިސްލާމްދީނެވެ. މިއަދު ބާޒާރު މުދާ ވިއްކުމަށް ޓަކައި އިސްތިހާރުކުރެވޭ ބައެއްގެ ގޮތުގައި އަންހެންކަނބަލުން ގެންގުޅުމަކީ އެކަނބަލުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަމުގެ ޙައްޤުން އެކަނބަލުން މަޙުރޫމުކުރެވޭ ކަމެކެވެ.
މިފަދަ އެތައް މިސާލެއް ލިޔާ މީހަކަށް ލިސްޓުކުރެވިދާނެއެވެ. އެކަނބަލުން ގެދޮރުންނެރެފިއެވެ. އިޤްތިޞާދީ ރައްކާތެރިކަން އެކަނބަލުންގެ އަތްމައްޗަށް ދިނުމުގެ ޝިޢާރުގައެވެ. އެކަނބަލުން ދަރީންނާ ދުރުކުރުވައިފިއެވެ. އޭގެ ސަބަބުން ގެއްނުލީ އެކަނބަލުން ބޭނުންވާ ގޮތަށް ދަރީން ތަރުބިއްޔަތުކޮށް ޢާއިލާއެއް ބިނާކުރުމުގެ ރައްކާތެރިކަމެވެ. ރޭގަނޑުގެ އަރާމު ނިދިން މަޙުރޫމުކުރުވައިފިއެވެ. އަނެއް ޖިއްސުގެ މީހުންނާ އެއް ހަމައެއްގައި ޑިއުޓީކުރުމުގެ ހިތްވަރުދެމުންނެވެ. އޭގެ ސަބަބުން ގެއްލިދިޔައީ ފިރިޔެއްގެ ކަރިން ހޯދޭ ހަމަހިމޭންކަމުގެ ރައްކާތެރިކަމެވެ.
ޤިޔާމަތްދުވަހުގެ ރައްކާތެރިކަމަކީ ސުވަރުގެ ލިބުންކަމުގައި ވާއިރު، އޭނާގެ ގޭގައި އިނދެގެން ދަރިން ބަލައިބޮޑުކޮށް، އިސްލާމީ ރިވެތި ތަރުބިއްޔަތުން އެ ދަރިން ތަރުބިއްޔަތުކޮށްފި މަޔަކަށް އެ ރައްކާތެރިކަން ވަނީ ކަށަވަރުވެގެންނެވެ. އެހެންކަމުން ﷲއާއި އާޚިރަތްދުވަހަށް އީމާންވާ ކޮންމެ އަންހެނަކު ދަންނަންވީ ކަމަކީ އެކަނބަލުންގެ ރައްކާތެރިކަމާއި އެ ރައްކާތެރިކަން ލިބިގަތުމުގެ ޙައްޤު މާތް ﷲ ލައްވައިފައި ވަނީ އިސްލާމްދީނުގައި ކަމެވެ. އެ ނޫން ދީންތަކަށް ތަބާވެގެން އުޅޭ މީހުންގެ ކިބައިން ފެންނަ، ޚިޔާލީ ބާރުވެރިކަމާއި ވަގުތީ އުފާކުރުންތައް ބަލައި މާޔޫސް ނުވާށެވެ! ތިބާގެ މަންޒިލް ތިބާއަށް އެނގެއެވެ. އެ ދިމާލަށް ބާރަށް ކުރިޔަށް ދާށެވެ! އަންހެނުންނަށް ހޯދައިދޭންޖެހޭ އެންމެ ބޮޑު ޙައްޤަކީ ރައްކާތެރިކަން ކަމުގައި ދަނެގެން، އެ ކަން ލިބިގަންނާށެވެ!