އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން މިއަދު ނެރުނު, އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކް (އޭޑީއޯ) ރިޕޯޓުގައި، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން މި އަހަރު ދިވެހިރާއްޖޭގެ އިގުތިސާދީ ދުވެލި ވަރަށް ބޮޑަށް ދަށްވާނެކަމަށް އަންދާޒާކޮށްފިއެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިއަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ހުންނާނީ އެންމެ 1.0 އިންސައްތައިގައެވެ. މިއީ މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާފައިވާ 5.4 އިންސައްތައާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.
ރިޕޯޓްގައި ބުނެފައިވާ ގޮތުން އިގުތިސާދީ ދުވެލި މިހާ ބޮޑަށް މަޑުޖެހިފައިވަނީ، މެދުއިރުމަތީގެ މައްސަލަތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި، ހަކަތައިގެ އަގުތަކަށާއި، އަދި ދައުލަތުގެ މާލީ ރައްކާތެރިކަމަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުގެ ސަބަބުންނެވެ.

މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ރާއްޖެއަށް މުދާ އެތެރެކުރުމުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ބޮޑުވެފައެވެ. އޭޑީބީން ލަފާކުރާ ގޮތުގައި، އިމްޕޯޓު މުދަލުގެ އަގު ބޮޑުވުމުގެ ސަބަބުން މި އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓު, ނުވަތަ ތަކެއްޗާއި ޚިދުމަތުގެ އަގުތައް 5.0 އިންސައްތައަށް އުފުލޭނެއެވެ. މިއީ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ، އިގުތިސާދު ގޮތުން އާއިލާތަކަށް ބުރަބޮޑުވެގެންދާނެ ކަމެކެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު، މިދިޔަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕަސިންޖާ ޓާމިނަލް ހުޅުވުމާއެކު ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު 10 އިންސައްތަ އިތުރުވިއެވެ. ނަމަވެސް، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު ނުވަތަ ބެޑް ނައިޓްސް ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދަށްވެފައެވެ. މިއަހަރުވެސް ފަތުރުވެރިން އަންނަ މިންވަރު އިތުރުވާނެކަމަށް ލަފާކުރެވުނު ނަމަވެސް، މެދުއިރުމަތީގެ މައްސަލަތަކާ ހުރެ އެ ކުރިއެރުން އަންނާނީ ވަރަށް ލަސް ދުވެއްޔެއްގައެވެ. ހަނގުރާމައިގެ ޙާލަތު ނެތްނަމަ ފަތުރުވެރިކަން މިއަށްވުރެ މާ ބޮޑަށް ކުރިއަރާނެކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުރީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. މިދިޔަ އަހަރު ފަތުރުވެރިކަމުން ލިބުނު އާމްދަނީ އިތުރުވުމާއި، ސަރުކާރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލުމުގެ ސަބަބުން އިމްޕޯޓު ދަށްވުމާ ގުޅިގެން ކަރަންޓް އެކައުންޓް ޑެފިސިޓް ކުޑަވިއެވެ. އަދި ބޭރު ފައިސާއާ ގުޅޭގޮތުން ހެދި އާ ގަވާއިދުތަކުގެ ސަބަބުން ރިޒާވް ކޮންމެވެސް ވަރަކަށް މައްޗަށް ދިޔައެވެ. ނަމަވެސް، މި މަހުގެ ދެ ވަނަ ދުވަހު ދައްކަންޖެހުނު 500 މިލިއަން ޑޮލަރުގެ ސުކޫކް ދެއްކުމަށްފަހު، ރިޒާވް ވަނީ އަނެއްކާވެސް ދަށްވެފައެވެ. މީގެ ސަބަބުން ބޭރުގެ ޝޮކްތަކުން ސަލާމަތްވުމަށް ރާއްޖެއަށް އޮތް ގާބިލުކަން ވަނީ ކުޑަވެފައެވެ.

ރައީސާއި އިކޮނޮމިކް މިނިސްޓަރު ސައީދު: -- ފޮޓޯ/ ބީސީސީ
މީގެ އިތުރުން، ކެޕިޓަލް ޚަރަދުތައް ކުޑަކުރުމުން މިދިޔަ އަހަރު ފިސްކަލް ޑެފިސިޓް ކުޑަވި ނަމަވެސް، ސަރުކާރުގެ ރިކަރަންޓް ޚަރަދުތައް ދިޔައީ މައްޗަށެވެ. ސުކޫކް ދެއްކުމަށްފަހުވެސް، ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީގެ) 130 އިންސައްތައާ ގާތުގައެވެ. ތެލުގެ އަގު ބޮޑުވުމުން ހަކަތައިގެ ސަބްސިޑީއަށް ކުރަންޖެހޭ ޚަރަދު ބޮޑުވެ، ފަތުރުވެރިކަން މަޑުޖެހުމުން ޓެކްސް އާމްދަނީ ދަށްވުމަކީ ދައުލަތުގެ ބަޖެޓަށް އޮތް ވަރަށް ބޮޑު ބުރައެކެވެ. ބޭރުން ފައިސާ ހޯދުމުގެ ފުރުޞަތުތައް ހަނިވެފައިވާތީ މިއީ ސީރިއަސް މައްސަލައެކެވެ.
ރާއްޖޭގެ އިގުތިސާދު ޙާލަތާ ގުޅޭގޮތުން އޭޑީބީގެ ސީނިއާ އިކޮނޮމިސްޓް ޖޫލްސް ހޫގޯ ވިދާޅުވީ، ދަރަނި ދެއްކުމުގައި ރާއްޖެއިން ކާމިޔާބީއެއް ހޯދާފައިވީ ނަމަވެސް، އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.
"ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވުމާއި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ސަރުކާރުގެ ބަޖެޓަށް ވަރަށް ބޮޑަށް ބާރުބޮޑުވޭ. އެހެންކަމުން މާލީ އިޞްލާޙުތައް ގެނައުމަކީ މިހާރު އެންމެ އަވަސްކުރަންޖެހިފައިވާ ކަންތައް," ހޫގޯ ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
މިއަހަރުގެ އިގުތިސާދު ދުވެލި މަޑުޖެހުނު ނަމަވެސް، އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު އަލުން އާރާސްތުވާން ފަށާނެކަމަށް އޭޑީބީން ލަފާކުރެއެވެ. އެގޮތުން، ފަތުރުވެރިކަން އަލުން ކުރިއަރައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އާންމު ޙާލަތަކަށް އައުމާއެކު، އަންނަ އަހަރު އިގުތިސާދު ކުރިއެރުން 3.0 އިންސައްތައަށް އަރާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.
ނަމަވެސް މި ކުރިއެރުން ޙާސިލުކުރެވެން އޮތީ، ސަރުކާރުން މާލީ އިޞްލާޙުތަކާއި ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތައް މެދުކެނޑުމެއްނެތި ތަންފީޒުކޮށްގެންނެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތައް ދިގުލައިގެން ހިނގައްޖެނަމަ، މި އަންދާޒާތަކަށް ބަދަލުއައިސް، ސަބްސިޑީއަށް ކުރަންޖެހޭ ޚަރަދު އިތުރަށް ބޮޑުވެ، ދައުލަތުގެ ރިޒާވްއަށް އިތުރު ޕްރެޝަރުތަކާ ކުރިމަތިލާންޖެހޭނެކަމަށް އޭޑީބީން ވަނީ އިންޒާރުދީފައެވެ.