ޑެންގީ ޖެހިގެން ހާލު ސީރިއަސްވި ޒުވާނަކު މިއަދު މަރުވެއްޖެއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ޑެންގީގައި ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދަނިކޮށް ނިޔާވީ އުމުރުން 23 އަހަރުގެ ޒުވާނެއް ކަމަށެވެ. އެއީ ށ. މިލަންދޫއަށް ނިސްބަތްވާ ނަބްހާން ނަމަކަށް ކިޔާ ޒުވާނެކެވެ.
މައުލޫމާތު ލިބުނު ގޮތުގައި ހުން އައުމުން އެ ޒުވާނާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ށ. މިލަންދޫ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް، ހާލަތު އިތުރަށް ގޯސްވާތީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކުރުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
މި ބަލީގައި ޒުވާނަކު މަރުވިއިރު، މި މަހުގެ ނުވަވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އެކަނި ވެސް 535 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓުކޮށްފައިވަނީ އެންމެ 60 ކޭހެވެ.