އިންޑިއާ ނޭވީން އިސްނަގައިގެން ރާއްޖޭގައި ކުރިއަށް ގެންދިޔަ ތަމްރީން ނިންމާލައިފި

އިންޑިއާގެ މަނަވަރުގައި އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު-- ސަން ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުالله

އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ކަނޑުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިންޑިއާ ނޭވީން އިސްނަގައިގެން ކުރިއަށްގެންދާ ސާގަރު 2026 ގެ ދަށުން ރާއްޖެއަށް ކުރި ޒިޔާރަތް ނިންމާލައިފިއެވެ. މި ދަތުރުގައި އިންޑިއާގެ މަނަވަރު އައިއެންއެސް ސުނޭނާ ރާއްޖޭގައި ބަނދަރުކޮށްފައިވާއިރު، މިއީ 50 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ އޮޕަރޭޝަނެއްގެ ފުރަތަމަ ބައިނަލްއަގުވާމީ މަންޒިލެވެ. މި ތަމްރީނުތަކުގައި 16 ގައުމަކުން 39 ސިފައިން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ 2 ސިފައިންވެސް ހިމެނެއެވެ.

  • އިންޑިއާ ނޭވީގެ މަނަވަރު އައިއެންއެސް ސުނޭނާ ރާއްޖެއަށް ކުރި ޒިޔާރަތް ނިންމާލުން.
  • ސާގަރު 2026 ގެ ދަށުން ކުރިއަށްގެންދިޔަ މި ހަރަކާތުގައި 16 ގައުމަކުން 39 ސިފައިން ބައިވެރިވުން.
  • މި ތަމްރީނުގައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ 2 ސިފައިން ބައިވެރިވުން.
  • މިއީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެއްކަން.

އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކަނޑުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ގުޅުން ބަދަހިކުރުމަށް އިންޑިއާ ނޭވީން އިސްނަގައިގެން ފެށި "އިންޑިއަން އޯޝަން ޝިޕް" (އައިއޯއެސް) އިނީޝިއޭޓިވްގެ ދަށުން ކުރިއަށްގެންދާ "ސާގަރު 2026" ގެ ބައިވެރިން ރާއްޖެއަށް ކުރި ޒިޔާރަތް ނިންމާލުމަށްފަހު ފުރައިފިއެވެ.

އިންޑިއާގެ މަނަވަރު "އައިއެންއެސް ސުނޭނާ" ގައި ކުރިއަށްގެންދިޔަ މި ދަތުރުގެ ބައިވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުން އިއްޔެގެ ނިޔަލަށެވެ. މިއީ 50 ދުވަހުގެ މުއްދަތަކަށް އިންޑިއާ ނޭވީން ފަށާފައިވާ ބޮޑު އޮޕަރޭޝަނެއްގެ ދަށުން އެ މަނަވަރު ބަނދަރުކުރި ފުރަތަމަ ބައިނަލްއަގުވާމީ މަންޒިލެވެ.

މި ދަތުރުގައި 16 ގައުމަކުން 39 ސިފައިން ބައިވެރިވާއިރު، އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ގެ ދެ ސިފައިންވެސް ހިމެނެއެވެ.

މި ޒިޔާރަތުގައި ތަޖުރިބާތައް ބަދަލުކުރުމާއި، ކަނޑުމަތީގައި ކުރިމަތިވާ މެރިޓައިމް ގޮންޖެހުންތަކާ ކުރިމަތިލުމަށް ތަފާތު ތަމްރީނުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ތަމްރީނުތަކުގެ މައިގަނޑު މަގުސަދަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ގައުމުތަކުގެ ކަނޑުގެ ސިފައިން ގުޅިގެން މަސައްކަތްކުރުމުގެ ގާބިލުކަން އިތުރުކުރުމެވެ.

މި ޒިޔާރަތުގެ ތެރެއިން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަމް ވަނީ މިދިޔަ ހޯމަ ދުވަހު މަނަވަރަށް ޒިޔާރަތްކުރައްވައި، ފަޅުވެރިންނާ ބައްދަލުކުރައްވާފައެވެ.

https://www.sun.mv/220212

"ސާގަރު 2026" އަކީ އިންޑިއާގެ "ނޭބަހުޑް ފަސްޓް" ސިޔާސަތާއި "މަހާސާގަރު" ތަސައްވުރުގެ ދަށުން، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މި އަހަރުގެ ފެބްރުއަރީ މަހު އިންޑިއާ ނޭވީން ވަނީ އިންޑިއަން އޯޝަން ނޭވަލް ސިމްޕޯޒިއަމް (އައިއޯއެންއެސް) ގެ ރިޔާސަތާ ހަވާލުވެފައެވެ. އެހެންކަމުން، މިފަހަރުގެ ދަތުރުގައި އައިއޯއެންއެސްގައި ހިމެނޭ 16 ގައުމެއްގެ މަންދޫބުން ބައިވެރިވުމަކީ މި ހަރަކާތަށް ލިބުނު އިތުރު ފުރިހަމަކަމެއް ކަމަށް އިންޑިއާގެ ދިފާއީ ވުޒާރާއިން ފާހަގަކުރެއެވެ.

comment ކޮމެންޓް