ފިހާރައެއްގައި މަސައްކަތް ކުރި ލަންކާގެ އަންހެން ކޭޝިއަރަކު، އެ ފިހާރައިގެ ފައިސާތަކެއް ވަގަށް ނެގި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރުމަށް ފަހު، ހުކުމް އިއްވިއިރު، އިތުރަށް ތަންފީޒު ކުރާނެ ހުކުމެއް ނެތުމުން މިނިވަން ވެއްޖެއެވެ.
މިއީ 'ފްލޮރިޝް ބައި ސްޕެރާންޒާ' ކިޔާ ފިހާރައެއްގައި މަސައްކަތް ކުރި ލަންކާގެ އަންހެން ކޭޝިއަރަކު، އެ ފިހާރައިގެ 200،000 ރުފިޔާ ވަގަށް ނެގި މައްސަލައެވެ.
މި އަންހެން ކޭޝިއަރަކީ އެ ފިހާރައިގައި 2024 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް އެ ފިހާރައިގައި މަސައްކަތް ކުރިއިރު، އެ ތަނަށް ލިބުނު ފައިސާ ވަގަށް ނަގައިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.
އެ މީހާގެ ޝަރީއަތް މިދިޔަ ހަފުތާގައި ނިމި، ހުކުމްކުރީ، އެއް އަހަރާއި 12 ދުވަހަށް ޖަލަށްލާށެވެ.
އެކަމަކު، ދައުލަތުން، ވިޖެންދްރާ ވަޑުގެ ނިރާޝާ ރަސާލީ ކިޔާ މި މީހާގެ މައްޗަށް އުފުލި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާގެ ހުކުމް ކުރިއިރު، އޭނާ ވަނީ ވާނުވާ ބަންދުގައި އެއް އަހަރާއި ދެ މަހާއި ހަ ދުވަސް ހޭދަކޮށްފައެވެ. އެހެންކަމުން ހުކުމުގެ މުއްދަތަށްވުރެ ގިނަ ދުވަހު ބަންދުގައި ހުންނަން ޖެހުމުން އެ އަންހެން މީހާ މިނިވަންވީއެވެ.
މި އަންހެން މީހާ ޝަރިއަތް ނިމެންދެން ބަންދު ކުރީ، ތުހުމަތުކުރެވުނު މައްސަލައިގައި އޭނާގެ މައްޗަށް އެކަށީގެންވާ ހެކި ހުރުމުންނެވެ. އޭގެ ތެރޭގައި ތުހުމަތުކުރެވޭ ފަރާތުގެ ބަޔާނާއި، ފިހާރައިގެ ސީސީޓީވީ ފުޓޭޖް ހިމެނެއެވެ. މި ހެކިތަކުން ތުހުމަތުކުރެވޭ ފަރާތް ފިހާރައިގެ ވަތްގަނޑުން ފައިސާ ނަގާފައިވާކަން ފެންނަކަމަށް ކޯޓުން ފާހަގަކޮށްފައިވެއެވެ.
އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 އަދި 60 ވަނަ މާއްދާތަކަށް ރިއާޔަތްކޮށެވެ. ޚާއްސަކޮށް، ޝަރީއަތް ނިމުމުގެ ކުރިން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ކޯޓުން އޭރު ދެކުނެވެ. މީގެ އިތުރުން، ތުހުމަތުކުރެވުނު ފަރާތަކީ ބިދޭސީއަކަށް ވުމުން އޭނާ އަނބުރާ ސްރީލަންކާއަށް ފިލައިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށް ވެސް ކޯޓުން އޭރު ފާހަގަކޮށްފައިވެއެވެ.