އަންމަޓީ ޖަލު ހުކުމުން ސަލާމަތްވި މައްސަލައިގެ އިސްތިއުނާފު ނިމެންދެން ޕާސްޕޯޓް ހިފަހައްޓައިފި

އަހުމަދު މޫސާ މުހައްމަދު (އައްމަޓީ): އިސްތިއުނާ މައްސަލަ ނިމެންދެން އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފައި --

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކުރުމުން، މަކަރާއި ޙީލަތުން ގިނަ ބައެއްގެ އަތުން ފައިސާ ނަގައި ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ސީލައިފްގެ ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އަންމަޓީ)ގެ މައްޗަށް އުފުލި ދައުވާތައް ސާބިތުނުވި މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީލައިފް ގްލޯބަލްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުންޏާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ މާރިޗު 13، 2014 ގައެވެ. ނަމަވެސް، އެއްބަސްވުމުގައިވާ މުއްދަތުގެ ތެރޭގައި ޢަމަލީ މަސައްކަތް ފުރިހަމަނުކޮށް، އެޕާޓްމަންޓްތައް ވިއްކާނެކަމަށް ބުނެ 280 އަށްވުރެ ގިނަ މީހުންގެ އަތުން ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ މަގުން، ޖުމްލަ 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގާފައިވެއެވެ.

އެ މަސައްކަތް ކުރިއަށް ނުދިއުމުގެ ސަބަބުން 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެޗްޑީސީން ވަނީ އެއްބަސްވުން ބާޠިލުކޮށްފައެވެ.

https://sun.mv/220384

އެ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި، ޚިޔާނާތްތެރިވުމުގެ ކުށުގެ 42 ދަޢުވާއެއް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މެއި 30، 2021 ގައެވެ. އެ 42 ދަޢުވާ ސާބިތުވިނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ޙުކުމެއް އައުމުގެ ފުރުޞަތު އޮތެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ދައުލަތުން އުފުލާފައިވާ ދަޢުވާތަކަކީ މަދަނީ ޠަބީޢަތުގެ މުޢާމަލާތްތަކަކާ ގުޅޭ ދަޢުވާތަކެއް ކަމަށެވެ. އަދި އަންމަޓީގެ މި ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭނީ މަދަނީ ޢަދުލުގެ ނިޒާމުގެ ތެރެއިންކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރަށް ފެނިވަޑައިގަންނަވާކަމަށް ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.

އެހެންވެ، އެ މައްސަލައިގެ ޖަލު ހުކުމުން އަންމަޓީ ވަނީ ސަލާމަތްވެފައެވެ.

ޕީޖީ އޮފީހުން މިރޭ ބުނި ގޮތުގައި، ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ހައިކޯޓަށް ވަނީ ހުށަހަޅައިފަމެވެ. އެގޮތުން އެ އޮފީހުން އެދިފައިވަނީ މައްސަލައިގެ ހެކި ގަރީނާ ކޯޓުން ވަޒަންކޮށްފައިވަނީ ގާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވުމަށް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މީގެ އިތުރުން، އެއީ މަދަނީ ޠަބީޢަތުގެ މައްސަލައެއްކަމަށް ކޯޓުން ކަނޑައަޅުއްވާފައިވަނީ އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް މާނަކޮށްފައިވަނީ ހާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، އެ ދަޢުވާތައް ސާބިތުވާކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މީގެ އިތުރުން، މައްސަލައިގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން އަންމަޓީ ރާއްޖޭން ފުރުން މަނާކުރުމުގެ އަމުރަކަށް އެދި އެ އޮފީހުން ހައިކޯޓަށް ހުށަހެޅުމުން، އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް އިއްޔެ ނެރުއްވާފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ސީލައިފް މައްސަލައިގެ ތަހުގީގު މަރުޙަލާގައި އަންމަޓީ ފިލައިގެން ސްރީލަންކާގައި އުޅެނިކޮށް، 2019 ވަނަ އަހަރު އިންޓަޕޯލް ރެޑް ނޯޓިސް ނެރުނެވެ. އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނެސްފައިވަނީ 2021 ވަނަ އަހަރުގެ މާރިޗު މަހުގައެވެ. އޭގެ ފަހުން ޝަރީޢަތް ނިމެންދެން ބަންދުކުރުމާއި، ޞިއްޙީ ސަބަބުތަކަށްޓަކައި ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އެތައް މަރުޙަލާތަކެއް ކޯޓުތަކުގައި ހިނގާފައިވެއެވެ.

comment ކޮމެންޓް