ހުސްވި ގޮނޑިއަށް ވާދަކުރައްވަން އައްޑޫގެ ކުރީގެ މޭޔަރު ސޯބެ ޝައުގުވެރިކަން ފާޅުކުރައްވައިފި

އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤު (ސޯބެ): ސޯބެ ވަނީ ހިތަދޫ އުތުރުގެ ގޮނޑިއަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާންގެ ގޮނޑި ގެއްލުމާއެކު، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤް (ސޯބެ) ވަނީ އެ ދާއިރާގެ ބައިއިލެކްޝަންގައި ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. ސޯބެ ވިދާޅުވީ އައްޑޫ ރައްޔިތުންނަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު، ގާނޫނުހަދާ މަޖިލީހުން ޚިދުމަތްކުރުމުގެ ފުރުސަތު ބޭނުންފުޅުވާ ކަމަށާއި، ގިނަ ރައްޔިތުންވެސް އެކަމަށް އެދޭ ކަމަށެވެ.

  • ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާންގެ ގޮނޑި ގެއްލިއްޖެކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުން.
  • ހުސްވި ގޮނޑިއަށް ވާދަކުރައްވަން އައްޑޫގެ ކުރީގެ މޭޔަރު ސޯބެ ނިންމެވުން.
  • ސޯބެއަކީ 10 ވަރަކަށް އަހަރު އައްޑޫގެ މޭޔަރުކަން ކުރައްވާފައިވާ ބޭފުޅެއް.
  • ގާނޫނު ބުނާގޮތުން 60 ދުވަހުގެ ތެރޭގައި ބައިއިލެކްޝަން ބާއްވަން ޖެހޭނެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް ވާދަކުރުމަށް، އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ) ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.

ފާހަގަކުރެވޭ ގޮތުގައި، އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ހުކުމާ އެއްގޮތަށް ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ސިނާން (ސިނާ) ފައިސާ ދައްކަމުން ނުދިއުމާ ގުޅިގެން، ޣާލިބު ސަލީމް ނަމަކަށް ކިޔާ މީހަކު ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. އެ މައްސަލައިގެ ހުކުމް މިއަދު އިއްވީ މައްސަލައިގެ އަޑުއެހުންތައް ނިންމާލިތާ ނުވަ މަސް ދުވަސް ފަހުންނެވެ. މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުން ވެސް ނިންމެވީ ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށެވެ.

ސޯބެ ވަނީ، ހުސްވެފައިވާ ހިތަދޫ އުތުރުގެ ގޮނޑިއަށް ވާދަކުރެއްވުމަށް ޝައުގުވެރިކަން ހުރިކަން 'ސަން'އަށް ކަށަވަރުކޮށްދެއްވައި، އެ ދާއިރާއަށް ވާދަކުރައްވާނެކަން ހާމަކުރައްވައިފައެވެ.

"ސިޔާސީ މަސައްކަތުގައި އުޅޭއިރު އަބަދުވެސް ބަލާނެ އެ މަސައްކަތުގައި ދެމިހުރެ، އަދި އެއާ އެއްކޮށް ކުރިއަށް ދިއުމަކީ އެންމެން ވެސް ކުރާނެ މަސައްކަތެއް، އެ މަސައްކަތުގައި މި އުޅެނީ، އެހެންވީމާ ސިޔާސީ މަސައްކަތް ކުރުމުގައި އައްޑޫގެ ރައްޔިތުންނަށް 10-12 ވަރަކަށް އަހަރު ސީދާ މި ސިޓީގެ އެންމެ އިސް މީހެއްގެ ގޮތުގައި މަސައްކަތްކުރެވި، ގާނޫނުހަދާ މަޖިލީހުން މި ފުރުސަތެއް ހުޅުވުނީމަ (ރައްޔިތުންނަށް ޚިދުމަތްކުރުމަށް) އެ ފުރުސަތު ބޭނުންވެގެން މި ޝައުގުވެރިވީ،" ސޯބެ ވިދާޅުވިއެވެ.

ހިތަދޫގެ ގިނަ ރައްޔިތުން، އޭނާ އެ ދާއިރާއަށް ވާދަކުރައްވަން އެދޭ ކަމަށް ވެސް ސޯބެ ވިދާޅުވިއެވެ.

އައްޑޫގައި 2011ވަނަ އަހަރުން ފެށިގެން 2021ވަނަ އަހަރުގެ ނިޔަލަށް މޭޔަރުކަން ކުރެއްވުމަށްފަހު، ސޯބެ ވަނީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފައެވެ. މިހާރު އެއީ އެމްޑީޕީގެ ހިތަދޫ އުތުރު ދާއިރާގެ ރައީސެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުތަކާބެހޭ ގާނޫނުގައިވާ ގޮތުން، މެންބަރެއްގެ ގޮނޑިއެއް ހުސްވާތާ ފަސް ދުވަހުގެ ތެރޭ ބައި-އިލެކްޝަނަށް ހުޅުވައިލައި، 60 ދުވަހުގެ ތެރޭ މެންބަރަކު އިންތިޚާބުކުރަން ޖެހޭނެއެވެ.

comment ކޮމެންޓް