ފޮޓޯ ހިއްސާކުރަން ޚާއްސަ ފީޗާއެއް އިންސްޓަގްރާމަށް

އިންސްޓަގްރާމަކީ މިހާރުވެސް ފޮޓޯ ހިއްސާކުރުމުގައި އެންމެ ކުރީގައި އޮތް އެޕް ---

އިންސްޓަގްރާމް މެދުވެރިކޮށް ރައްޓެހިންނަށް ފަސޭހަކަމާއެކު ވަގުތުން ފޮޓޯ ފޮނުވޭނެ އިންސްޓަންޓްސް ފީޗާއެއް މެޓާއިން ވަނީ ތަޢާރަފުކޮށްފައެވެ. މި ފީޗާގެ ދަށުން ފޮނުވާ ފޮޓޯތަކަށް އެއްވެސް ފިލްޓަރެއް ބޭނުމެއް ނުކުރެވޭނެއެވެ. އަދި ފޮޓޯ ބަލައިލުމާއެކު އޮޓޯއިން ފުހެވޭނެއެވެ. ޕްރައިވެސީއަށް ޚާއްޞަ ސަމާލުކަމެއް ދީގެން ތަޢާރަފުކުރި މި ފީޗާގައި ސްކްރީންޝޮޓް ނެގުން މަނާކޮށްފައިވާއިރު، ބެލެނިވެރިންނަށް ކުދިންގެ ޙަރަކާތްތައް މޮނިޓަރ ކުރެވޭނެ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ.

  • އިންސްޓަގްރާމަށް އެޑިޓް ނުކުރެވޭ ގޮތަށް ފޮޓޯ ފޮނުވޭ އާ ފީޗާއެއް ތަޢާރަފުކުރުން
  • ފޮޓޯ ބަލައިލުމާއެކު އޮޓޯއިން ފުހެވޭނެ އަދި ސްކްރީންޝޮޓް ނެގުން މަނާވާނެކަން
  • އަހަރު ދުވަހުގެ މުއްދަތަށް ފޮޓޯ އާކައިވްކުރެވޭނެ އަދި ފޮޓޯ އަންޑޫ ކުރެވޭނެކަން
  • ފުރާވަރުގެ ކުދިންގެ ރައްކާތެރިކަމަށްޓަކައި ބެލެނިވެރިންނަށް މޮނިޓަރ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން

އިންސްޓަގްރާމް މެދުވެރިކޮށް ރައްޓެހިންގެ މެދުގައި ފަސޭހަކަމާ އެކު ފޮޓޯ ހިއްސާކުރެވޭ ގޮތަށް "އިންސްޓަންޓްސް"ގެ ނަމުގައި އާ ފީޗާއެއް ތައާރަފުކުރިކަން މެޓާ ކުންފުނިން އިއްޔެ އިއުލާންކޮށްފިއެވެ.

މި ފީޗާއަކީ އެއްވެސް އެޑިޓްކުރުމެއް ނެތް، ވަގުތުން ނަގާ ފޮޓޯތައް އިންސްޓަގްރާމްގެ އިންބޮކްސް މެދުވެރިކޮށް ރައްޓެހިންނަށް ފޮނުވުމަށް ފަރުމާކޮށްފައިވާ ހިދުމަތެކެވެ.

މީގެ އިތުރުން، ފޯނުގެ ކެމެރާއަށް އަވަހަށް ވަދެވޭ ގޮތަށް "އިންސްޓަންޓްސް"ގެ ނަމުގައި ވަކި އެޕްލިކޭޝަނެއް ވެސް ބައެއް ގައުމުތަކުގައި ޓެސްޓުކުރަން ފަށާފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ. މި ޚިދުމަތަކީ މަޝްހޫރު 'ސްނެޕްޗެޓް'އާ އެއްގޮތް ސިފަތަކެއް އެކުލެވޭ ޚިދުމަތެއް ނަމަވެސް، މީގައި އިންސްޓަގްރާމްގެ ރައްކާތެރިކަމާއި ޕްރައިވެސީ ފީޗާތައް ހިމެނިފައިވެއެވެ.

އިންސްޓަންޓް އެޕްގައި ފޮޓޯތައް އެޑިޓްކުރުމުގެ ފުރުޞަތެއް ނޯންނާނެ ---

މި އާ ފީޗާ ފެންނަން ހުންނާނީ އިންސްޓަގްރާމް އިންބޮކްސްގެ ތިރީ ކަނާތްފަރާތުގައެވެ. މީގެ އެހީގައި "ކްލޯޒް ފްރެންޑްސް" ނުވަތަ ފޮލޯކުރާ ގާތް މީހުންނަށް ވަގުތުން ފޮޓޯ ނަގައި ފޮނުވާލެވޭނެއެވެ. މި ފީޗާގައި ފޮޓޯއަށް ކެޕްޝަނެއް އިތުރުކުރެވުނު ނަމަވެސް، ފޮޓޯ ނެގުމަށް ފަހު އެއްވެސް ކަހަލަ އެޑިޓެއް ނުވަތަ ފިލްޓަރެއް ބޭނުމެއް ނުކުރެވޭނެއެވެ.

މިގޮތަށް ފޮނުވާ ފޮޓޯތައް ރިސިޕްޝަން އިންބޮކްސްގައި ފެންނަން ހުންނާނީ ފުލުފުލުގައި ހުންނަ "ސްޓެކް"އެއްގެ ގޮތަށެވެ. އަދި، އެ ފޮޓޯ ބަލާލުމާ އެކު އޮޓޯއިން ފުހެވޭނެއެވެ. މީގެ އިތުރުން، މި ފޮޓޯތަކަށް ޑައިރެކްޓް މެސެޖުން ރިއެކްޓްކޮށް ރިޕްލައިކުރުމުގެ ފުރުސަތު ވެސް ލިބެއެވެ.

އިންސްޓަންޓްސް މެދުވެރިކޮށް ފޮނުވާ ފޮޓޯތައް އެއް އަހަރު ދުވަހުގެ މުއްދަތަށް އާކައިވްގައި ރައްކާކުރެވޭނެ އިންތިޒާމު މެޓާއިން ވަނީ ހަމަޖައްސާފައެވެ. މިގޮތަށް ރައްކާކުރެވޭ ފޮޓޯތައް ބޭނުންކޮށްގެން ފަހުން "ރީކެޕް ސްޓޯރީ"އެއް ތައްޔާރުކޮށްލުމުގެ ފުރުސަތު ލިބެއެވެ. އަދި، ފޮޓޯއެއް ފޮނުވާލެވޭ ގޮތް ނުބައިވެއްޖެނަމަ، އަނެކާ އެ ފޮޓޯ ބެލުމުގެ ކުރިން "އަންޑޫ"ކޮށްލުމުގެ އިހުތިޔާރު ވެސް ފޮނުވާ ފަރާތަށް އޮންނާނެއެވެ. އެންޑްްރޮއިޑް އަދި އައިއޯއެސްއަށް ތައާރަފުކުރި ވަކި އެޕްލިކޭޝަނުން ފޮނުވާ ފޮޓޯތައް ވެސް އިންސްޓަގްރާމް އެޕާ ސިންކްވާނެ ކަމަށް މެޓާއިން ބުނެއެވެ.

ޕްރައިވެސީއަށް ބަލާއިރު، އިންސްޓަގްރާމްގައި މިހާރު ވެސް ބޭނުންކުރާ ބްލޮކް، މިއުޓް އަދި ރެސްޓްރިކްޓް ފަދަ ހުރިހާ ވަސީލަތްތަކެއް އިންސްޓަންޓްސްގައި ވެސް މަސައްކަތްކުރާނެއެވެ. އަދި، މި ފީޗާ ބޭނުންކުރާއިރު ސްކްރީންޝޮޓް ނެގުމާއި ސްކްރީން ރިކޯޑުކުރުން ވަނީ މަނާކޮށްފައެވެ.

ފުރާވަރުގެ ކުދިންނަށް ޚާއްސަ ރައްކާތެރިކަމެއް ދިނުމުގެ ގޮތުން "ޓީން އެކައުންޓްސް" އަދި "ފެމިލީ ސެންޓަރު"ގެ ދަށުން ބެލެނިވެރިންނަށް ކުދިންގެ ހަރަކާތްތައް މޮނިޓާ ކުރެވޭނެއެވެ. މީގެ ތެރޭގައި ރޭގަނޑު 10 އިން ހެނދުނު 7 އަށް ހުންނަ "ސްލީޕް މޯޑް"އާއި، ކުދިން އިންސްޓަންޓްސް އެޕް ޑައުންލޯޑް ކުރުމުން ބެލެނިވެރިންނަށް ނޮޓިފިކޭޝަން ދިއުން ފަދަ ކަންކަން ހިމެނެއެވެ.

comment ކޮމެންޓް