މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކަށްފަހު، އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތައް މިހާރު ހައްލުކޮށް، ޕާޓީގެ ލީޑާޝިޕް އެކުގައި މަސައްކަތްކުރެވޭނެ ގޮތެއް ހޯދިއްޖެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގައި މައްސަލަ ހޫނުވީ އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި 'ހޭވައްލާ ތައްޔާރު' ޖަލްސާގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅުދައްކަވަން ފުރުސަތު ނުދިނުމުގެ ސަބަބުންނެވެ. އެ މައްސަލައިގައި ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ އެ ޖަލްސާ ބޮއިކޮޓްކުރައްވާފައެވެ.
އެފަހުން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވަކިކުރަން, 55 މެންބަރުންގެ ސޮޔާއެކު ޕެޓިޝަނެއް ވެސް ހުށަހަޅައި، އެ މައްސަލައަށް ގޮތެއް ނިންމަށް އަންނަ ހޯމަ ދުވަހަށް ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ވެސް އޮތީ ތާވަލުކޮށްފައެވެ. ޗެއާޕާސަންކަމުން ޣަފޫރު ވަކިކުރަން ހުށަހެޅީ ވެސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ ފަރާތުންނެވެ.
އެކަމުގައި ޕާޓީގެ އެތެރެ ވަރަށް ބޮޑަށް ހޫނުވެފައި ވަނިކޮށް މިރޭ، ޅ. ހިންވަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ އެ ޚިޔާލުތަފާތުވުންތައް ހައްލުކޮށް މިހާރު އެއްގަލަކަށް އަރާފައިވާ ކަމަށެވެ. އެގޮތުން ޕާޓީގެ ހުރިހާ ލީޑަރުން ވެސް މިހާރު އެކުގައި މަސައްކަތްކުރުމަށް އެއްބަސްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ ދެ ދުވަސް ކުރިން ޖެހުނު މައްސަލައަކާ ހުރެ އަޅުގަނޑުމެން ހުރިހާ ލީޑަރުން، ޕާޓީގެ އިސްކޮށް މިތިބި ހުރިހާ މީހުން މިދަނީ މަޝްވަރާކޮށް މިއަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން. އިއްޔެ ވެސް އަދި ރޭގައި ވެސް އަދި މިއަދު ވެސް އަޅުގަނޑު [ވަގުތު] ހޭދަކުރީ އެކަމުގައި. މިހާރު މިވަނީ މިކަމަށް ހައްލެއް ވެސް ހޯދާފައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު
ޞާލިޙު ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އެމްޑީޕީ ކުރިއަށް ދާނީ މުޅި ލީޑާޝިޕް އެކުގައި އޮވެގެން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މިފަހަރު ވެސް ދިމާވީ އެމްޑީޕީގެ އެތެރޭގައި އަބަދުވެސް ދިމާވާ ކަހަލަ ޚިޔާލު ތަފާތުވުންތަކެކެވެ.
އެމްޑީޕީގެ އެތެރޭގައި ހިތްހަމަނުޖެހުންތަކެއް އުފެދުނު އިރު، މީގެ ކުރިން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ވެސް އެމްޑީޕީގެ ތެރޭ ހަމަނުޖެހުން އުފެދި ޕާޓީ ބައިވިއެވެ.
އޭރު ނަޝީދަށް ތާއިދުކުރައްވާ ބޭފުޅުން ޕާޓީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފެއްދެވިއެވެ. ނަމަވެސް، އެ މެންބަރުން ފަހުން އެމްޑީޕީއާ ގުޅިވަޑައިގެން، ކައުންސިލު އިންތިޚާބުގެ ކެމްޕެއިނަށް ރަށްތަކަށް ވަޑައިގެން އުޅުއްވިއެވެ.
އެމްޑީޕީގެ ބައެއް މެންބަރުން ބުނާ ގޮތުގައި، އެ ޕާޓީއަށް ކައުންސިލް އިންތިޚާބުގައި ބޮޑު ކާމިޔާބެއް ލިބުނީ ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ޕާޓީން ކުރި މަސައްކަތުންނެވެ.